ހަބަރު

ފަތާ ޓްރެކް ސާފު ކޮށްދޭނެ ބަޔަކު ހޯދަނީ

ކޮންޓްރެކްޓް އުސޫލުން މާލޭގެ ފަތާ ސަރަހައްދު ސާފު ކޮށްދޭނެ ފަރާތެއް ހޯދަން ޔޫތު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ، މާލޭގެ ފަތާ ސަރަހައްދަށް ކުނި ޖަމާ ވާން ދިމާވާ އެންމެ ބޮޑު މައްސަލައަކީ އޮއިވަރަށް އަންނަ ބަދަލާއެކު ވަންނަ ކުނި ކަމަށައި އެކަމަށް ދާއިމީ ހައްލެއް ލިބުމަކީ ދުރު ކަމެއް ކަމަށެވެ.

މީގެ އިތުރުން ކޮންޓްރެކްޓް އުސޫލުން ފަތާ ޓްރެކް ސާފުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައިވާ ކަމަށް ވިދާޅުވެ އިއުލާން ޓްވީޓު ކުރައްވަފައި ވެއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓު --

"މި ކަމަކަށް ޖުމްލަކޮށް ހައްލެއް ލިބުމަކީ ދުރުކަމެއް. ހައްލަކީ ސްވިމިން ޕޫލް" މަހްލޫފް ކުރެއްވި ޓްވީޓްގައި ވެ އެވެ.

ފަތާ ޓްރެކަކީ މިހާރު ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ކޮންމެ ދުވަަހަކުވެސް ބޭނުން ކުރަމުން އަންނަ ތަނެކެވެ. އަދި، އިންޓަސްކޫލް އަދި ސްކޫލް ފެންވަރުގެ ފަތާ މުބާރާތްތައް ވެސް ޓްރެކްގައި ބާއްވަ އެވެ. އެ ސަރަހައްދުގައި ކުނި ގިނަވެ ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފަ އެވެ.

ޓްރެކް ސަރަހައްދު ސާފު ކުރުމަށް ޔޫތު މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ދުވާލަކު އެއް ފަހަރު ދެ ޕްލެޓްފޯމް އަދި އެ ސަރަހައްދުގެ މޫދާއި އެއްގަމުގެ ބައިތައް ސާފު ކުރަން ޖެހޭނެ ކަމަށެވެ. އަދި، ސާފުތާހިރުކަން ދެމެހެއްޓުމަށް ދުވާލަކު އެއް ފަހަރަށްވުރެ ގިނައިން ކުނި ކަހައިގެން ވިޔަސް އެ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާ އެއް ކަމަށެވެ.

ކުނި ނެގުމާއި އުކާލުމުގެ މަސައްކަތް ކުރަން ވާނީ ކުނި އުކުމަށް ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ކަމަށްވެސް އިއުލާނުގައި ވެ އެވެ.