ހަބަރު

ހުއްދަ އާ ނުކުރީ އީޔޫއަށް މަސް އެކްސްޕޯޓުކުރުން ބަންދުވެދާނެތީ: މިނިސްޓަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލޭނު މަސްވެރިކަން ކުރުމަށް ހުއްދަދީފައިވާ ފަރާތްތަކުގެ ލައިސެންސް އިތުރަށް އާ ނުކުރަން ނިންމާފައިވަނީ މަހުގެ ބާވަތްތައް ޔޫރޯޕްގެ މާކެޓަށް ރާއްޖެއިން އެކްސްޕޯޓްކުރުން ހުއްޓުމަކަށް އައިސްދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހަތަރު ގަރާރެއް އަޑުއެއްސެވުމަށް މަޖިލިހަށް ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 100 މޭލު ބޭރުން ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ލައިސެންސް މިނިސްޓްރީގެ ފަރާތުން ދީފައިވަނީ އެކަމަށްޓަކައި އެކުލަވާލާފައިވާ ގަވައިދެއްގެ ދަށުން ކަމަށާއި، މިދިޔަ އަހަރު ފަސް ކުންފުންޏެއްގެ 28 އުޅަނދެއް ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ރާއްޖޭގައި ކުރާ އެހެން މަސްވެރިކަމާ ހިލާފަށް ލޭނު މަސްވެރިކަމަކީ ބިދޭސީންނަށް މަސްވެރިކަން ކުރުމުގެ ހުއްދަ ގާނޫނީ ގޮތުން ލިބިދީފައިވާ ހަމަ އެކަނި މަސްވެރިކަން ކަމަށާއި، އެކަމުގައި ހަރަކާތްތެރިވާ މީހުންގެ 90 އިންސައްތައަކީ ބިދޭސީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެން ކޮންމެ އުޅަނދެއްގައި އެވްރެޖްކޮށް ނުވަ ބިދޭސީން ހަރަކާތްތެރިވާއިރު، ދެެން އުޅެނީ އެންމެ ދިވެއްސެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޒަހާ އިތުރަށް ވިދާޅުވީ، ސަރުކާރުން ލޭނު މަސްވެރިކަމުގައި ހުރި މައްސަލަތައް ބަލާ އެކަމަށް ހައްލު ހޯދަން ފަންނީ ފެންވަރުގައި ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި، އެ މަޝްވަރާތަކުންނާއި، އެކަމާއި ގުޅިގެން ބެލި ބެލުމުން އެ މަސްވެރި ކަމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

ލޯބޮޑު ކަންނެލީގެ ބަދަލުގައި އެ މަސްވެެރިކަމުގައި ގިނަ އަދަދަކަށް ރީނދޫ އުރަހަ ކަންނެލި ހިފާފައިވާ ކަމަށާއި، އިންޑިއާ ކަނޑުގައި މަނާކޮށްފައިވާ ކަނޑުމަތިން އެއް އުޅަނދުން އަނެއް އުޅަނދަށް މަސް ބަދަލު ކުރުމުގައި އެ އުޅަނދުފަހަރުން ހަރަކާތްތެރިވަމުންދާ ކަމަށް ޒަހާ ވިދާޅުވި އެވެ. އެ އުޅަނދުފަހަރުގައި ހިއުމަން ޓްރެފިކިން އާއި، ފޯސް ލޭބާގެ ކަންތައްތަކެއްވެސް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އީޔޫއިން މިއަހަރުގެ އެޕްރީލްމަހު ރާއްޖެއަށް ކުރި ޒިޔާރަތެއްގައި ވެސް ލޭނު މަސްވެރިކަމުގެ އޮޕަރޭޝަންގައި ހިންގަމުންގެންދާ ގާނޫނާއި، ގަވައިދާއި ހިލާފު ކަންތައްތައް ފާހަގަކޮށް، އެކަންކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިވޭ، އަދި މީގެ ތެރެއިން ބައެއް އުޅަނދުތަކުގެ އަސްލު މަންފާ ލިބެމުންދާ ފަރާތަކީ ފަރުދާގެ ފުރަގަހުގައި ތިބި ބިދޭސީންތަކެއް ކަމަށް ތުހުމަތުކޮށްފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެކަމުގައި އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ޔޫރަޕަށް މަސް އެކްސްޕޯޓް ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަން އިޔޫއިން ފާހަގަކޮށްފައިވާ ކަމަށެވެ. އެ ސަބަބުތައް އެހެން ހުރުމާއެކު، މިހާރު އެ މަސްވެރިކަން ކުރަމުންދާ އުޅަނދުތަކަށް ދޫކޮށްފައިވާ ލައިސެންސް އިތުރަށް އާނުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.