މައުރީޒިއޯ ސާރީ

ސާރީ ވަނީ ނަޕޯލީއަށް ލަނޑު ދީފައި: އިންސީނިއާ

މައުރީޒިއޯ ސާރީ ޔުވެންޓަސް އާ ހަވާލުވުމަކީ ނަޕޯލީއަށް ދިން ލަނޑެއް ކަމައް، ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސީނިއާ ސިފަ ކޮށްފި އެވެ.

ތިން އަހަރު ވަންދެން ނަޕޯލީ އަށް ކޯޗް ކޮށްދިން ސާރީ، އެއް އަހަރުގެ މެދު ކެނޑުމަކަށް ފަހު އަލުން އިޓަލީ ލީގަށް ބަދަލުވީ ޔުވެންޓަސްގެ ކޯޗުގެ ގޮތުގަ އެވެ. މިދިޔަ ސީޒަންގައި ސާރީ ކޯޗް ކޮށްދިނީ އިނގިރޭސި ޕްރިމިއާ ލީގްގެ ޗެލްސީ އަށެވެ.

"އަހަރެން ކުރިންވެސް އެހެން ބުނިން، މިހާރުވެސް އަހަރެން މި ބުނަނީ، އެއީ އަހަރެމެން ނިއޯޕޮލިޓަން [އިޓަލީގެ ނޭޕްލްސްއަށް ނިސްބަތްވާ މީހުން] ނަށް އޭނާ ދިން ލަނޑެއް،" ސާރީ ޔުވެންޓަސް އަށް ބަދަލުވި ބަދަލުވުން އިންސީނިއާ ސިފަ ކުރި އެވެ. "މިހާރު އަހަރެމެން ސަމާލުކަން ދޭން ޖެހޭނީ އޭނާ ބަލި ކުރަން، އަހަރެމެން އުންމީދެއް ލީގް ކާމިޔާބު ކުރުމަކީ އަނެއްކާ ވެސް އަހަރެމެން ބުރަކޮށް މަސައްކަތް ކުރާނަން."

ނަޕޯލީގެ ޔޫތު ސިސްޓަމްގެ ތެރެއިން އުފެދިގެން އައި އިންސީނިއާ، ނަޕޯލީގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރު އެވެ. އޭނާ ވަނީ 2022 ވަނަ އަހަރާ ހަމައަށް އެ ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

އިންސީނިއާ ކުލަބު ބަދަލު ކުރަން އުޅޭ ވާހަކަ ކުރިން ފެތުރުނެވެ. އެހެން ނަމަވެސް އޭނާ ބުނީ، ނަޕޯލީ ދޫކޮށް ދިއުމުގެ ވިސްނުން އެއްވެސް އިރެއްގައި ނުގެން ގުޅޭ ކަމަށާއި އޭނާ ރިޓަޔާ ކުރަން ބޭނުންވަނީ ވެސް ނަޕޯލީގައި ކަމަށެވެ.