ނައުޝާގެ ހެލްތު ކޮލަމް

ހާދަ ހިއްކޭ، އެއްޗެއް ނުކަނީތަ؟

ބަރުދަން އެދެވޭ މިންވަރެއްގައި ބެހެއްޓުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. މިކަންް ހާސިލް ކުރަން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ކުރާކަން ފާހަގަ ކުރެވެ އެވެ. ހާއްސަކޮށް ދިވެހިން ކަސްރަތައް އަހުލުވެރިވެފައިވާ މިންވަރު މާލޭގެ މަގުތައް މައްޗަށް ހެނދުނު އަދި ހަވީރުގެ ވަގުތުގައި ދުވެ އަދި ހިނގުމަށް ނިކުމެ އުޅޭ އެކި އުމުރު ފުރައިގެ މީހުން ފެނުމުން ސާބިތުވެ އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބަރުދަން އެދެވޭ މިނެއްގައި ދެމެހެއްޓުމުގެ މުހިންމު ކަމާމެދު ހޭލުންތެރިކަން އިތުރުވެގެން ދާއިރު ފާހަގަ ކޮށްލެވޭ އެއްކަމަކީ އަބަދުހެން ދެކެވެނީ ބަރުދަން މަތިވެގެން އުޅޭ ވާހަކަ އެކަނި ކަމެވެ. ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެން ދަށް ވުމަކީ ވެސް އެންމެ ރަގަޅު ގޮތެއް ނޫނެވެ. އަދި އެއީވެސް ދުޅަހެޔޮ ސިއްހަތެއްގައި މީހާ ހުރުމުން މަހުރޭމް ކޮށްފާނެ ކަމެކެވެ. މިއީ އާންމުކޮށް ވާހަކަ ދެކެވޭ މައުލޫއެއް ނޫން ނަމަވެސް، ހަގީގަތަކީ އަހަރުމެންގެ މުޖުތަމައުގައި ވެސް ބަރުދަން މާ ބޮޑަށް ދަށްވެގެން އަދި މާބޮޑަށް ހިކި ވެގެން އެކަމާ ހިތާމަ ކުރާ ބަޔަކު ވެސް އުޅޭ ކަމެވެ.

ގައިގައި މަސްކޮޅެއް ވެސް ނެތެއްނު؟ ހާދަ ހިއްކޭ! ނުކަނީތަ؟

މިފަދަ ކޮމެންޓްތަކަކީ ހިކިވެ، ހިސާބަކަށް އަނަރޫފަ ކުދިންނަށް އާންމު ގޮތެއްގައި ކުރިމަތިވާ ފާޑު ކިޔުންތަކެވެ. ހާއްސަކޮށް އަންހެން ކުދިންނަށް މިފަދަ ފާޑު ކިޔުންތައް ރައްދުވުން ގިނަކަން ފާހަގަ ކުރެވެ އެވެ. މީހަކާ ދިމާލަށް ހާދަ ފަލައޭ ބުނާ އުސޫލުން "ހާދަހާ ހިއްކޭ! ނުކަނީ ހޭ" ބުނުމަކީ ވެސް އެ ކޮމެންޓް ރައްދުވާ މީހާއަށް މާޔޫސްކަން މެދުވެރި ކުރުވައިފާނެ ކަމެކެވެ. އެހެނީ އެއީ ކިތަންމެ ވަރަކަށް ކެޔަސް ހަމަ ބަރުދަން މަތި ނުވާ މީހަކަށް ވެސް ވެދާނެ އެވެ. ނުވަތަ ހުރި ސިއްހީ މައްސަލައެއްގެ ސަބަބުން ބަރުދަން އަބަދުވެސް ދަށްކޮށް ހުންނަނީ ކަމަށްވެސް ވެދާނެ އެވެ.

މި ލިޔުމުގައި ބަލައިލާނީ ހާއްސަކޮށް އަންހެނުން ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެން ލުއިކޮށް ހުރުމަށް ނުވަތަ އަންޑާވެއިޓްވުމަށް މެދުވެރި ކުރުވަފާނެ ބައެއް ސަބަބުތަކަށާއި ސިއްހަތަށް ގެއްލުން ނުލިބޭ ގޮތަކަށް ބަރުދަން އިތުރު ކުރުަމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

އަންޑަވެއިޓްތޯ ދެނެގަންނާނީ ކިހިނެތް؟

އަންޑަވެއިޓް ނުވަތަ ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެން ދަށްތޯ ދެނެގަނެވޭނެ އެއް ގޮތަކީ ބީއެމްއައި ބެލުމެވެ. ބީއެމްއައި އެމީހެއްގެ އިސްކޮޅާ ހެޔޮވަރު ވަރަކަށް ބަރުދަން ހުރިތޯ ބެލުމަށް އެހީތެރިވެދެ އެވެ. އާންމު އުސޫލެއްގެ ގޮތުން އަންހެނުންގެ ބީއެމްއައި 18.5 އަށް ވުރެން ދަށް ވެއްޖެނަމަ ބެލެވެނީ އަންޑާވެއިޓްގެ ގޮތުގަ އެވެ.

މިއީ އެންމެ އާންމުކޮށް ބަރުދަން ހުންނަންވީ މިންވަރު ބެލުމަށް އެހީތެރިވެދޭ ޓޫލް ނަމަވެސް ހަމައެކަނި ބީއެމްއައި އަށް ބަރޯސާވުން ރަނގަޅެއް ނުވާނެ އެވެ. ބައެއް ހާލަތްތަކުގައި ބީއެމްއައި 18.5 އަށް ވުރެން ދަށްވި ނަމަވެސް އެއީ މައްސަލައަކަށް ނުވެ ހިނގައިދާނެ އެވެ. މިސާލަކަށް ތަފާތު ކުޅިވަރުތައް ކުޅޭ ކުޅުންތެރިން، ހާއްސަކޮށް އެތްލީޓުން ބުރަ ކަސްރަތުތައް ކުރުމުގެ ސަބަބުން ވެސް ހިކިކޮށް ބަރުދަން ލުއިކޮށް ހުރުމަށް މެދުވެރި ކުރުވަ އެވެ. މިފަދަ ހާލަތް ތަކުގައި ބީއެމްއައި އާންމުކޮށް ހުންނަން ޖެހޭ ވަރަށްވުރެ ދަށް ވުމަކީ މައްސަލައަކަށް ނުވެ ހިނގައިދާނެ އެވެ. ވީމާ އަންޑާވެއިޓްތޯ ޔަގީންކޮށް ދެނެގަތުމަށް ޑޮކްޓަރެއްގެ ލަފާ ހޯދިދާނެ އެވެ.

ބަރުދަން ދަށްކޮށް ހުރުމަށް މެދުވެރި ކުރުވަފާނެ ސަބަބުތައް

ބައެއް މީހުންނަކީ އަބަދުވެސް ހިކިކޮށް ބަރުދަން ލުއިކޮށް ތިބޭ މީހުންނެވެ. ކުޑަ އިރުންސުރެ ވެސް ހިކިކޮށް ހުންނަ ނަމަ އެއީ ވިރާސީ ގޮތުން އައިލާގެ ފަރާތުން ވާރުތަވެފައިވާ ކަމެއްކަމަށް ވެސް ވެދާނެ އެވެ. އަނެއްބައި މީހުންނަށް ކެއުމަށް މާ ބޮޑު ބަދަލެއް ނުގެނައި ނަމަވެސް ބަރުދަން ލުއިވާކަން ފާހަގަ ކުރެވިދާނެ އެވެ. މިހެން މެދުވެރި ކުރުވައިފާނެ ބައެއް ސަބަބުތަކަށް ބަލައިލާއިރު ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް ނުވަތަ މެޓަބޮލިޒަމްއަށް ބަދަލުތަކެއް ގެނުވައިފާނެ ޑައިބެޓީސް ނުވަތަ ތައިރޮއިޑް ފަދަ ބައްޔެއް ހުރުން ފާހަގަކޮށްލެވެ އެވެ. އަދި ހަޖަމްކުރުމުގެ ނިޒާމަށް ޖެހޭ ބަލިތައް ވެސް މީގެ ސަބަބަކަށް ވެދާނެ އެވެ.

ބަރުދަން ދަށްކޮށް ހުރުމަށް މެދުވެރި ކުރުވާ ސިއްހީ މައްސަލަތައް ބައިވަރު ހުރެ އެވެ. އޭގެ ތެރޭގައި ފަލަވެދާނެ ކަމުގެ ބިރުގައި ނުކައި ހުރުން ވެސް ހިމެނެ އެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއްވެސް މެއެވެ. ހަމަ އެއާއެކު ސިއްހީ މައްސަލައަކަށް ބޭނުން ކުރާ ބޭހެއްގެ ސަބަބުން ވެސް ކާހިތްވުން ކެނޑި ލުއިވުމަށް މެދުވެރި ކުރުވާފާނެ އެވެ.

ކުއްލިޔަކަށް ކުރު މުއްދަތެއްގެ ތެރޭގައި ބަރުދަން ފާހަގަ ކުރެވޭ ވަރަށް ދަށްވުމަކީ ކެންސަރުގެ އަލާމާތަކަށް ވެސް ވެދާނެ އެވެ. ވީމާ ކެއުމަށް ބަދަލުތަކެއް ނުގެނެސް ބަރުދަން މާ ބޮޑަށް ދަށްވާނަމަ އެއީ އަޅާ ނުލައި ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ.

އަންޑާވެއިޓްވުމުން އަންހެނުންނަށް ދިމާވާ މައްސަލަތައް

ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެންދަށް ވުމަކީ ވެސް ސިއްހަތައް ނުރަގަޅު އަސަރުތަކެއް ކުރުވާ ކަމެކެވެ. އެގޮތުން އެންމެ ގިނައިން އަންހެނުންނަށް މިކަމުގެ ސަބަބުން ދިމާވާ މައްސަލައަކީ ގަވައިދުން މައްސަރު ކަންތައް ނުޖެހުމެވެ. ހަމަ އެއާއެކު ދަރިމައިވުމަށް އުނދަގޫވާ ކަމަކީވެސް ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެން ދަށް ވުމުން ބައެއް މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. މީގެ އިތުރުން ކަށި ފީވުމާއި ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ވިޓަމިންސް އާއި މިނެރަލްސް ނުލިބުމުގެ ސަބަބުން އެކި ސިއްހީ މައްސަލަތައް ކުރިމަތި ކުރުވަފާނޭ ކަމެކެވެ. މާ ބޮޑަށް ހިކިކޮށް ތިބޭ މީހުންގެ މެދުގައި އިންތިހާއަށް މާޔޫސްވުމާއި ޑިޕްރެޝަން ވެސް އާންމު ކަމަށް ދިރާސާތަކުން ދައްކައެވެ.

ވީމާ ބަރުދަން މަތި ވުމެކޭ އެއްފަދައިން ބަރުދަން މާ ބޮޑަށް ލުއި ވުމަކީވެސް އޭގެ ގެއްލުން މީހާއަށް ކުރާނޭ ކަމެކެވެ. ކަންމިހެން ހުރި އިރު ކޮންމެ މީހެއްގެވެސް ލަނޑުދަނޑިއަށް ވާންވާނީ ބަރުދަން އެދެވޭ މިނެއްގައި ބެހެއްޓުމެވެ.

ބަރުދަން މަތި ކުރުމަށް ކުރެވިދާނެ ކަންތައްތައް

ބަރުދަން މަތި ކުރަން ބޭނުންވާނަމަ ސިއްހަތައް ގެއްލުން ނުލިބޭނެހެން އެކަން ކުރުން ވަރަށް މުހިންމުވާނެ އެވެ. އެހެނީ އަތުޖެހުނު ކޮންމެ އެއްޗެއް ކެއުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ތެޔޮކަން ގިނަ އެއްޗިއްސާއި ހަކުރު ގިނަ ކެއުންތަކާއި ބުއިންތަކުގެ ސަބަބުން ބަލާ ބެލުމަށް ކިތަންމެ ހިކި މީހަކަސް ހަކުރު މަތިވެ އަދި ކޮލެސްޓްރޯލްފަދަ ތަކެތި މައްޗަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ. ވީމާ ބަރުދަން ރަނގަޅު ގޮތުގައި މަތި ކުރުމަށްޓަކައި ބަލަންވާނީ ވީހާވެސް ސިއްހަތަށް ރަގަޅު ކާނާ ކެއުމަށެވެ.

އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކަށް ބަލައިލާ އިރު، ދެ ނާސްތާގެ ދެމެދުގައި ގަޑި މަދުކޮށްލެވިދާނެ އެވެ. މިސާލަކަށް ދުވާލަކު ތިން އިރުގެ ބަދަލުގައި ހަ އިރަށް ކެއުން ބަހާލައިގެން ކެވިދާނެ އެވެ. އަދި ކޮންމެ ނާސްތާއެއްގައި ވެސް ވީހާވެސް ގިނަ މާއްދާތައް ލިބޭ ކެއުންތައް ހިމެނޭތޯ ބަލަންވާނެ އެވެ. އެގޮތުން ހޯލް ގްރެއިން ޕާން، ޕާސްޓާ، ތަރުކާރީ، މޭވާ، ސީރިއަލް، ކިރުގެ ބާވަތްތައް، ބަދަން އަދި ޕްރޮޓީން ގެ ބާވަތްތައް ހިމެނިދާނެ އެވެ.

ސްމޫތީސް އާއި ޝޭކްސް ބުއިމަށް އާދަ ކުރެވިދާނެ އެވެ. އާންމުކޮށް ބޯ ކޮފީ އަދި ފިޒީ ޑްރިންކްސްގެ ބަދަލުގައި ތާޒާ މޭވާ އަދި ކިރު ބޭނުންކޮށްގެން ސިއްހަތަށް ފައިދާހުރި ސްމޫތީއެއް ބޯލެވިދާނެ އެވެ. މީގެ އިތުރުން ވެސް ދެ ކެއުން ދޭ ތެރޭގައި ސްނެކް އެއްގެ ގޮތުގައި ނަޓްސް، މޭބިސްކަދުރު ފަދަ ހިއްކާފައި ހުންނަ މޭވާ އަދި އެވަކާޑޯ ފަދަ ތަކެތި ބޭނުން ކުރުމުން ބަރުދަން މައްޗަށް ދިއުމަށް އެހީތެރި ވެދޭނެ އެވެ.

ވަކި ބާވަތްތަކެއްގެ ކަސްރަތު ކުރުމަކީވެސް ބަރުދަން އިތުރު ކުރުމަށް އެހީތެރި ވެދޭނޭ ކަމެކެވެ. އެހެނީ ބަރުދަން އިތުރު ކުރަން ބޭނުންވާ ފަރާތްތައް ކަސްރަތު ކުރާ އިރު ވަރަށް ސަމާލުވާން ވާނެ އެވެ. ކުރާ ކަސްރަތު ވާން ވާނީ މަސްލްސް ބިލްޑް ކުރުމަށް އެހީތެރި ވެދޭ ފަދަ ކަސްރަތު ތަކަށެވެ. ވީމާ ފަށައިގަންނަ އިރު ޓްރެއިނަރެއްގެ އެހީ ހޯދުން ބުއްދި ވެރި ވާނެ އެވެ.