ފެޝަން

ބެލް ސްލީވް ޓޮޕެއް އެބައޮތްތަ؟

ހެދުމެއް ޑިޒައިން ކުރާއިރު ހެދުން ފުރިހަމަ ކޮށްދޭނެ އެއް ކަމަކަށް ވާނީ ހެދުމުގެ އަތް ބަހައްޓާ ސްޓައިލެވެ. ތަފާތު އެކި ވައްތަރުގެ ސްޓައިލްތަކަށް ހެދުމުގެ އަތް ހުންނަ އިރު "ބެލް ސްލީވްސް" އަތަކީ ވެސް ހެދުން ޑިޒައިން ކުރުމުގައި ގެންގުޅޭ ސްޓައިލެކެވެ. ހަވީރީ ހެދުމުން ފެށިގެން އޮފީސް ހެދުމާއި ކެޝުއަލް ޓޮޕްސްގައި ވެސް މިކަހަލަ އަތެއް ލުމުން ހެދުމަށް ފުރިހަމަކަމައް ގެނެސް ދެއެވެ.

ބެލް ސްލީވް އަތަކީ ހެދުމުގެ އަތުކުރީގައި އިތުރަށް ފުޅާ ކުރުމަށް ވަކިން ފޮތިކޮޅެއް ހަރުކޮށް ފަހާފައި ހުންނަ އަތެކެވެ. މިއަތް އެއްކޮށް އަތް ދިގުކޮށް ހުންނަ ހެދުމުގެ އިތުރުން އަތް ކުރުކޮށް ފަހާފައި ހުންނަ ހެދުމުގައި ވެސް ބެހެއްޓިދާނެ އެވެ. ކުރިން ފްރާންސްގެ އަންހެނުން ލައި އުޅުނު މި ސްޓައިލް އެދުވަސްވަަރު ވަރަށް މަޝްހޫރު ކަމެއް ހޯދިއެވެ. އަދި އެ ޒަމާނުގައި ފުޅާއަތުކުރި ހުންނަ ހެދުމަކީ މުއްސަންދިންގެ ސްޓައިލެއްގެ ގޮތުގައި އޮތެވެ.

ފަހުން 1970 އިގެ ތެރޭޣައި މިކަހަލަ އަތްލީ ހެދުން އަނެއްކާވެސް މަގުބޫލުވި އެވެ. ބޮލީވުޑްގެ ތަރިންނަށްވެސް މި ސްޓައިލް ކަމުދިޔަ އެވެ.

ބެލްސްލީވް އަލުން އަނބުރާ މިހާރު ޓްރެންޑްއަކަށްވެ ފެޝަން ބްލޮގާސްގެ އިތުރުން ކޮފީ ޝޮޕްތަކުން ފެންނަ ކުދިން ވެސް މި ސްޓައިލް ލާތަން ފެނެ އެވެ.

މިކަހަލަ އަތެއް ހުރި ހެދުމެއް ސްޓައިލް ކުރަން ވަރަށް ގިނަގޮތް ގޮތް ހުރެއެވެ. ފައިކުރި ފުޅާކޮށް ހުންނަ ޖީންސާއެކު ނޫނީ ސްކިނީ ޖީންސާއެކު މިކަހަލަ އަތެއް ލީ ޓޮޕެއް ސްޓައިލް ކޮށްލެވިދާނެ އެވެ. ރަސްމީ ހެދުމެއް ނުވަތަ އޮފީހަށްދާން ބެލްސްލީވް ބޭނުން ކުރާނަމަ ޕްލެއިން ކުލައަކުން ހިޔާރު ކުރެވިދާނެ އެވެ. ގަދަކުލައެެއްގެ ހައިވެއިސްޓް ހަރުވާޅަކާއެކު ކޮޅަށް ހިމަ ބޫޓަކަށް އެރުމުން ސްޓައިލް ފުރިހަމަވީ އެވެ.

ކެޝުއަލް ސްޓައިލަށް ބަލާއިރު ބޮހީމިއަން ހިޕީސްޓައިލް ކަމުދާ ނަމަ ބެލްސްލީ ވްސް ލެވޭނެ ގޮތް އެބަހުއްޓެވެ. ކޮންމެވެސް ޕްލޯރަލް ޕެޓާނެއްގެ ފޮތިން ބެލްސްލީވެއް ލާފައި މިޑީ ހެދުމެއްގައި މިކަހަލަ އަތެއް ލާފައި ހުންނަ ނަމަ ވަރަށް ސަމާ ވައިބެއް ގެންނާނެ އެވެ

ބުރުގާ އަޅައި ދިގުކޮށް ހެދުން ލާނަމަ ވެސް މިކަހަަލަ އަތް ލީ ހެދުމާއި ގުޅޭނެ އެވެ. މިގޮތުން ލެޔާކޮށް ބަރިބަރިއަށް ހުންނަގޮތަށް ހެނދުމުގެ އަތުކުރި ބެހެއްޓިދާނެއެވެ. ފެޝަނަކީ އަބަދު ބަދަލުވަމުން އަންނަ އެއްޗަކަށްވާއިރު މި ސްޓައިލް ބާ ނުވަނީސް މި ވައްތަރުގެ އަތްލީ ހެދުމެއް އެމީހަކު ބޭނުން ސްޓައިލަކަށް ހޯދަަންވީ އެވެ.