ޒުވާނުން

އާއިލީ މޯހިރުން ނެއްޓޭނެ ގޮތެއް ނެތް!

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ހިއްސާ ކުރެއްވި އެވެ. އެ މަނިކުފާނުގެ ކަންބޮޑުވުމަކީ ޒުވާނުން ވަޒީފާއަށް ނުނުކުންނަ މައްސަލަ އެވެ. އާމްދަނީއެއް ހޯދަން މަސައްކަތް ނުކުރާ މައްސަލަ އެވެ. ޒުވާނުން މަސައްކަތަށް ނުނުކުމެ މައިންބަފައިންގެ މޯހިރަށް ދިރިއުޅުން ދޫކޮށްލުމުން ގައުމުގެ އިގްތިސޯދަށް ލޮޅުން އަރާ މައްސަލަ އެވެ. ތަރައްގީ އާއި އާބާދީ އެއްހަމަ ކުރަން ވަޒީފާއަށް ޒުވާނުން ނުކުންނަންޖެހޭ ކަމަށް ރައީސް ވިދާޅުވެ އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ 37 ޕަސަންޓަކީ ޒުވާނުންނެވެ. މަސައްކަތް ކުރާ އުމުރުގެ މީހުންނަކީ އާބާދީގެ 67 ޕަސަންޓެވެ. އާބާދީ އިތުރުވާ މިންވަރަށް ބަލާއިރު 2054 އާ ހަމަޔަށް ދާއިރު މަސައްކަތް އާބާދީގެ ޕަސަންޓޭޖް އޮންނާނީ ހަމަ އެ ގޮތުގަ އެވެ. އެހެންވެ ގައުމީ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު އާބާދީގެ ތެރޭގައި ތިބުމަކީ އިގްތިސޯދަށް ލޮޅުން އަރާނެ ކަމެކެވެ.

"އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް މައިބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުންދޭ. ގައުމީ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު އާބާދީގައި ތިބުމަކީ އިގްތިސޯދަށް ލޮޅުން އަރާނެ ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ މި ވާހަކަތަކަކީ ހަގީގަތުގައި ވެސް ކަންބޮޑުވާންޖެހޭ ވާހަކަތަކެކެވެ. ނަަމަވެސް، ޒުވާނުން ވަޒީފާއެއް ނުހޯދާ މައިންބަފައިންގެ މޯހިރުގައި މަސައްކަތެއް ނުކޮށް އުޅެނީ ކީއްވެގެންތޯ މިއީވެސް އޮތް ސުވާލެކެވެ. އޭގެ ސަބަބުތަކެއްވެސް ހުންނަން ވާނެ އެވެ.

ޒުވާނުން ވަޒީފާ ބޭނުން ނުވަނީއެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ބޭނުންވެފައިވާ މިންވަރު ސަރުކާރުގެ ބައެއް އިދާރާތަކުން ކުރާ އިއުލާނުތަކާއި އެއަށް ކުރިމަތިލާ ޒުވާނުންގެ ނަމްބަރުން އެނގިގެންދާނެ އެވެ.

ބައެއް އިދާރާތަކުން ވަޒީފާއަށް އިއުލާން ކޮށްލުމުން 500 އާއި ހާހާ ދެމެދުގެ އަދަދަކަށް ޒުވާނުން ކުރިމަތިލާފައި ވެސް ހުންނަ ކަމަށް ވެއެވެ.

ކޮންމެ ސަރުކާރަކުންވެސް ބުނަނީ ވަޒީފާ އުފައްދާ ވާހަކަ އެވެ. މި ސަރުކާރުން މިހާހަތަނަށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދާފައިވާ ކަމަށް މި ސަރުކާރުން ވެސް ބުނެ އެވެ.

"އަޅުގަނޑަކީ އޯލެވެލް އަދި އޭލެވެލްގެ ނޭޝަނަލް ޓޮޕް ޓެން ގައި ހިމެނުނު މީހެއް. މިހާރު އަދި ޝަރީއާ އެންޑް ލޯ އިން ޑިގްރީ ހަދާ މި ނިމުނީ. ގްރެޖުއޭޝަން އަދި ނުބާއްވާތީ އޭގެ އެޑްވާންސް ޑިޕްލޮމާ ސެޓިފިކެޓާއެކު ވެސް، އެތައް ތަނަކަށް އެޕްލައިކޮށްފިން. ދުވަހަކުވެސް އަދިއެއް ނުގުޅާ. ހީވަނީ ސަރުކާރުން ވަޒީފާއަށް އިއުލާން ކުރަނީ ވަކި ބަޔަކަށް ދޭން ހެން. އެތެރޭން ނިމިފަކަންނޭގެ އޮންނަނީ. މަސައްކަތެއް ނުކޮށް މިހެން ހުންނަން ޖެހުމަކީ އެހާ ފަސޭހަކަމެއް ނޫން. ޕްރައިވެޓް އޮފީސްތަކުގައިވެސް މިހާރު ބޮޑަށް އޮންނަނީ ކޮންމެވެސް މީހެއްގެ ރެކޮމެންޑޭޝަނަކަށް ލިބޭ ކަހަލަ ވަޒީފާ" ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރަމުންދާތާ އަހަރު ދުވަސްވެފައިވާ އަންހެން ކުއްޖަކު ބުންޏެވެ.

މިއީ ސަރުކާރުން އިއުލާން ކުރާ ވަޒީފާތަކާމެދު ޒުވާނުން ޝަކުވާ އަންނަ ގޮތެވެ. ވަކި ބަޔަކަށް ވަޒީފާ ލިބޭ ވާހަކައެވެ. އިއުލާނު ކުރާއިރު ވަކި މީހަކަށް ވަޒީފާ ހަމަޖެހިފައި އޮންނަ ވާހަކަ އެވެ.

ސިޔާސީ ނުފޫޒާއި، އެތަނެއްގެ ވެރިންގެ ނުފޫޒުން ގާބިލް މީހާއަށް ވަޒީފާ ނުލިބުމުގެ ޝަކުވާއަކީ ޒަމާންވީ ޝަކުވާ އެކެވެ. އަނެއްކޮޅުން ސިވިލް ސާވިސްގެ ވަޒީފާތަކަކީ ޒުވާނުންގެ މެދުގައި އެހާ މަގުބޫލު ވަޒީފާތަކަކަށް ނުވެއެވެ. ސިވިލް ސާވިސް އަކީ ސަރުކާރު ހިންގާ ހަކަތަ ކަމަށްވީ ނަމަވެސް، ސިވިލް ސާވަންޓުންނަށް ލިބޭ މުސާރައިގެ މައްސަލަ ބޮޑެވެ. ސިވިލް ސާވަންޓެއްގެ ގޮތުގައި ލިބޭ މުސާރައިން މާލެ ފަދަ ތަނެއްގައި ދިރިއުޅުމުގެ ހަރަދު ދެކޮޅެއް ނުޖެހެ އެވެ. އެ ޝަކުވާ ނޯންނަ އިރެއް ނުދެ އެވެ.

މި ހުރިހާ ޝަކުވާއަކީ ވެސް ރައީސް ސޯލިހު ކުރެއްވި ޝަކުވާއަށްވުރެ ބޮޑު ނޫނީ އެއާ އެއްވަރު ޝަކުވާތަކެވެ.

ރައީސް ސޯލިހަކީ އެ ޝަކުވާތަކަށް ނިމުމެއް ގެނައުމުގެ ގާބިލްކަން ލިބި ވަޑައިގެންފައިވާ ބޭފުޅެކެވެ. ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މައިން ބަފައިންފެ މޯހިރުން ނައްޓައި ޒުވާނުންނަށް ފަހި ގޮތްތަކެއް ހޯއްދަވައިދޭން މަސައްކަތް ކުރެވެން އޮތީވެސް ރައީސަށެވެ.

"ފަސޭހައިން ވަޒީފާތަކެއް ލިބޭނަ ރައީސް އެވިދާޅުވާ ގޮތަށް މަންމަ މެންނަށް ޑިޕެންޑުވެގެން އެއްވެސް ޒުވާނަކު އުޅޭނެ ހެނެެއް ހީއެއްނުވޭ. ކޮންމެ ޒުވާނުންނަކީ މަސައްކަތެއް ކުރާ ހިތްވާނެ މީހެއް. އޭގެ މިސާލެއް މިދިޔަ ސަރުކާރުގައި ވެމްކޯއިން ބޮޑު މުސާރަ ލިބޭ ވަޒީފާތަކެއް ހުޅުވާލުމުން ކުރިން ކަންކަންމައްޗަށް ގިނަ ވެގެން އުޅުނު ކިތަންމެ ޒުވާނަކު މިހާރު އުޅެނީ ތާހިރު ދިރިއުޅުމެއްގައި އެ ވަޒީފާތަކުގައި،" ޒުވާނުންނާއި ކުޅިވަރުގެ ކަންތައްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ޒުވާނަކު ވިދާޅުވި އެވެ. "އެކުދިންނާއި ވާހަކަ ދައްކާލީމަ އެނގޭނެ އެކުދިން އެހެން އުޅުނީ އިތުރު ގޮތެއް ނެތިގެން، ވަޒީފާގަނޑެއް ނުލިބިގެން ޑިޕްރެސް ވެގެންކަން. އެކަހަލަ ވަރަށް ގިނަ ކުދިންނާއި ބައްދަލުވެފައި އެބަހުރި. މި ސަރުކާރަށް ވެސް ހަމަ އެކަހަލަ އޮޕޮޗުނިޓީސްތަކެއް ހުޅުވާލެވިއްޖެއްޔާ ރައީސްގެ އެ ކަންބޮޑުވުމަށް ހައްލު ލިބޭނެ"

އޭނާ ވިދާޅުވި ގޮތުގައި ފަހުން މި އައި އަހަރުތަކުގައި ގިނަ ފަހަރު ޒުވާނުންވެފައި ވަނީ ސިޔާސީ މީހުން ގެންގުޅޭ ޓޫލެކެވެ. މިދިޔަ ސަރުކާރުގައި ވެސް އިންތިހާބާއި ގާތް ކޮށް، ވަރަށް ގިނަ އަދަދެއްގެ ކުދިންނަށް ވަޒީފާދިނެވެ.

ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެޗްޑީސީ އާއި އެމްޕީއެލް އާއި ފެނަކަ އާއި ސްޓެލްކޯ ފަދަ ތަންތަނުން ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ދިނެވެ. އަދި ޒުވާނުންނަށް އެފަދަ ފުރުސަތު ތަކުގެ ބޭނުންހިފާ ވަޒީފާ ލިބުނު ކަމުގައިވީ ނަމަވެސް، އެއީ ސިޔާސީ ގޮތުން ދީފައިވާ ވަޒީފާތަކެކެވެ. އެހެންވެ އެޒުވާނުން އަނެއްކާވެް މަގުމަތިކޮށްލުމުގެ ސަގާފަތެއް އެބައޮތެވެ.

ކޮންމެ ގޮތަކަށް ބެލި ނަމަވެސް، ޒުވާނުންގެ ބޭނުން ގައުމަށް ބޮޑެވެ. ޒުވާނުންނާއި، އެކަށީގެންވާ ވަޒީފާތައް ސަރުކާރުން އުފައްދައިދޭން ޖެހެއެވެ. އާއިލީ މޯހިރުން ޒުވާނުންނުން ނައްޓައިދޭން ޖެހެ އެވެ.

މައިންބަފައިންނަށް ބުރަ އަކަށް ވާކަށް އެއްވެސް ޒުވާނަކު ނޭދޭނެ އެވެ. އަމިއްލަ އަށް ފައިސާ ހޯދޭނެ މަގެއް ފެންނަން އޮއްވާ އެއްވެސް ޒުވާނަކު މަައިންބަފައިންގެ މޯހިރުގައި އުޅޭކަށް ބޭނުމެއް ނުވާނެ އެވެ. އެކަމަށް ބޭނުންވާނީ ފުރުސަތެކެވެ. ރަނގަޅު މުސާރައެއް ލިބޭ ވަޒީފާތަކެކެވެ. އެމީހެއްގެ ގާބިލިއްތުކަމަކާއި، ތައުލީމާއި، ތަޖުރިބާ ހުރި މިންވަރަކުން އެމީހަކަށް އެކަށީގެންވާ ވަޒީފާއެއް ހޯދައި ދެވިއްޖެ ނަމަ، ރައީސް ސޯލިހުގެ އެ ކަންބޮޑުވުމަށް ނިމުމެއް އަަންނާނެ އެވެ.