ހަބަރު

ޝައިމްގެ މައްސަލާގައި ހިޔާ މުއައްޒަފަކު ސަސްޕެންޑުކުރި: ޝިދާތާ

Jul 15, 2019
2

ކުޑަ ކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ފިލައިގެން ދިޔަ މައްސަލާގައި އެތަނުގެ މުއަައްޒަފަކު ސަސްޕެންޑު ކުރި ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝައިމް މައްސަލާގައި މަޖިލީހުގެ ތަޅުމަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިދާތާ ވިދާޅުވީ ހިޔާގައި ތިބޭ މުއައްޒަފުންނަކީ ހުރިހާ ވަގުތެއްގައި ވެސް ކުދިން ބެލެހެއްޓުމުގެ ޒިންމާ ނަގަންޖެހޭ ބައެއް ކަމަށެވެ.

އެގޮތުން 18 ޖޫން 2019 ގައި ކުއްޖާ ނެތް ކަން ފާހަގަ ކުރެވުމާ ގުޅިގެން މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް ކޮމިޓީއާ ހަވާލު ކޮށްގެން އެ މަސައްކަތް ބަލަން އަންގާފައިވާ ކަމަށާއި އެވަގުތު ޑިއުޓީގައި ހުރި މުއައްޒަފަކު ވަގުތީ ގޮތުން މަސައްކަތުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

"މިނިސްޓްރީގެ ސަބް ކޮމިޓީއެއް ނަގައި [ޝައިމް ފިލި] މައްސަލަ އިންވެސްޓިގޭޓު ކުރުމުގެ މަސައްކަތް ކުރެވި އަދި ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އެބަދޭ، އަދި ކަމާ ގުޅުން ހުރި ހުރިހާ މައުލޫމާތަކާއި ބަޔާންތަކާއި މައްސަލައާ ގުޅިގެން ހިނގައިދިޔަ ހުރިހާ ކަންކަމެއް މަޖިލީހާއި ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް ހިއްސާކޮށްފައި ވާނެ،" ޝިދާތާ ވިދާޅުވި އެވެ.

ފުލުހުންނާ ހަވާލާދީ ޝިދާތާ ވިދާޅުވީ ޝައިމް ފެނިފައި ވަނީ މާލޭގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކުން ކަމަށާއި އެ ކުއްޖާއަކީ ހިޔާ އިން ފިލައިގެން ދިޔަ ކުއްޖެއް ކަމަށެވެ. އަދި އެކަމުގައި ބައެއް ބޮޑެތި މީހުންގެ ބައިވެރިވުން ހުރި ކަމަށާއި ހިޔާގެ މުއައްޒަފެއްގެ ޝާމިލްވުން އޮތްތޯ ބެލުމަށް ފަހު އެ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ޝައިމް ފިލި މައްސަލާގައި ފުލުހުން ވަނީ މާލޭގެ ބައެއް ގެތަށް ބަލާ ފާސްކޮށްފަ އެވެ. އަދި އެ ކުއްޖާ ހޯދުމަށް ފަހު އެ މައްސަލާގައި ދެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުން ބުނީ ޝައިމްއަށް އެ މުއައްސަސާގެ ރައްކާތެރިކަން ދީފައިވާ ކަމަށެވެ. އަދި ޝިދާތާ މިއަދު ވިދާޅުވީ ޝައިމް މިހާރު ހުރީ އަނެއްކާވެސް ހިޔާގައި ކަމަށެވެ.