ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔޫއެފާގެ އެހީތެރި ކާމާއެކު އައްޑޫގައި ބާއްވާ ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތަކީ، އަތޮޅުގެ ތެރޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބާއްވަން ފެށުމަށް ހުޅުވޭ ދޮރެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިތުރު ތިން ގައުމަކުން ވާދަ ކުރާ މުބާރާތުގައި، ޔޫރަޕުން ވާދަ ކުރަނީ، ލެޓްވިއާގެ ގައުމީ ޓީމެވެ. ދެން ވާދަ ކުރާނީ ސައުދީ އަރަބިއްޔާ އާއި ބުޓާން އެވެ. މުބާރާތް ފަށާނީ މި އަންނަ ހޮނިހިރު ދުވަހު އެވެ.
މުބާރާތުގެ ތައްޔާރީތަކާ ގުޅޭ ގޮތުން، އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ، އަތޮޅު ތެރޭގައި އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވިދާނެތޯ އުފެދޭ ސުވާލަށް އައްޑޫގެ މުބާރާތުން ޖަވާބު ލިބޭނެ ކަމަށެވެ.
"އަތޮޅު ތެރެއަށް ގިނަ މުބާރާތްތަކެއް ގިނަ މެޗުތަކެއް ގެންދިއުމަށް ކުރެވޭ މަސައްކަތުގައި އަދި ހަމަ ޒުވާން ކުޅުންތެރިންތަކެއް ޑިވްލަޕް ކުރަން ކުރެވޭ މަސައްކަތުގައި ވަރަށް ހާއްސަ މުހިންމު މުބާރާތަކަށް މި ނުބާރާތް ވެގެން މިދަނީ،" ބައްސާމް ވިދާޅުވި އެވެ.
"އައްޑޫގައި ބޭއްވިގެން މިދާ މުބާރާތް އިތުރަށް ހާއްސަވެގެންދާ ސަބަބަކީ އިންޓަނޭޝަނަލް މުޅި މުބާރާތް މާލެއިން ބޭރުގައި މުޅިން އަލަށް ބޭއްވިގެން ދާތީ، އެޔާއެކު އަޅުގަނޑު ދަންނަވާލަން ބޭނުމީ މީ އަތޮޅު ތެރޭގައި އިންޓަނޭޝަނަލް އިތުރު މުބާރާތްތައް ބޭއްވުމަށް ފެށިގެންދާ ފުރަތަމަ މަސައްކަތް، މި މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލެވިއްޖެނަމަ އަތޮޅު ތެރޭގައި އިންޓަނޭޝަނަލް އިތުރު މުބާރާތްތައް ބޭއްވުމަށް މަގުފަހި ވެގެންދާނެ."
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) ވިދާޅުވީ، އައްޑޫއަށް ސްޕޯޓްސް ޓުއަރިޒަމް ތައާރަފު ކުރުމަކީ، އައްޑޫ ސިޓީ ކައުންސިލުގެ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށެވެ. ޔޫއެފާ މުބާރާތަކީ އެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހީ ކުލަބެއް ކަަމށްވާ، ސ. ފޭދޫ ޑީއެންސީ ޓީމުން ވިދާލި ދިވެހި ފުޓްބޯޅަ ލެޖެންޑް، އަބްދުﷲ މުފީދު (އުދުހޭ މުފީދު) ވިދާޅުވީ އައްޑޫގައި އިންޓަނޭޝަނަލް މުބާރާތެއް ބާއްވާތަން ފެނިގެން ދިއުމަކީ އޭނާ އަށް ހާއްސާ އުފަލެއް އިހްސާސް ކުރެވޭ ކަމެއް ކަަމަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި، ވާދަ ކުރާނީ ރާއްޖެ އާއި ބޫޓާން އެވެ. މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މި މަހު 29 ވަނަ ދުވަހު އެވެ.