ނައުޝާގެ ހެލްތު ކޮލަމް

އުރަމަތީގެ ކެންސަރު ކުރީ ބައިގައި ދެނެ ގަނެ، ރައްކާތެރިވަމާ!

އުރަމަތީގެ ކެންސަަރަކީ އަންހެނުންގެ މެދުގައި އެންމެ އާންމު އެއް ކެންސަރެވެ. ނަމަވެސް ހަގީގަތުގައި މިއީ ފިރިހެނުންނަށް ވެސް ޖެހިދާނެ ކެންސަރެކެވެ.

އެހެން ކެންސަރުތަކެކޭ އެއްގޮތަށް އުރަމަތީގެ ކެންސަރުގައިވެސް ސެލްތައް އެއްވެސް ހަމައެއް ގަވައިދެއް ނެތި އިތުރުވެ އާލާވާން ފަށަ އެވެ. އެގޮތުން އުރަމަތީގެ ބައެއް ސެލްތައް މިގޮތަށް ގިނަވެ އާލާވާން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ދުޅައެއް ނުވަތަ ގަނޑެއް އުރަމަތީގައި އުފެދެ އެވެ. އުރަމަތީގެ ކެންސަރުތަކުގެ 5-10 ޕަސަންޓްއަކީ އާއިލީ ގޮތުން ވާރުތަވެގެން އައިސް މީހާގެ ޖީންސްއަށް އައިސްފައިވާ ބަދަލުތަކެއްގެ ސަބަބުން ޖެހޭ ކެންސަރުތަކެކެވެ. އެގޮތުން ކެންސަރު ޖެހިފައިވަނީ މިފަދަ ސަބަބަކާ ހުރެކަން އެނގުމަކީ އެއާ އެންމެ އެކަށޭނަ ފަރުވާ ދިނުމަށް އެހީތެރި ވެދޭނޭ ކަމެކެވެ.

އުރަމަތީގެ ކެންސަރަށް މަގު ފަހިކުރުވާ ކަންތައްތައް

އުރަމަތީގެ ކެންސަރަށް މަގުފަހި ކުރުވާ ކަންތައްތައް ގޮތުގައި ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވެ އެވެ.

އަންހެނަކަށް ވުން

ފިރިހެނުންނަށް ވުރެން އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތުތައް ބޮޑެވެ.

އުމުރުން ދުވަސްވުން

އުމުރުން ދުވަސްްވާ ވަރަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތުތައް އިތުރުވެ އެވެ.

ކުރިން އުރަމަތީގެ ކެންސަރުޖެހިފައި ހުރުން

އެއްފަހަރު އުރަމަތީގެ ކެންސަރު ޖެހިފައި ރަގަޅު ވުމަށް ފަހުގައިވެސް އަނެއްކާ ކެންސަރު ޖެހުމުގެ ފުރުސަތުތައް އޮވެ އެވެ. ވީމާ ގަވައިދުން ޓެސްޓްތައް ހަދާ ސްކްރީން ކުރުން މުހިންމު ވާނެ އެވެ.

އާއިލީގޮތުން ވާރުތަކޮށްފައިވުން

ކުރިންވެސް ފާހަގަކޮށްލެވުނު ފަދައިން އުރަމަތީގެ ކެންސަރަކީ އާއިލީގޮތުން ވާރުތަކޮށްފައިވާ ވަކި ޖީންސް ތަކަކާއި އެއަށް އަންނަ ބަދަލު ތަކެއްގެ ސަބަބުން މެދުވެރިވެދާނެ ކެންސަރެކެވެ. އެހެނީ އާއިލާގައި މަންމަ، މާމަ ނުވަތަ އެހެނިހެން ގާތް ތިމާގެ މީހަކަށް މި ކެންސަރު ޖެހިފައި ވާނަމަ އެއީ ތިމާއަށް ވެސް މި ކެންސަރު ޖެހުމުގެ ފުރުސަތުތައް ބޮޑު ކޮށްދޭ ކަމެކެވެ.

ރޭޑިއޭޝަން ގެ ސަބަބުން

އެއްވެސް ސަބަބަކާހުރެ، ހާއްސަކޮށް އުމުރުން ކުޑަ އިރު ފަރުވާއެއްގެ ގޮތުން ރޭޑިއޭޝަން ތެރަޕީ މޭމައްޗަށް ދީފައި ހުރުމަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތުތައް އިތުރު ކޮށްދޭނޭ ކަމެކެވެ.

  • ހަށިގަނޑަށް ނުރައްކާވާ ވަރަށް ފަލަވުން
  • އުމުރުން ކުރީކޮޅު މައްސަރު ކަންތައް ޖެހުން/ އިއްދައިން ކެނޑުން ލަސްވުން
  • ދަރިމައި ނުވާ އަންހެނުން

ބައެއް ދިރާސާތަކުން ހެކިދޭ ގޮތުގައި އެއްވެސް ގޮތަކަށް ދަރިމައިނުވާ އަންހެނުންނާއި ފުރަތަމަ ދަރިފުޅަށް ބަލިވެ އިންނަ އުމުރު މަތިވާ ވަރަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތުތައް ބޮޑެވެ.

ހޯމޯން އެކުލެވޭ ބެސް ބޭނުން ކުރުން

އީސްޓްރޮޖެން އަދި ޕްރޮޖެސްޓްރޯން ހިމެނޭ ބޭސްތައް ބޭނުންކުރުމަކީވެސް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަމެކެވެ.

މަތީގައި މި ފާހަގަކޮށް ލެވުނީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންކަމެވެ. ނަމަވެސް މިއިން ކަމެއް ނުވަތަ ކަންތައްތަކެއް ތިމާގެ ގައިގައި ހުރުމުގެ މާނައަކީ ޔަގީނުންވެސް މި ކެންސަރު ޖެހޭނެ ކަމެއް ނޫނެވެ. އެހެނީ ބައެއްް ފަހަރު މިއިން އެއްވެސް ކަމެއް ނެތް މީހުންނަށްވެސް އުރަމަތީގެ ކެންސަރު ޖެހެ އެވެ. ވީމާ ކުރިންވެސް ބުނެވުނު ފަދައިން އުރަމަތީގެ ކެންސަރަކީ ހަމަ ކޮންމެ މީހަކަށްވެސް ޖެހިދާނެ ކެންސަރެކެވެ.

ކަންމިހެން ހުރިނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އުރަމަތީގެ ކެންސަރު ކުރީބައިގައި ދެނެގަނެ ވިއްޖެނަމަ، އެންމެ އެދެވޭ ފަރުވާއާއެކު އުރަމަތީގެ ކެންސަރުގެ އެންމެ ނުރައްކާތެރި މަރުހަލާތަކުންނާއި އެހެނިހެން ގުނަވަންތަކަށް ކެންސަރުގެ އަސަރު ފެތުރުމުން ސަލާމަތްވެވިދާނެ ކަމެވެ. ވީމާ މި ބަލީގެ އަލާމާތްތައް ދެނެގަނެ ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

އުރަމަތީގެ ކެންސަރުގެ އަލާމާތްތައް

  • އުރަމަތީގައި ދުޅައެއް ނުވަތަ ގަނޑެއްލުން
  • އުރަމަތީގެ ސައިޒަށް ނުވަތަ އާންމުކޮށް ހުންނަ ބައްޓަމަށް ބަދަލެއް އައުން
  • އުރަމަތީގެ ހަންގަނޑު އެތެރެއަށް ވަޅުގަނޑެއް ހެން ވަނދެފައި ހުރުން ނުވަތަ އެނޫންވެސް އުރަމަތީގެ ހަންގަނޑަށް އެއްވެސް ކަހަލަ ބަދަލެއް އައުން
  • އުރަމަތީގެ ވައްގަނޑަށް އެއްވެސް ކަހަލަ ބަދަލެއް އައުން / ވައްގަނޑު އެެތެރެއަށް ވަދެފައި ހުރުން ނުވަތަ ލޭ ނުވަތަ އެހެނިހެން ދިޔައެއް އައުން

އުރަމަތީގެ ކެންސަރުގެ އެންމެ ފުރަތަމަ އަލާމާތަކީ އުރަމަތީގައި ގަނޑެއް ނުވަތަ ދުޅައެއް ހުރުމެވެ. ވީމާ ގަނޑެއް ހުރިކަން ފާހަގަ ކުރެވިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދަށްކަންވާނެ އެވެ. ނަމަވެސް އުރަމަތީގައިލާ ކޮންމެ ދުޅައެއް ނުވަތަ ގަނޑަކީ ކެންސަރެއް ނޫނެވެ. ހަމަ އެހެންމެ، އުރަމައްޗަށް އެއްވެސް ބަދަލެއް (ބައްޓަމަށް، ހަމުގެ ކުލައަށް، ސައިޒަށް، ތަދެއްހުރުން) ފާހަގަ ކުރެވިއްޖެ ނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދައްކާ ލަފާ ހޯދަން ވާނެ އެވެ. އެހެނީ އޭރުން ބައެއް ގަނޑު ކެންސަރަށް ބަދަލު ވުމުގެ ކުރީގައިވެސް ދެނެގަނެވި ފަރުވާ ހޯދުމުގެ ފުރުސަތުތައް އޮންނާނެ އެވެ.

އުރަމަތީގެ ކެންސަރުން ރައްކާތެރިވުން

ސްކްރީންކުރުން

އުރަމަތީގެ ކެންސަރުން ރައްކާތެރި ވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަތުމެވެ. އެގޮތުން ގަވައިދުން އަމިއްލަޔަށް އުރަމަތީގައި ގަނޑެއް ލާފައި ހުރިތޯ ނުވަތަ އުރަމައްޗަށް އެއްވެސް ބަދަލެއް އައިސްފައި ހުރިތޯ ބެލުން ވަރަށް މުހިންމު ވާނެ އެވެ. އެހެނީ އެންމެ މަދުވެގެން މަހަކު އެއް ފަހަރު މިކަން ކުރަން އާދަކުރެވިދާނެ އެވެ. ހަމަ އެހެންމެ އެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ ސްކްރީން ކުރަންވާނެ އެވެ.

އަލްޓްރާ ސައުންޑް ސްކޭނެއްގެ އެހީގައި ނުވަތަ ޑޮކްޓަރު ލަފާ ދީފި ނަމަ މެމޯގްރާމެއްގެ އެހީގައި އުރަމައްޗަށް އައިސްފައިވާ ބަދަލު ދެނެގަނެވިދާނެ އެވެ. މެމޯގްރާމްއަކީ އުރަމަތީގެ ހާއްސަ ސްކޭނެކެވެ. މީގެ އިތުރުންވެސް ކެންސަރުތޯ ނުވަތަ ނޫންތޯ ޔަގީން ކުރުމަށް ކެންސަރު ހުރިކަމަށް ލަފާ ކުރެވޭ އުރަމަތީގެ ޓިޝޫގެ އެތިކޮޅެއް ސިރިންޖެއްގެ އެހީގައި ނެގުމަށް ފަހު ޓެސްޓްތަކެއް ހެދިދާނެ އެވެ. އަދި މި ޓެސްޓް ތަކުގެ ނަތީޖާއަށް ބިނާކޮށް ކެންސަރު ނެތް ކަމަށް ޔަގީން ވިނަމަވެސް ޑޮކްޓަރު ގަވައިދުން ސްކްރީން ކުރުމަށް ބުނެފިނަމަ އެކަން ގަވައިދުން ކުރަން ވާނެ އެވެ.

އުރަމަތީގެ ކެންސަރަކީ އޭގެ ފަހު މަރުހަލާ ތަކުގައި ކެންސަރުގެ އަސަރު އެހެނިހެން ގުނަވަންތަކަށްވެސް ފޯރުވާ ސިއްހަތަށް ގިނަ ނުރައްކާ ތަކެއް ފޯރުވުމުގެ ފުރުސަތުތައް ބޮޑު ކެންސަރެކެވެ. ނަމަވެސް މިއަދު ލިބެން ހުރި ގިނަ ފަރުވާ ތަކުގެ އެހީގައި މި ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވިއްޖެނަމަ މި ނުރައްކާތަކުން ސަލާމަތްވެވިދާނެ އެވެ.