ހަބަރު

ޖޭއެސްސީއަށް ރަނގަޅު ގިނަ ނަންތައް ބޭނުން: ނަޝީދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަށްވެ ވަޑައިގަތުމަށް އެކަށީގެންވާ ވީހާވެސް ގިނަ ރަނގަޅު ބޭފުޅުން ނަން ފޮނުވަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ޖޭއެސްސީ ގާނޫނުގެ ތިން ވަނަ މާއްދާގެ ހަ ވަނަ ނަންބަރުގެ ދަށުން ޖޭއެސްސީ އަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކަނޑައަޅާ މީހަކަށް އެ ކޮމިޝަނުގައި ހުރެވޭނީ ފަސް އަހަރަށެވެ. އަދި އެ މަގާމްގައި މިހާރު ހުންނެވި ގ. އަސްމަހި، އަބްދުލް ހަންނާން އަހުމަަދުގެ ދައުރު ހަމަވެފައިވާތީ އެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު މަޖިލީހުން ވަނީ ހުޅުވާލައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު އެކަމަށް އިޝާރާތް ކުރައްވައި، ޖޭއެސްސީގެ ވެސް މެންބަރެއް ކަމަށްވާ ނަޝީދު ވިދާޅުވީ އެ ކޮމިޝަންގެ މަސަކަތްތައް މިހާރު ފުޅާވެފައި ވަރަށް މުހިންމުވެއްޖެ ކަމަށާއި ރައްޔިތުން އެ މަގާމަށް ބޭފުޅެއްގެ ނަން ހުށަހަޅުއްވާއިރު އެ ބާރުމިނުގައި މަސައްކަތް ކުރެވޭ ބޭފުޅެއްގެ ނަން ހުށަހެޅުން މުހިންމު ކަމަށެވެ. އޭގެ އިތުރުން ވީހާ ވެސް ގިނަ ނަންތައް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ޖޭއެސްސީގެ މަސައްކަތް މިހާރު ކުރިޔަށް ވުރެ ގިނައިން ފުންކޮށް ފުޅާކޮށް އެބަ ކުރިޔަށް ގެންދެވެން ޖެހޭ. އެހެންވީމަ އެ މަސައްކަތްތަކުގެ ހަލުވި ކަމަށް ބަލައި ކުރަން ހުރި މަސައްކަތުގެ ބޮޑު މިނާއި ގިނަ ކަމާއި މުހިންމު ކަމުގެ މައްޗަށް ބަލައި މިކަމުގައި ރައްޔިތުންގެ ތެރެއިން ކުރިމަތިލައްވާ ބޭފުޅުން ޝައުގުވެރިކަން ބަހައްޓަވައި، ވީހާވެސް ގިނަ ބޭފުޅުން މިކަމަށް ކުރިމަތިލައްވަވާ. މި މަޖިލީހުގެ މެންބަރުންނަށް ގިނަ މެންބަރުންގެ ތެރެއިން އެއް ބޭފުޅަކު ހޮވުމުގެ ފުރުސަތު ދެއްވުމަށްޓަކައިި އަޅުގަނޑު ވަރަށް ބޮޑަށް ރައްޔިތުންގެ ކިބައިން އެދެން މިކަމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވަން،" ނަަޝީދު ވިދާޅުވި އެވެ.

މަޖިލީހުން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުގެ ނަންތައް އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން މަޖިލިސް އިދާރާ އަށް ހުށަހަޅަން ޖެހެ އެވެ.