ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނެ އެ ޔުނިޓުގެ ކުރީގެ ވެރިޔާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރު އަހުމަދު ނަސީރަށް ކުރި ތުހުމަތުތަކާ ގުޅިގެން އެ ދެ ބޭފުޅުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީ އިން މިއަދު ނިންމައިފި އެވެ.
އެފްއައިޔޫގެ މައްސަލައާ ގުޅޭ ގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނަސީރާއި އަޝްރަފް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. ނަމަވެސް އޭރު އެ މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެކަން އަނެއްކާ ވެސް މާލިއްޔަތު ކޮމިޓީގެ ސަމާލު ކަމަށް އައީ ނަސީރާ ގުޅޭ ގޮތުން އަޝްރަފް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ސިޓީއެއް އޭނާ އެ ކޮމިޓީއަށް ހުށަހެޅުމުންނެވެ.
މިއަދު ބެއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އަޝްރަފްގެ ސިޓީގައި ކޮށްފައިވާ ތުހުމަަތުތަކުގެ ރައްދު ނަސީރު ވެސް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ދެ ބޭފުޅުން ދައްކާފައި ހުރި ވާހަކަތައް ވަކިވަކިން ނަގައިގެން ދިރާސާ ކުރަން ފެންނަ ކަމަށާއި އެއަށް ފަހު ދެ ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށް އިތުރަށް ބަލަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"މިއީ ވަރަށް ސީރިޔަސް މައްސަލައެއް، އަޅުގަނޑުމެން މި އުޅެނީ މީގެ ޖިނާއީ ތަހުގީގެއް ނޫން، ނަމަވެސް މަރުކަޒީ ބެންކުގެ ތެރޭގައި މިފަދަ ކަންކަން ހިނގާ ކަމަށް ވާނަމަ އެކަންތައް އަޅުގަނޑުމެން ބަލަން ޖެހޭނެ، އަދި މި ބޭފުޅުންނަކީ އެ މަގާމުގައި ތިބެން އިތުބާރު ހުރި ބޭފުޅުންތޯ ވެސް ބަލަން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
އަޝްރަފް އާއި ނަސީރު ކޮމިޓީއަށް ހާޒިރު ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ހިޔާލު ފާޅެއް ނުކުރައްވަ އެވެ. ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ 18 ވަނަ މަޖިލީހުގައި ވެސް އެކަމާ ގުޅޭ ގޮތުން ގިނަ މަސައްކަތްކޮށްފައިވާ ކަމަށާއި އެކަންކަން މި މަޖިލީހުން ވެސް ބަލަން ޖެހޭ ކަމަށެވެ. އެހެންވެ އޭރު އެ މައްސަލަ ކުރިޔަށް ދިޔަ ގޮތުގެ ޔައުމިއްޔާ މެންބަރުން ބަލާލަން މުހިންމު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މެންބަރުންގެ ހިޔާލު އެއްގޮތްވުމާއެކު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ނިންމެވީ އަންނަ ހަފްތާގެ ތެރޭގައި ނަސީރާއި އަޝްރަފް މަޖިލީހަށް ހާޒިރު ކުރުމަށެވެ.
އަޝްރަފްގެ ތުހުމަތުތައް
ނަސީރާ ގުޅޭ ގޮތުން އަޝްރަފް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވި ސިޓީގައިވާ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށް ނެގިކަން ރިޔާސީ އިންތިހާބުގެ ދެ ހަފްތާ ކުރިން އިސްލާމިކް ބެންކުން އެފްއައިޔޫއަށް ވަނީ އަންގައިފަ އެވެ. އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުން ނަސީރު ގުޅުއްވައި ހިތް ހަމަނުޖެހުން ފާޅު ކުރެއްވި ކަމަށް އަޝްރަފް ތުހުމަތު ކުރެއްވި އެވެ. އަޝްރަފް ފުލުހަށް އެ މައްސަލަ ހުށަހެޅުމާއެކު އޭނާ ވަނީ އެފްއައިޔޫ އިން ވަކިކޮށްފަ އެވެ.
ޔާމީން އާއި އޭސީސީ ހިއްސާވާ ގޮތަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރި މައްސަލަ ބަލައި އޭގެ ރިޕޯޓެއް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާ ހިއްސާ ކުރުމުން ވެސް ގަވަނަރު ހިތްހަމަނުޖެހުން ފާޅު ކުރި ކަމަށް އަޝްރަފް ތުހުމަތު ކުރެ އެވެ. އޭސީސީއާ އެކު ހެދި އެއްބަސްވުމާ ވެސް ހިލާފަށް ޔާމީން ފައިސާ ޖަމާކުރެއްވި ކަން ފަޅާއަރުވާލީ އެފްއައިޔޫގެ އެ ރިޕޯޓުންނެވެ.
އޭގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ޔާމީންގެ މައްސަލަ ރިޕޯޓު ކުރުމަކީ ހާލަތަށް ނުބަލައި ކުރި ކަމެއް ކަމަށް ނަސީރު ވިދާޅުވި ކަމަށް އަޝްރަފް ތުހުމަތު ކުރެ އެވެ. އަދި އިންތިހާބު ނިމެންދެން އެފަދަ ހައި ޕްރޮފައިލް ކޭސްތައް ރިޕޯޓު ނުކޮށް މަޑުކޮށްލުމަށް ވެސް އޭނާ އެދިވަޑައިގަތް ކަމަށް އަޝްރަފް ތުހުމަތު ކުރެ އެވެ.
ގަވަނަރުގެ ރައްދު
އަޝްރަފް ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން އެމްއެމްއޭއިން ދާދި ފަހުން ވަނީ ބަޔާނެއް ނެރެ، ނަސީރު ދިފާއު ކުރައްވައިފަ އެވެ. އެ ބަޔާނުގައިވާ ގޮތުން އެފްއައިޔޫގެ އިސްވެރިއަކަށް ހުންނަަވައިގެން އަޝްރަފް ވަނީ އޭނާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ނުކުޅެދިފަ އެވެ.
އެމްއެމްއޭއިން ބުނީ އެފްއައިޔޫ އިން އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ލިބޭ މައުލޫމާތަކާ ގުޅޭ ގޮތުން މިނިވަންކަމާއެކު ފިޔަވަޅު އަޅައި، ކަމާ ބެހޭ ފަރާތްތަކަށް ފޮނުވަން ޖެހޭ އިރު ޝައްކު ކުރެވޭ މުއާމަލާތްތައް ގޮތުގައި އެ ޔުނިޓަށް ލިބިފައިވާ ބައެއް މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ނުފޮނުވައި ލަސްކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް އެފްއައިޔޫގެ ގެ ވެރިޔާގެ މަގާމްގައި އަޝްރަފް ހުންނެވި ދުވަސްވަރުގައި އެ ޔުނިޓަށް ލިބިފައިވާ ރިޕޯޓުތަކާ ގުޅޭ ގޮތުން އޭނާ އަމަލުކޮށްފައި ވަނީ ގަވައިދާ ހިލާފަށް ކަމަށް މަރުކަޒީ ބެންކުން ތުހުމަތު ކުރެ އެވެ.
އެގޮތުން 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރުމުން އެފްއައިޔޫ އިން އެކަން ތަހުގީގީ އިދާރާތަކަށް ނުފޮނުވާ ލަސްކޮށްފައިވާ ކަމަށާއި އެ މުއާމަލާތާ ގުޅޭ ގޮތުން ފިޔަވަޅު ނާޅައި ބާއްވާފައި އޮތް ކަން އެނގުނީ އަޝްރަފް ރާއްޖޭގައި ނެތް ދުވަސްވަރެއްގައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.