ރިޕޯޓް

ޒުވާނުންގެ ހިނިތުންވުމުގައި ރައީސްގެ އަަމަލީ ދައުރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވުޖޫދަށް އައިސްފައި ވަނީ ޒުވާނުންނަށް ވަރަށް ބޮޑެތި އުމްމީދުތަކެއް ގެނެސްދެމުންނެވެ. ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަަމާއި، ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެގޮތުން ވަޒީފާގެ ދަތިކަމާއި، ޒުވާނުންގެ މުނިފޫހިފިލުވުމަށާއި، ކުޅިވަރަށް ވަރަށް ބޮޑު އިސްކަމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. އޭގެ ތެރެއިން ވެސް ޒުވާނުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެގެން ގޮސްފައިވާ ރާއްޖޭގައި މިއުޒިކް އިންޑަސްޓްރީއެއް ނެތުމާއި، އެ ދާއިރާއިން ކުރިއެރުމެއް ނެތް ކަމުގެ ވާހަކަ ނިމުމަކަށް ގެނައުަމުގެ މަސައްކަތް މި ސަރުކާރުން މިވަނީ ފަށާފަ އެވެ. އެ މަސައްކަތުގައި އަމަލީ ގޮތުން ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަމުން ދިއުމަކީ ޒުވާނުންނަށް ލިބޭ އިތުރު ޔަގީން ކަމެކެވެ.

ސަރުކާރުގެ ޅަފަތުގައި ކުރިޔަށް ގެންދިޔަ ކުޅިވަރާއި ގުޅުން ހުރި ކުޅިވަރު އީދު ތަކާއި، މިހާރު ޒުވާނުންނާއި ގުޅުވައިގެން ކުރިޔަށް މިގެންދާ ހުރިހާ ހަރަކާތެއްގައި ރައީސް ސޯލިހު ގެންދަނީ އަމަލީ ގޮތުން ބައިވެރިވަމުންނެވެ. މިނިވަންދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދިޔަ ފަންނާނުންގެ މިއުޒިކީ އީދު ޝޯއަށް ރޭ ރައީސް ސޯލިހު ވަޑައިގަތުން ވެގެންދިޔައީ ސަޕްރައިޒަކަށެވެ. އެމަނިކުފާނުގެ ކާރުކޮޅު ކާނިވަލަށް ވަތް ގަޑީގައި އެ ޝޯ ބަލަން ގޮސްތިބި ފަރާތްތަކުން ރައީސް ސޯލިހު އަށް މަރުހަބާ ދެންނެވީ އެކަމަށް އެއްވެސް މީހަކު އިރުޝާދެއް ދީގެނެއް ނޫނެވެ. އެހާ ހިސާބުން ވެސް ޒުވާނުންގެ ހިތްތަކުން އެމަނިކުފާނު ހާއްސަ ޖާގައެއް ހޯއްދަވާފައިވާކަން ހާމަވެއެވެ.

"މިއީ އަހަރަމެން ބޭނުންވާކަހަލަ ރައީސުންނަކީ. އަހަރުންނާއެކީ އަހަރުން ކުޅޭ ޝޯ ބަލަން އެއައީ. ޔަގީނުން ވެސް ކުރަން ޖެހޭ ބައިވަރު ކަންކަން ހުންނާނެ. އެކަމަކުވެސް އެވަގުތުތައް ސެކްރިފައިޒްކޮށްފައި ޒުވާނުންނަށްޓަކައި އެ އައީ. ވަރަށް ތަފާތު. ހިތްހަމަޖެހޭ މަންޒަރެއްމީއީ. ރައީސްގެ ކުރިމަތީގައި ޕާފޯމްކޮށްލުމަކީ ވެސް ލިބޭ އުފަލެއް. މިހާރު މިދާއިރާގައި އުމްމީދެއް އެބައޮތް. ސީދާ ރައީސާ ހަމަޔަށް ފޭސް ޓު ފޭސްކޮށް، އެބަ ރީޗް ވެވޭ. މިނިސްޓަރަށް ޝަކުވާ ހުށަހެޅޭ. ބޭނުން ކަމެއް ހުށަހެޅޭ. މިއީ ތަފާތަކީ" ރޭގެ ޝޯގައި ޕާފޯމްކުރި މެޓަލް ބޭންޑެއްގެ މެމްބަރަކު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުގައި ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ އެ ޒުވާނުންގެ ޝަކުވާ ހިފައިގެންދާނެ ވުޒާރާއެއް، އެ ޝަކުވާ އަޑުއަހާނެ ވެރިއަކު ނެތުމެވެ. ބާރުގައި ތިބި ބަޔަކު ހިތުހުރި ގޮތަކަށް އަމަލު ކުރާ "ރަބަރު ސްޓޭމްޕް" ޖަހާ ތަނަކަށް އެ އިންޑަސްޓްރީވެފައި އޮތުމެވެ. މިއަދުވެސް މަދުން ނަމަވެސް އެމަންޒަރު ފެނެއެވެ. އެހެން ނަމަވެސް އެ ސަގާފަތާއި މިހާރު ދުރުވެ، މިއުޒީޝަނުންނަށް ބާރުވެރިކަން ލިބުމުގެ ކޮޅުމަތި ފެންނަން އެބަ އޮތެވެ. މިއުޒިކް އިންޑަސްޓްރީގެ ކަންކަން ރެގިއުލޭޓްކުރަން އެކަމާއި ގުޅުންހުރި، ކަމުގެ ތަޖުރިބާ ހުރި ފަރާތްތައް ތިބުމަކީވެސް އެފަދަ ފަރާތްތަކަށް ލިބޭ ހިތްހަމަޖެހުމެކެވެ. ކަމުގެ އިލްމާއި ހިލްމުނެތް ބަޔަކުލައިގެން ކަންކަން ކުރަން އުނދަގޫވާނެ ކަމީ އެންމެންވެސް ބުނާ ވާހަކަ އެކެވެ. މި ސަރުކާރުން މިވަނީ އެ ކަމަށްވެސް ނިމުމެއް ގެނެސްފަ އެވެ.

ޒުވާނުންނަށް ފަހި ފުރުސަތުތަކެއް މި ސަރުކާރުގެ ތެރެއިން ހަމަޖެހިގެން ދިޔަ ނަމަވެސް، އަދިވެސް ހައްލު ބޭނުންވާ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެކަންކަމަށް ހައްލު ގެނައުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޒުވާނުންނާއި ބެހޭ ވަޒީރާއި، ސަގާފަތާއި، ފަންނުތަކާއި ބެހޭ ވަޒީރު ގެންދަނީ ދެއްވަމުންނެވެ. ވަޒީރުންގެ އެ ޔަގީންކަމާާއެކު، ރައީސް ގެ އަމަލުފުޅުތަކުން ޒުވާނުންނަށް ހިތްހަމަޖެހިލައިގެން ކަންތައްތަކެއްވާން ނުވަތަ ކޮށްދޭނެ ކަމުގެ ޔަގީންކަން ދަނީ ލިބެމުންނެވެ.

"ކުރީގެ ސަރުކާރުން ކަމެއް ބޭނުން ވެގެން ޒުވާނަކު ގޮއްސިއްޔާ އެބަ ވާނެޖެހޭ ސިޔާސީ އަޅަކަށް. އެކަމަށް އެއްބަސް ނުވެއްޖެއްްޔާ ނުވީ. އިންރިޓާން ކޮންމެވެސް ކަންތައްތަކެއް ކޮށްދޭން ޖެހޭ. އެކަމަކު ސަރުކާރު މި އޮންނަނީ އެކަންކަން ކޮށްދޭން، އެޔަކަށް ޝަރުތެއް ކަނޑަނޭޅޭނެ. އެކަމަކު ވަރަށް ދެރަކޮށް، ކަންކަން ވެފައި ހުރީ، ޕްރަކްޓިސް ރޫމެއް ބޭނުންވިޔަސް ޕާޓީން ބާއްވާ އިވެންޓެއްގައި ބައިވެރިވެ ޝޯ ހުށަހަޅަންޖެހޭ. އެހިސާބުން އެބަ ލޭބަލްވޭ މިވެނި ޕާޓީއެއްގެ ބައެއް ކަމަށް. މިއީ ކުރިން ދިމާވެފައި ހުރި ކަންކަން. ކެރިއާއަށްވެސް ވަރަށް ބޮޑަށް އަސަރު ކުރި އެކަމާ" ރާއްޖޭގެ މަޝްހޫރު ބޭންޑެއްގެ ލީޑު ވޮކަލިސްޓް ވިދާޅުވި އެވެ.

މީގެ ކުރީގެ ސަރުކާރުތަކަށް ނުކުރެވޭ ވަރަށް ހަމަ ގައިމުވެސް މުނިފޫހި ފިލުވުމުގެ ދާއިރާގެ މީހުން މިސަރުކާރަށް އިތުބާރު ކުރާނެއެވެ. އޭގެ އެއް ސަބަބަކީ އެ ދާއިރާއަށްވެސް ހުރަހަކަށް ވެފައި އޮތް އަބުރުގެ ގާނޫނު މި ސަރުކާރުގެ އެންމެ ޅަފަތުގައި އުވާލުމެވެ. އޭގެ ސަބަބުން ދިމާވެދާނެ ދަތި، އުނދަގޫ ހާލަތްތަކަކުން އެދާއިރާ ސަލާމަތްވިއެވެ. މީގެ އިތުރުންވެސް، މި ސަރުކާރު ވެފައި މިއޮތީ އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވަރަށް ރައްޓެހި ސަރުކާރަކަށެވެ. ވަޒީރާއި ބައްދަލުކޮށްލަން ބޭނުންވެގެން ކޮށްލާ ޓުވީޓެއް ފުދެއެވެ. ރައީސަށް ކަމެއް އަންގަން ބޭނުން ނަމަ އެމަނިކުފާނާއި ހަމަޔަށް ގޮސް ބައްދަލު ވުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ.