ދިވެހި ސިނަމާ

"މާމުއި"ގައި ޖެހިފައި ތިއްބާ ވަދާއީ ޝޯތައް!

އޮލިމްޕަހުގައި އަޅުވައި މިހާރު އަޑުގަދަކޮށްލައިގެން އުޅޭ "މާމުއި" ގެ ހައުސްފުލް 15 ޝޯ އަށްފަހު ވަދާއީ ޝޯތައް އަޅުވަން ނިންމައިފި އެވެ.

ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގާ) އަވަސް އަށް މައުލޫމާތު ދެއްވަމުން ބުނީ، މި ފިލްމަކީ މިއަހަރު ޑާކްރެއިން އިން ގެނައި ދެ ފިލްމުގެ ތެރެއިން "ގޮށްރާޅު" އަށްވުރެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ކަމަށެވެ. ޑާކްރެއިން އިން މި އަހަރު ވަނީ ދެ ފިލްމެއް ސްކްރީނަށަ ގެނެސްދީފަ އެވެ. އެއީ ތަފާތު ދެ ޖޯންރާ އަކަށް އުފެއްދި ދެ ފިލްމު ކަމުގައި ވިޔަސް ބެލުންތެރިންގެ ތައުރީފު ލިބުނެވެ.

ޕްރޮޑިއުސަރު ބުނި ގޮތުގައި، ހައުސްފުލް ޝޯތައް ހުރި ކަމުގައި ވިޔަސް މި މަހުގެ 19 އިގެ ފަހުން އޮލިމްޕަސް ލިބޭ ގޮތެއް ނުވެ އެވެ. އަދި ފިލްމު ބަލާނެ މީހުން ތިއްބަސް ޖެހިފައި ވަނީ ވަދާއީ ޝޯތައް އަޅުވާށެވެ. އެގޮތުން، މި މިހާރު ވަދާއީ ޝޯތަކުގެ ޓިކެޓުތައް ވިއްކަން ފަށާފައިވާ ކަމަށެވެ.

"މިހާތަނަށް އެޅުވި ހުރިހާ ޝޯ އެއްވެސް ހައުސްފުލް. މިހާރު ވެސް ހަމަ ވަރަށް ފުލްކޮށް މި ދަނީ. ފަހު ޝޯތަކުގެ ޓިކެޓުތައް ވެސް ވިކެމުން ދަނީ. 19 އަށްފަހު އޮލިމްޕަހުގައި ނުދެއްކޭ ނެތީ ހުއްޓާލަން މި ޖެހެނީ" މޮގާ ބުންޏެވެ.
ފިލްމުގެ އެންމެ ފަހު ޝޯ އަޅުވާނީ މި ހުކުރުގަަ އެވެ.

"މާމުއި" ގެ އެންމެ ފަހުގެ ޝޯތައް މާލޭގައި ފަށަން ތައްޔާރުވަމުން ދާއިރު އަތޮޅުތެރޭގައި ވެސް މި ފިލްމަށް ތަރުހީބު ލިބޭ ކަމަށް ފާހަގަ ކުރި އެވެ.

ޑާކްރެއިން އިން މިހާތަނަށް އުފައްދާފައިވާ ފިލްްމުތަކުގެ ތެރެއިން މި ފިލްމަކީ އެ ޓީމުން އެންމެ ހަރަދު ކޮށްގެން އުފައްދާފައިވާ ފިލްމު ކަމަށް ޓީމުން ބުނެ އެެވެ. ތަފާތު މަންޒަރުތައް ހިިމަނާފައިވާ އިރު މުޅި ފިލްމުން ވެސް އެންމެ ބޮޑު ތަފާތެއް ދެއްކި ކަމަށް ގިނަ ބަޔަކު ބުނަނީ ފިލްމުގެ ސިނަމެޓޮގްރަފީ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ތައުފީގު އުފެއްދި މި ފިލްމު ޑައިރެކްޓު ކުރީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ސްކްރީންޕްލޭ ލިޔުނީ އައިޝަތު އާއި އަހްމަދު ތޮލާލެވެ. އަދި ސިނެމަޓޯގްރާފީގެ މަސައްކަތް ކުރީ ޗިއްޕެއާއެކު އަހްމަދު ޝިނާނެވެ.