އަބްދުﷲ ޖާބިރު

މުސްކުޅިންނަށް 10،000 ދޭން ހުށަހެޅުމުން ޖާބިރަށް ފާޑުކިޔުން

އުމުރުން ދުވަސްވީ މީހުނަށް މަހަކު 10،000 ރުފިޔާ ދޭގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެން ވެރިކަންކުރާ އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް މިއަދު އަމާޒުކޮށް އެ އަދަދާ ދެކޮޅު ހަދައިފި އެވެ.

ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުގެ ފަރާތުން މިހާރު ދެމުންގެންދާ 5،000 ރުފިޔާ ދެ ގުނަކޮށް، 10،000 ރުފިޔާއަށް މަތި ކުރަން ޖާބިރު ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެންބަރުން ވިދާޅުވެފައި ވަނީ އެއީ އެއްވެސް ދިރާސާއެއް ނުކޮށް އަދި ދައުލަތުގެ މާލީ ގާބިލު ކަމަށް ރިއާޔަތް ވެސް ނުކޮށް ހުށަހެޅުނު ބިލެއް ކަމަށެވެ. އަދި ޖާބިރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ވަކި ގޮތަކަށް ބައްޓަން ކޮށްފައި ވަނިކޮށް ދައުލަތުގެ ބަޖެޓަށް ބުރަވާ ގޮތަށް ހުށަހެޅިފައިވާ ބިލާމެދު ބަހުސްކޮށް މަޖިލީހުގެ ވަގުތު ބޭކާރު ނުކޮށް ވަގުތުން ބޭރު ކޮށްލަންޖެހޭ ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އެފަދަ ބިލުތައް ހުށަހަޅާއިރު، ގައުމުގެ އިގުތިސޯދީ ހާލަތާމެދު ވިސްނަންޖެހޭ ކަމަށާއި، މެންބަރުންގެ ސިކުނޑިއަށް އަންނަ ކޮންމެ އަދަދެއް ގަނޑެއްގައި ޖަހައިގެން މަޖިލީހަށް ހުށަހެޅުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

މިހާރުވެސް ޕެންޝަންގެ ގޮތުގައި ޖަމާވަނީ މަހަކު 90 މިލިއަން ރުފިޔާ ކަމަށްވާއިރު، ޕެންޝަންގެ ގޮތުގައި ދޫކުރާ ފައިސާގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 105 މިލިއަން ރުފިޔާއަށް އަރާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ވިދާޅުވެ ދެއްވާ މިކަން ދެކޮޅު ޖެއްސޭނެ ގޮތެއް. އަޅުގަނޑުމެން މިކަހަލަ ބިލުތައް ހުށަހަޅާއިރު އެބަ ވިސްނަންޖެހޭ ޕެންޝަނަކީ އަންނަން އޮތް ޖީލުތަކަށް ވެސް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދޭންޖެހޭ އެއްޗެއްކަން. އެހެންވީމަ ޖީޑީޕީ އާއި އިންފްލޭޝަން ހުރި މިންވަރަށް ބަލައިގެން ދައުލަތަށް ލިބޭ އާމްދަނީއަށް ވެސް ބެލިގެން މިކަހަލަ ކަންކަން ކުރަންޖެހޭނީ. އެހެން ނޫނީ މިކަހަލ ބިލުތައް ބަލައެއް ނުގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ގޮތުގައި އެ ބިލުގައި ހިމަނާފައި އަދަދު ހަމަޖައްސާނީ ކޮން ދާއިރާއަކުން ފައިސާ އުނި ކޮށްގެން ނޫނީ ހޯދައިގެންކަން އެ ބިލު ހުށަހެޅުއްވި މެންބަރު ވިދާޅުވެ ދެއްވި ނަމަ، އެ ބިލަށް ތާއީދު ކުރަން ފަސޭހަ ވީސް ކަމަށެވެ.

"މި ބިލުގައި ހިމަނާފައި އަދަދަކީ މުޅި ސިއްހީ ނިޒާމަށް ދައުލަތުން ހޭދަކުރާ އަދަދާ ނުބައްދަލު އަދަދެއް. އެހެންވީމާ އަޅުގަނޑުމެން މި ފައިސާ ނަގަންވީ ސިއްހީ ނިޒާމުގެ ތެރެއިންތޯ ނޫނީ ފުޓުބޯޅަ ދަނޑުތައް އަޅަން ހުރި ފައިސާއިންތޯ ބުނެދޭން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.

އެ ބަހުސްގައި ވާހަކަ ދެއްކެވި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވަނީ ޖާބިރުގެ ކުންފުނިން މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުދޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ދައުލަތަށް ދައްކަންޖެހޭ ފައިސާ ވެސް ޖާބިރު ނުދައްކަވާ ކަމަށް އޭނާ ވިދާޅުވި އެވެ.