ހަބަރު

ހުޅުމާލޭގައި އާ ސްކޫލެއް އަޅަނީ

ހުޅުމާލޭގައި އާ ސްކޫލެއް އަޅަން ނިންމައި، ސްކޫލުގެ ޑިޒައިން ތައްޔާރުކޮށްދޭނެ ބައެއް ހޯދަން އެޑިއުކޭޝަނުން އިއުލާން ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި އާ ސްކޫލްއެއް ޑިޒައިންކޮށް ކުރެހުމާއި ބީއޯކިއު އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި، މި މަސައްކަތުގެ ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މާދަމާ އިން ފެށިގެން މި މަހު 24 އަށް ނަން ނޯޓު ކުރަން ޖެހޭނެ ކަމަށެވެ.

ސަރުކާރުން ހިންގާ ތިން ސްކޫލް މިހާރު ހުޅުމާލޭގައި ހުރެ އެވެ. އެެއީ ޣާޒީ ސްކޫލް ރެހެންދި ސްކޫލް އަދި މި އަހަރު އަލަށް ހުޅުވި ހުރަވީ ސްކޫލް އެވެ.

މާލޭ ސަރަހައްދަށް އިތުރު 10 ސްކޫލް ބޭނުންވާ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެވަރަށް ސްކޫލް އަޅަން ނިންމާފައިވާ ކަމަށް ނުބުނާ ކަމަށާއި އެއްދަންފަޅި އަށް ސްކޫލްތައް ބަދަލު ކުރެވޭނީ އިތުރު 10 ސްކޫލާއެކު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެއްދަންފަޅިއަށް ހުރިހާ ސުކޫލްތައް ބަދަލުކުރުމަކީ މި ސަރުކާރުގެ ވިސްނުމެކެވެ.

ހުޅުމާލޭގައި އަލަށް ހަދަން އިއުލާން ކޮށްފައިވާ ސްކޫލާ ބެހޭ އިތުރު މައުލޫމާތެއް އެޑިއުކޭޝަން މިނިސްޓްރީން ނުލިބުނެވެ.