ޗެލްސީ

ޕްލިސިޗްގެ ނިންމުމަށް ލަމްޕާޑްގެ ތައުރީފު

އެމެރިކާގެ ގައުމީ ޓީމާއެކު، އުތުރު އެމެރިކާ މުބާރާތުގެ ފައިނަލު ކުޅުނުތާ ނުވަ ދުވަސް ފަހުން، ޗުއްޓި ކުރުކޮށް ލުމަށް ފަހު ޗެލްސީގެ ޓީމާ ގުޅެން، ކްރިސްޓިއަން ޕުލިސިޗް ނިންމުމުން ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑްގެ ތައުރީފު ޕުލިސިޗަށް އޮއްސާލައިފި އެވެ.

ފީފާގެ ޓްރާންސްފާގެ އަދަބު ޗެލްސީއާ ދެކޮޅަށް އެޅުމުގެ ކުރިން، ބުރޫޝިއާ ޑޯޓަމުންޑުން ޗެލްސީއަށް ސޮއި ކުރި ޕުލިސިޗް ޗެލްސީއާ މާދަމާ ގުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ޕްލިސިޗް ޗެލްސީއަށް ސޮއި ކުރީ މި އަހަރުގެ ޖަނަވަރީ މަހު އެވެ. އެހެންނަމަވެސް ސީޒަން ނިމެންދެން ޑޯޓަމުންޑްގައި ބަހައްޓަން ޗެލްސީން އެއްބަސްވި އެވެ.

"ކްރިސްޓިއަން ޕުލިސިޗް އަހަރެމެންނާ ގުޅޭނީ، (މަދާމާ) އޭނާ ނެގީ ކުރު ޗުއްޓިއެއް، އެހެންނަމަވެސް އޭނާ ބޭނުންވީ ވީ އެންމެ އަވަހަކަށް އަހަރެމެން ޓީމާ ގުޅެން، އަހަރެން ވަރަށް ބަލައިގަންނަން އޭނާ ނިންމި ނިންމުން،" ޖަޕާންގައި ކުރިއަށްދާ ޕްރީ ސީޒަންގައި އެ ގައުމުގެ ކަވަސާކީ ފުރޮންޓޭލް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ލަމްޕާޑް ބުންޏެވެ. "އޭނާ އަކީ މޮޅު ޒުވާން ކުޅުންތެރިޔެއް، އޭނާ އަކީ ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިޔެއް، އޭނަ އާއެކު މަސައްކަތް ކުރަން އަހަރެން މިހުރީ ކެތް މަދުވެފައި."

ޗެލްސީގެ ކޯޗް ކަމާ ހަވާލުވެ، ލަމްޕާޑްގެ ފުރަތަމަ މެޗުގައި، މިދިޔަ ހޮނިހިރު ދުވަހު އަޔަލެންޑްގެ ކުލަބު އެސްޓީ ޕެޓިކާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީ ކާމިޔާބު ކުރީ 4-0 ންނެވެ.

ޖަޕާންގެ ޕްރީ ސީޒަންގައި، ޗެލްސީން ބާސެލޯނާ އާ ދެކޮޅަށްވެސް ނުކުންނާނެ އެވެ. އަދި ސީޒަން ފެށުމުގެ ކުރިން އޮސްޓްރިއާގެ ސަލްސްބާގް، ޖަރުމަންގެ މޮންޗެން ގްލެބާކް އަދި އިނގިރޭސި ޗެމްޕިއަންޝިޕްގެ ރޭޑިން އާ ދެކޮޅަށްވެސް އެކުވެރި ކަމުގެ މެޗުތަކެއް ކުޅެނޭ އެވެ.