ނައުޝާގެ ހެލްތު ކޮލަމް

ރަހިމުގައި ފައިބްރޮއިޑް އުފެދުމަށް އަވަސް ނަޒަރެއް

އަންހެނުންނަށް ދިމާވާ ގިނަ ސިއްހީ މައްސަލަތަކުގެ ތެރެއިން ދިވެހި މުޖުތަމައުއިން ވެސް އާންމުކޮށް ފެންނަ އެއް މައްސަލައަކީ ރަހިމުގައި ފައިބްރޮއިޑް އުފެދޭ މައްސަލަ އެވެ. ފައިބްރޮއިޑްއަކީ ރަހިމުގެ މަސްގަނޑުގައި އުފެދޭ ޓިއުމަރެކެވެ. ނަމަވެސް މިއީ ކެންސަރަށް ބަދަލުވާ ޒާތުގެ ޓިއުމަރެއް ނޫނެވެ. ފައިބްރޮއިޑް އުފެދެން މެދުވެރިވަނީ އެހެނިހެން ޓީއުމަރުތައްވެސް އުފެދޭ އުސޫލުން ރަހިމުގެ މަސްގަނޑުގެ ސެލްތައް ކޮންޓްރޯލެއްނެތި އިތުރުވެ އާލާވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ބައެއް ހާލަތްތަކުގައި އެއް ފައިބްރޮއިޑްއަށް ވުރެ ގިނައިންވެސް ރަހިމުގައި އުފެދެ އެވެ.

ރަހިމުގައި ފައިބްރޮއިޑް ހުންނަ ގިނަ މީހުންނަށް ފައިބްރޮއިޑްގެ ސަބަބުން މާ ގިނަ އުނދަގޫތަކެއް ނުވެ އެވެ. އެހެނީ ފައިބްރޮއިޑްގެ ސަބަބުން ދިމާވާ އުނދަގޫތައް ބިނާވެގެންވަނީ ފައިބްރޮއިޑްގެ ސައިޒް، ހެދިފައިވާ ހިސާބު އަދި ފައިބްރޮއިޑެއްގެ ވައްތަރުގެ މައްޗަށެވެ. ފައިބްރޮއިޑް ވަކި ވަރަކަށް ވުރެ ބޮޑުވެއްޖެނަމަ އިތުރު ސިއްހީ މައްސަލަތަކާއި އުނދަގޫތައް މެދުވެރިވާކަން ފާހަގަކުރެވިފައިވެ އެވެ. އެގޮތުން ފައިބްރޮއިޑްގެ ސަބަބުން އަންހެނުންގެ ކިބައިން ފެންނަ ބައެއް އަލާމާތްތަކަށް ބަލައިލާއިރު:

  • މައްސަރު ދުވަސްވަރު ގިނައިން ލޭ ފޭބުން
  • ދަށްބަނޑަށް ބާރުކުރުން އަދި ތަދުވުން
  • ގިނަގިނައިން ކުޑަކަމުދާން ޖެހުން
  • ކުޑަކަމުދިއުމުގައި އުނދަގޫވުން
  • ބަނޑުހަރުވުން
  • ފައިގައި ނުވަތަ ބުރަކަށީގައި ރިހުން
  • ޖިމާއުވާއިރު ތަދުވުން
  • ދަރިމައިވުމަށް އުނދަގޫވުން

ފައިބްރޮއިޑް ހުރިތޯ ދެނެގަންނާނީ ކިހިނެތް؟

ފައިބްރޮއިޑް ހުރިތޯ އާންމުކޮށް ދެނެގަނެވެނީ ޑޮކްޓަރަށް ދެއްކުމުން ދަށްބަނޑު ބެލުމަށްފަހުގަ އެެވެ. ޑޮކްޓަރަށް ފައިބްރޮއިޑްހުރިކަން ޝައްކު ކުރެވިއްޖެނަމަ ޔަގީން ކުރުމަށް ދަށްބަނޑުގެ ސްކޭނެއް ހެދުމަށް ލަފާދޭނެ އެވެ. އަދި ހަމަ އެހެންމެ އެއީ ކެންސަރަށް ބަދަލުވާ ފަދަ ޓިއުމަރެއްތޯ ޔަގީން ކުރުމަށް ބަޔޮޕްސީ އެއް ހެދިދާނެ އެވެ. މީގެ އިތުރުންވެސް ފައިބްރޮއިޑްގެ ސައިޒްއާއި ވައްތަރު ދެނެގަތުމަށް އެމްއާރްއައި، ހިޓީރޮސްކޮޕީ ފަދަ ޓެސްޓްތައް ހެދެން ހުރެއެވެ.

ރަހިމުގައި ފައިބްރޮއިޑް އުފެދުމަށް އޮތް ފަރުވާއަކީ ކޮބާ؟

ފައިބްރޮއިޑްގެ ސަބަބުން މާ ބޮޑު އުނދަގޫތަކެއް ނުވާނަމަ އަދި ފައިބްރޮއިޑްގެ ކުޑަ ބޮޑު މިނަށް ބަލާފައި މާ ބޮޑު ފަރުވާއެއް ނުފަށާ ފައިބްރޮއިޑްގެ ސައިޒަށް ބަދަލު އާދޭތޯ ގަވައިދުން ބެލުމަށް ޑޮކްޓަރު ލަފާ ދީފާނެ އެވެ. މިއާ ހިލާފަށް ފައިބްރޮއިޑްގެ ސަބަބުން މައްސަރު ދުވަސްވަރު ގިނަ އުނދަގޫތަކެއް ކުރިމަތި ވާނަމަ މައްސަރުކަންތައް ގަވައިދުން ދަމަހަށްޓާ ހޯމޯންސްއަށް އަމާޒުކުރެވޭ ބޭސް ދެވޭނެ އެވެ.

ރަހިމުގައި ވަރަށް ބައިވަރު ފައިބްރޮއިޑް ހުރިނަމަ، ނުވަތަ ރަހިމުގެ ގިނަ ފަށަލަތަކެއް ހިމެނޭހެން ފުންކޮށް ބޮޑުކޮށް ފައިބްރޮއިޑް ހެދިފައިވާނަމަ އޮޕަރޭޝަނެއް ކޮށްގެން ފައިބްރޮއިޑްތައް ނެގިދާނެ އެވެ. ބައެއް ހާލަތްތަކުގައި ދާއިމީ ފަރުވާއެއްގެ ގޮތުން ރަހިމް އެއްކޮށް ނަގަންވެސް ޖެހިދާނެ އެވެ. ނަމަވެސް ރަހިމް ނެގުމަށްފަހު ދަރިމައި ނުވެވޭނެތީ މިއީ އާންމުކޮށް ދަރިން ހޯދުމަށް ގަސްތު ނުކުރާ ފަރާތްތައް ކުރާ އޮޕަރޭޝަނެކެވެ.

މީގެ އިތުރުންވެސް ފައިބްރޮއިޑްއަށް ލޭ ފޯރުކޮށްދޭ ލޭ ހޮޅިތަކުން ފައިބްރޮއިޑްއަށް ލޭ ފޯރުކޮށްދޭ ދިނުމަށް ހުރަސްއަޅައިގެން ވެސް ފައިބްރޮއިޑްގެ ސައިޒް ކުޑަކޮށް ހިންދާލުމަށް އެހީތެރިވެދެ އެވެ. އެއީ އޮޕަރޭޝަން ކުރުމުގެ ބަދަލުގައި މިހާރު ފައިބްރޮއިޑް ނައްތާލުމަށް އެހެނިހެން ގިނަ ގޮތްތައްވެސް ވަނީ އީޖާދުކޮށްފަ އެވެ. އެގޮތުން އެމްއާރްއައި ގެ އެހީގައި އަލްޓްރާސައުންޑް ބޭނުންކޮށްގެން ފައިބްރޮއިޑްތައް ނައްތާލުންވެސް ހިމެނެ އެވެ.

ނަމަވެސް މިއިން ކޮންމެ ފަރުވާއަކީ ކޮންމެ މީހަކަށް އެންމެ އެކަށޭނަ ފަރުވާއަކަށް ނުވެދާނެ އެވެ. އެހެނީ ހާއްސަކޮށް ދަރިމައިވުމަށް ބޭނުންވާ އަންހެނުންނަށް ދެވޭ ފަރުވާ ވާންވާނީ ކުރިމަގުގައި ކުދިން ލިބުމަށް އިތުރު ހުރަހަކަށްނުވާފަދަ ފަރުވާއަކަށެވެ.

ސަބަބަކީ ރަހިމުގައި ފައިބްރޮއިޑް ހުރުމުގެ ސަބަބުން އަންހެނުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދަރިމައިވުމަށް އުނދަގޫވުމެވެ. މިހެން އާންމުކޮށް މެދުވެރިވަނީ ފައިބްރޮއިޑްގެ ސަބަބުން ބިސްދަތުރުކުރާ ހޮޅި ކަމަށްވާ ފެލޯޕިއަން ޓިއުބް ބެދުމުން ނުވަތަ ފައިބްރޮއިޑް ރަހިމުގައި އުފެދިފައިވާ ހިސާބާއި ތަނުގެ ސަބަބުން ދަރިފުޅު ގަރަބުވުމަށާއި ހެދިބޮޑު ވުމަށް ހުރަސް އެޅޭތީ އެވެ. ނަމަވެސް މިހާރު ލިބެން ހުރި ގިނަ ފަރުވާތަކުގެ އެހީގައި ރަހިމުގައި ފައިބްރޮއިޑް ހުރިނަމަވެސް ދަރިން ލިބުމަކީ އެއްގޮތަކަށްވެސް ނާދިރުކަމެއް ނޫނެވެ. މުހިންމުވާނީ ޑޮކްޓަރުގެ ފުރިހަމަ އެއްބާރުލުމާއި މަޝްވަރާއާއެކު އެންމެ އެކަށޭނަ ފަރުވާ ހޯދުމެވެ.