ދުނިޔެ

ތުރުކީން ރަޝިއާ ގުޅިގެން އެސް 400 މިސައިލް އުފައްދަނީ

ރަޝިއާގެ އުފެއްދުމެއް ކަމަށްވާ އެސް 400 އިގެ މިސައިލް ރަޝިއާ ގުޅިގެން އުފައްދަން ބޭނުންވާ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވެއްޖެ އެވެ.

ތުރުކީގައި 2016 ވަނަ އަހަރު ކުރި ބަޣާވާތާއި ގުޅުވައި ބޭއްވި، އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އުރުދުގާނު ވިދާޅުވީ ރަޝިއާގެ މިސައިލް ސިސްޓަމަކީ މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ ހަތިޔާރު އަދި އަސްކަރީ ދިފާއީ ނިޒާމު ކަމަށެވެ. އެެހެން ކަމުން ރަޝިއާ އާ ގުޅިގެން އެސް 400 މިސައިލް ސިސްޓަމް އުފައްދަން ބޭނުންފުޅުވާ ކަމަށެވެ.

އުރުދުގާން ވިދާޅުވީ، ބައެއް ފަރާތްތަކުން ތުރުކީގައި އެސް 400 މިސައިލް ގަތުމުގެ ގާބިލްކަން ނުހުންނާނެ ކަމަށްވެސް ބުނަމުންދިޔަ ކަމަށާއި ނަމަވެސް ތުރުކީން މިހާރު މަސައްކަތް ކުރަމުންދަނީ މިސައިލް ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކައް ކަމަށެވެ. އަދި އެކަން އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނިންމާނެ ކަމަށެވެ.

"އެސް 400 މިސައިލް އަކީ އެންމެ ވަރުގަދަ ޑިފެންސް ސިސްޓަމް، ބައެއް ފަރާތްތަކުން ދިޔައީ ބުނަމުން އަހަރުމުންގެ ކިބައިގައި އެ ގާބިލްކަން ނެތް ކަމަށް، އިރާދާކުރެއްވިއްޔާ މިސައިލްތައް އަންނަ އަހަރުގެ އެޕްރީލް މަހަށް އިންސްޓޯލްކޮށް ނިމޭނެ، މިހާރު ބޭނުންވަނީ ރަޝިއާއިން ގުޅިގެން މިސައިލް އުފައްދަން،" އުރުދުގާން ވިދާޅުވި އެވެ.

ރަޝިއާގެ މިސައިލްތަށް އުފައްދަން ބޭނުންވާ ކަމަށް ތުރުކީން ބުނަމުން ދާއިރު، އެމެރިކާއިން ދަނީ ތުރުކީއަށް ދަތިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދަތިތަކުގެ ތެރޭގައި ތުރުކީގައި އުފައްދާ ހަނގުރާމަވެރި މަތިންދާ ބޯޓު އެފް-35 އުފެއްދުން މަނާ ކުރުން ހިމެނެ އެވެ.

ތުރުކީން ގަބޫލު ކުރާ ގޮތުގައި އެމެރިކާއިން އެގައުމަށް ފިޔަވަޅު ނާޅާނެ އެވެ. ސަބަބަކީ ތުރުކީ އަކީ ނޭޓީގެ ގައުމަކަށްވެފައި މިހާރު ވެސް އެމެރިކާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ދާތީ އެވެ.