ޝިދާތާ ޝަރީފު

ކުދިންގެ މަަރުކަޒުތައް ވީރާނާ ވާތީ ދައުލަތް ޒިންމާވާންޖެހޭ: ޝިދާތާ

14

ރާއްޖޭގައި ހުރި ކުޑަ ކުދިން ބަލަހައްޓާ މަރުކަަޒުތައް ވީރާނާވެފައިވާ ކަމަށާއި އޭގެ ޒިންމާ ދައުލަތް ނަގަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ޝައިމް އަބްދުﷲ ފިލައިގެން ދިޔަ މައްސަލާގައި މަޖިލީހަށް ހާޒިރު ކުރުމުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިދާތާ މިއަދު ވިދާޅުވީ ދައުލަތުގެ ވަސީލަތްތަކާއި ބަޖެޓު ކަނޑައެޅުމުގަ އާއި ސިޔާސަތާއި ގާނޫނުތައް ކަނޑަައެޅުމުގައި ކުޑަ ކުދިންގެ ރައްކާތެރި ކަމަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ކުޑަ ކުދިންގެ ރައްކާތެރިކަމާބެހޭ ގޮތުން މިހާރު އަމަލު ކުރަނީ 1991 ވަނަ އަހަރު ހެދި ގާނޫނެއްގެ ދަށުން ކަމަށާއި އޭގެ ސަބަބުން މިހާރުގެ ހާލަތަށް ރިއާޔަތް ނުކުރެވޭ ވަރަށް ގިނަ ހާލަތްތައް ހުންނަ ކަމަށެވެ. ކުޑަ ކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާ ބެހޭ އާގާނޫނުގެ މަސައްކަތް މަޖިލީހުގައި އޮންނަތާ 12 ވަރަކަށް އަހަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޖުވެނަލް ޖަސްޓިސް އެކްޓެއްގެ މަސައްކަތް ވެސް ދައުލަތުން ކުރަމުން އަންނަ ކަމަށާއި އެ ބިލު ވެސް މަޖިލީހުގައި އޮންނަތާ އަހަރުތަކެއް ވެފައިވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިނިސްޓްރީ އޮފް ޖެންޑާ ފެމަލީ އެންޑް ސޯޝަލް ސަވިސްއަކީ [ޝައިމް] މައްސަލާގައި މުހިންމު ޒިންމާއެއް ނަގަން ޖެހޭ މުއައްސަސާއެއް. ހަމައެއާއެކީގައި އަޅުގަނޑު ގަބޫލު ކުރަނީ މުޅި ދައުލަތުން މިކަމުގައި ޒިންމާ ނަގަން ޖެހޭ، ކުޑަކުދިން ބެލެހެއްޓުމާއި ކުޑަ ކުދިން ބަލާ މަރުކަޒުތައް ހެދުމާއި އެކި ގިންތީގެ އެކި ފަންތީގެ ކުޑަ ކުދިން ބެލެހެއްޓުމަށްޓަކައި މަރުކަޒުތައް ގާއިމް ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވާތީ،" ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ ކުޑަ ކުދިންގެ ހިޔާގައި އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ 42 ކުދިން ބަލަހައްޓަމުންދާއިރު މިވަގުތު ވެސް އެތާނގައި 29 މުއައްޒަފުން މަސައްކަތް ކުރާ ކަމަށެވެ.

"ރާއްޖޭގައި ކުޑަ ކުދިންނަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރެވެމުން މި އަންނަނީ ވަރަށް ގިނަ ފަހަރަށް އަމިއްލަ ފަރާތްތައް ނުވަތަ އެފަދަ ކަންކަމަށް ޝައުގުވެރިކަން ހުންނަ ބައެއްގެ މައްޗަށް، އޭގެ ބަދަލުގައި އަޅުގަނޑުމެން ރިސޯސް އެލޮކޭޓު ކުރާ އިރު އަދި ބަޖެޓު ކަނޑައަޅާއިރު ވަރަށް އާދޭހާއެކީ ދަންނަވަން އެކަންކަމަށް އިސްކަން ދެއްވުމަށް," ޝިދާތާ ވިދާޅުވި އެވެ.