ހަބަރު

އެސްޓީއާރަށް އަމަލުކުރިނަމަ ބޮޑު ހިޔާނާތް ހުއްޓުވުނީސް: ބީއެމްއެލް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓުތައް މެދުވެރިކޮށް ހިންގި ޝައްކުރެވޭ މުއާމަލާތްތަކާ ގުޅިގެން މަރުކަޒީ ބޭންކަށް ފޮނުވި ރިޕޯޓަށް ފިޔަވަޅު އެޅިނަމަ އެ ހިޔާނާތް ހުއްޓުވުމުގެ ފުރުސަތު އޮތީސް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސް ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 79 މިލިއަން އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ 12.8 މިލިއަން ޑޮލަރެވެ. އެ ފައިސާތައް މައިގަނޑު ގޮތެއްގައި ބޭރުކޮށްފައިވަނީ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކުން ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުތައް މެދުވެރިކޮށެވެ.

އެ ބައްދަލުވުމުގައި ބީއެމްއެލްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެންޓި މަނީ ލޯންޑަރިންގް ގާނޫނަށް ގަވާއިދުތައް ވުޖޫދަށް އައި ފަހުން، އެސްއޯއެފް އިން އާދަޔާ ހިލާފަށް ބޮޑެތި އަދަދުތަކުން ކުރަމުންދިޔަ މުއާމަލާތްތައް ފާހަގަކުރެވިގެން، ނޮވެމްބަރު 2014 ގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓު (އެފްއައިޔޫ) އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓެއް (އެސްޓީއާރް) ފޮނުވާފައިވާ ކަމަށެވެ.

އެސްއޯއެފްގެ އެކައުންޓުތައް ވެސް ހިފެހެއްޓި

އެސްއޯއެފް އިން ހިންގަނީ މަނީ ލޯންޑަރިންގްއަށް ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމުން، އެފްއައިޔޫއަށް ރިޕޯޓް ފޮނުވުމުގެ އިތުރުން، އެ ކުންފުނީގެ އެކައުންޓުތައް ވެސް ވަގުތީ ގޮތުން ހިފެހެއްޓުނު ކަމަށް ޝަރީފް ހާމަ ކުރެއްވި އެވެ.

ނަމަވެސް، އެފްއައިޔޫއާއެކުގަ އާއި ފޯނު މެދުވެރިކޮށް ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިން ކުރެވުނު މުއާމަލާތްތަކުގައި، އެއްވެސް އެކައުންޓެއް ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެން ނުވާ ކަމަށް ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެސްއޯއެފްގެ އެކައުންޓުތަކުން ކުރަމުންދިޔަ މުއާމަލާތްތައް އޭގެ ފަހުން ވެސް އެފްއައިޔޫއަށް ރިޕޯޓު ކުރަމުންދިޔަ އެވެ. ނަމަވެސް، އިތުރު ފިޔަވަޅެއް އަޅަން އެ ޔުނިޓުން އަންގާފައެއް ނުވެއެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފައިލްކުރި އެސްޓީއާރާ މެދު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އެކަށީގެންވާ ފިޔަވަޅު އެޅި ނަމަ އެސްއޯއެފް އެކައުންޓް މެދުވެރިކޮށް ހިންގަމުންދިޔަ މުއާމަލާތްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ކުރަން،" ޝަރީފް ވިދާޅުވި އެވެ.

އިތުރު ފިޔަވަޅު ނޭޅީ ތަހުގީގަށް ހުރަސް އެޅިދާނެތީ

އެސްއޯއެފަށް އެކަށީގެން ނުވާ މިންވަރުގެ ފައިސާގެ މުއާމަލާތްތައް ހިންގަމުން ދިޔައިރު، އެ ފައިސާ ލިބުނު ގޮތެއް ސާފު ކޮށް ނުދެވޭ ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަ ކޮށްފައިވާއިރު، އެ ކުންފުނިން އިތުރު މުއާމަލާތްތައް ކުރަން ބޭންކުން ފުރުސަތު ދިނީ ކީއްވެގެންތޯ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ މަނީ ލޯންޑަރިންގް ގާނޫނުގެ ދަށުން ޝައްކު ކުރެވޭ މުއާމަލާތްތަކުގެ ހަގީގީ މަންފާ ލިބޭ ފަރާތްތައް ދެނެގަތުމުގައި، އެފަދަ އެކައުންޓުތައް މެދުވެރިކޮށް މުއާމަލާތް ކުރުމުގެ ފުރުސަތު ދިނުމުގެ ބާރު ލިބޭ ކަމަށެވެ. އަދި އެކަން އެ ގޮތަށް ކުރީ، އެފްއައިޔޫ އިން ވަކި ގޮތެއް ނާންގާތީ އާއި އަދިވެސް ތަހުގީގު ކުރެވެމުންދާ މައްސަލައެއް ކަމަށް ބަލައިގެން ކަމަށެވެ.

އެސްއޯއެފްއާ ގުޅޭގޮތުން އިތުރު އެސްޓީއާރެއް ވެސް ހުށަހަޅާފައި ނުވަނީ ހަމަ އެ ސަބަބަށްޓަކައި ކަމަށް ވެސް ޔާމީން އިތުރަށް ފާހަގަކުރެއްވި އެވެ.

އެސްއޯއެފްގެ ވިޔަފާރިތަކާ ނުބައްދަލު އަދަދުތަކުން ކުރި މުއާމަލާތްތައް ކުރަމުންދިޔައިރު ކަސްޓަމާ ޑިއު ޑިލިޖެންސް (ސީޑީޑީ) ބޭންކުން ހެދިތޯ ވެސް މެންބަރުން ވަނީ ސުވާލު ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން، ޔާމީން ވިދާޅުވީ އެސްޓީއާރު ހުށަހެޅުމާ ހަމައަށް އެސްއޯއެފްގެ މައްސަލަތައް ފާހަގަވީ ސީޑީޑީ ހެދުމުން ކަމަށާއި، މަނީ ލޯންޑަރިންގްއަށް ޝައްކު ކުރެވޭ މުއާމަލާތްތަކެއްކަން ދެނެގަނެވުނީ ބޭންކުން ބެލި ބެލުންތަކުގެ ސަބަބުން ކަމަށެވެ.

ބޮޑު ހިޔާނާތުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއް ޝާމިލްވާ ކަމަށް ދެކެވޭ ވާހަކަތައް މިއަދުގެ ބައްދަލުވުމުގައި ވެސް ޝަރީފް ވަނީ ދޮގު ކުރައްވައިފަ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ މައްސަލާގައި އެ ބޭންކުގެ ފަރާތުން ހިންގި އޮޑިޓުތަކުންނާއި ތަހުގީގުތަކުން ބޭންކުގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް އެއްވެސް މުވައްޒަފަކު އަމަލު ކޮށްފައި ނުވާކަން ކަށަވަރު ކުރެވިފަ އެވެ.

ނަމަވެސް، އެކަމުގައި ބީއެމްއެލްއަށް އެކި ފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަމުން ދާއިރު، އެ މައްސަލަ ވީއެންމެ އަވަހަކަށް ތަހުގީގުކޮށް ވަކި ގޮތަކަށް ނިންމައި ދިނުމަށް ޝަރީފް ވަނީ ކޮމިޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑުމެން އެދެނީ ވީހާވެސް އަވަހަކަށް އޭސީސީ އިން ކުރަމުންދާ ތަހުގީގު ނިންމައި، މި ބޭންކުގެ ބައިވެރިވުން މި ޚިޔާނާތުގައިވާ ކަމަށް ދެކެވޭ ވާހަކައަށް ނިމުމެއް އައުން،" ޝަރީފް ވިދާޅުވި އެވެ.