ވިޔަފާރި

ބީއެމްއެލްގެ އާ ސީއީއޯ އަކަށް ޓިމޮތީ ސޯޔާ

އިނގިރޭސި ސަރުކާރުގެ ގައުމީ އިންވެސްޓްމަންޓް ކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު (ސީއައިއޯ) ކަން ކުރެއްވި ޓިމޮތީ ސޯޔާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ހަމަޖެއްސި ޓިމްއަކީ މާލީ ދާއިރާގައި 30 އަހަރުގެ ބައިނަލްއަގްވާމީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެގްޒެކެޓިވް އަދި ބޯޑު ލެވެލްގައި 20 އަހަރު އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ. ޓިމް، ބީއެމްއެލްއާ ގުޅިވަޑައިގެންނެވީ އިނގިރޭސި ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި ކަމަށްވާ އިނޮވޭޓް ޔޫކޭ ގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ގެ މަގާމުގައި ހުންނެވުމަށް ފަހު އެވެ.

އިނޮވޭޓް ޔޫކޭގެ ކުރިން ޓިމް މަސައްކަތް ކުރެއްވީ ސްޓާޓް އަޕް ލޯންސްގެ ސީއީއޯގެ ގޮތުގަ އެވެ. ޔޫކޭގެ ކުދި ވިޔަފާރިތަކާއި އަލަށް ފަށާ ވިޔަފާރިތައް ކުރިއަރުވައި ތަރައްގީ ކުރަން ޓިމް ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ އަށް ވަނީ ރާނީ އެލިޒަަބަތުގެ ފަރާތްޕުޅުން ކޮމާންޑަރު އޮފް ދަ މޯސްޓް އެކްސެލެންޓް އޯޑާ އޮފް ދި ބްރިޓިޝް އެންޕަޔާ (ސީބީއީ) އެވޯޑް އަރުވާފަ އެވެ.

ބީއެމްއެލް ސީއީއޯ ކަމަށް ޓިމް ހަމަޖެއްސިއިރު، މީގެ ކުރިން ވެސް އެ ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވީ އިނގިރޭސި ރައްޔިތެކެވެ. ކުރިން ހުންނެވީ އެންޑުރޫ ހީލީ އެވެ. އޭނާގެ ސީއީއޯ ކަމުގައި ދިވެހި ބޭންކަށް ވަނީ އިންގިލާބީ ބޮޑެތި ބަދަލުތަކާއި ކުރިއެރުން ގެނެސްދީފަ އެވެ. އޭނާ މިހާރު ހުންނެވީ އިނގިރޭސިވިލާތުގެ ފައިނޭންސް ކުންފުންޏެއްގެ ސީއީއޯ ކަމުގަ އެވެ.