ރާއްޖޭގެ މަސްވެރިކަމާބެހޭ ގޮތުން ސަރުކާރުގެ ވައުދުތައް ފުއްދުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ހަތަރު ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުތަކުގެ ތެރޭގައި ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމެއް ގާއިމު ކުރުމުގެ ގަރާރަކާއި ރަށު ކައުންސިލާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ އެޅޭ ގަރާރެއް ހިމެނެ އެވެ. އަދި އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާ ކުރުމާ ބެހޭ ގަރާރަކާއި ބޭރުގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދާތީ އެކަން ހުއްޓުވަން ހުށަހެޅި ގަރާރު ހިމެނެ އެވެ.
މަސްވެރިކަމާ ބެހޭ ހަތަރު ގަރާރު ހުށަހަޅުއްވާފައި ވާތީ އެކަމަށް ވަރަށް ބޮޑު އިސް ކަމެއް ދެއްވާނެ ކަން ފާހަގަ ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ގަރާރުތަކުގެ މަސައްކަތް ކުރަން މެންބަރުން އިތުރު ވަގުތު މަސައްކަތް ކުރަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ރޭގަނޑު މަޖިލީސް ބާއްވައިގެން ވިޔަސް އެ މަސައްކަތްތައް އަވަސް ކުރައްވާނެ ކަމަށެވެ.
ބޮޑުދާޖެހުން ހުއްޓުވުމުގެ ގަރާރު
އިންޑިއާ ކަނޑުގައި ކުރެވޭ މަސްވެރިކަމުގައި ބޮޑުދާޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާކޮށް ދެމެހެއްޓެނެވި އުސޫލުން މަސްވެރިކަން ކުރެވޭނެ މަގެއް ހޯދުމަށް ގޮވާލައި ގަރާރު ހުށަހަޅުއްވާފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ.
އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ އޮޔާދާ ބޮޑުދާ ބޭނުންކޮށްގެން ކުރަމުންދާ މަސްވެރިކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުންތައް ލިބުމުގެ އިތުރުން ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކަށް ހީނަރުކަން ލިބެމުންދާކަމަށް މިދިޔަ މަހު އިނގިރޭސި ވިލާތުގެ ބްލޫ މެރިން ފައުންޑޭޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެކަމުގެ ސަބަބުން ދިވެހި މަސްވެރިންނަށް އިޔާދަނުކުރެވޭ ގެއްލުންތައް ލިބި، އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސޯދަށް ކުރުމުގެ ބިރު އޮތުމުގެ ސަބަބުން، ބޮޑުދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކޮށް، އެކަމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭން ބާރުއަޅައި ވަކާލާތުކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
ކަންނެލި ޖަގަހަތަކެއް ގާއިމުކުރުމުގެ ގަރާރު
ދިވެހި މަސްވެރިން ބާނާމަހަށް ހަމައަގު ހޯދައިދިނުމާއި ބޭރު ކަނޑުގައި މަސްވެރިކަންކުރާ މަސްވެރިންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި އޮފްޝޯ ޕްލެޓެފޯމުތަކެއް ގާއިމުކޮށްދިނުމަށް ގޮވާލައި ގަރާރު ހުށަހަޅުއްވާފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދެވެ.
އެ ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ރައްތަކާއި ދުރަށް ދުއްވައިގެން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް، އެ ސަރަހައްދުތަކުގައި އޮފްޝޯ ޕްލެޓް ފޯމުތަކެއް ނޫނީ ކަންނެލި ޖަގަހަތަކެއް ގާއިމުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސް ކުރުމަށެވެ.
އެގޮތުން، އެ ޖަގަހަތަކުގައި އައިސްއާ ތެޔޮ އަދި މަސްވެރިކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ އެނބުރި ރަށަށްގޮސް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އެ ގަރާރުގައި ހުށަޅާފައިވަނީ އެ ޖަގަހަތައް ގާއިމުކުރާނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތަކުގެ ދަށުން ކަމަށެވެ.
ގޭދޮށު މަސް ފެކްޓަރީ ގާއިމްކުރުމުގެ ގަރާރު
ދިވެހި މަސްވެރިން ބާނާމަހަށް ހަމައަގު ހޯދައިދިނުމަށް މަސްތައް ޕްރޯސެސްކޮށް މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ރަށްތަކުގައި މަސް ފެކްޓަރީ ގާއިމުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ގޮވާލައި ގަރާރު ހުށަހަޅުއްވާފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ.
އެ ގަރާރުގައި ބުނެފައިވަނީ ދިވެހި މަސްވެރިން ބާނާ މަސް އާންމުކޮށް ވިއްކާ ތައިލެންޑް އަދި ސްރީލަންކާ ފަދަ ގައުމުތަކުން އެ މަހުން އުފައްދާ އިތުރު ޕްރޮޑަކްޓްސްތައް ވިއްކައިގެން ބޮޑެތި ފައިދާ އެއް ނަގަމުންދާއިރު، އެކަމުގެ ހަގީގީ ނަފާ ދިވެހި މަސްވެރިންގެ އިތުރުން ރާއްޖޭގެ އިގުތިސޯދަށް ކުރަމުންނުދާ ކަމަށެވެ.
އެގޮތުން، ރަށު ކައުންސިލުތަކުގެ ބައިވެރިވުމާއެކު، ރަށްރަށުގައި ފެކްޓަރީތަކެއް ގާއިމުކޮށްގެން، ދިވެހި މަސްވެރިން ބާނާ މަސް ޕްރޯސެސްކޮށް މަހުގެ އުފެއްދުންތައް އިތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސް ކުރުމަށް އެ ގަރާރުގައި ވަނީ ހުށަހަޅައިފަ އެވެ.
ރާއްޖޭގައި ބޭރު ބޯޓުތަކުން މަސްވެރިކަންކުރުން ހުއްޓުވުމުގެ ގަރާރު
ރާއްޖޭގެ ކަނޑުތައް ހަމައެކަނި ދިވެހި މަސްވެރިންނަށް ހާއްސަކޮށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި ބޭރުގެ ބޯޓުތަކަށް މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލުކުރުމަށް ގޮވާލައި ގަރާރު ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ދިވެހި މަސްވެރިން އަހުލުވެރިކޮށް، އެފަދަ ބާވަތްތަކުގެ މަސް ބޭނުމަށް ބޭނުންވާ އާލާތްތައް ދިވެހި މަސް ބޯޓުތަކުގައި ގާއިމުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރަށް ހުށަހެޅުމަށެވެ.
އެ ގަރާރުތަކަށް މިއަދު ބަހުސްކުރަން ފަށާފައިވާއިރު، ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވަނީ މިއަދު މަޖިލީހަށް ވަޑައިގެން ބަޔާނެއްވެސް އިއްވައިފަ އެވެ.
މަސްވެރިކަމާ ގުޅޭ ގޮތުން މިހާރު އަމަލު ކުރަމުން އަންނަނީ 14 މާއްދާގެ މައްޗަށް 1987 ގައި ގެނައި މަސްވެރިކަމާ ބެހޭ ގާނޫނަކަށެވެ. ނަމަވެސް 80 މާއްދާގެ މައްޗަށް އެކުލެވިގެންވާ އާ ބިލެއް ފިޝަރީސް މިނިސްޓްރީ އިން ވަނީ ތައްޔާރުކޮށް މިހާރު ރައީސް އޮފީހަށް ފޮނުވައިފަ އެވެ. އެ ބިލު ދާދި އަވަހަށް މަޖިލީހަށް ފޮނުވާނެ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ވަނީ ބުނެފަ އެވެ.