ދުނިޔެ

ޓައިވާން ކަނޑުގައި ޗައިނާއިން އަސްކަރީ ތަމްރީނުތައް ހަދަނީ

މަސްރަހު ގޯސްވެފައިވާ ޓައިވާންގެ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ފަށައިފި އެވެ.

ޓައިވާންގެ އިގްތިސޯދީ ސަރަހައްދުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގައި ޗައިނާގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން ބައިވެރިވާނެ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ. މި ތަމްރީނުތަކާބެހޭ މާގިނަ މައުލޫމާތު ހާމަނުކޮށް ޗައިނާގެ ޕީޕަލް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން ބުނީ ކުރިއަށް ގެންދަނީ އާދައިގެ ތަމްރީނުތަކެއް ކަމަށެވެ. އޭގައި ކަންބޮނޑުވާން ޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ.

އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދަން ފަށާފައި މިވަނީ ޗައިނާގެ ރައީސް ސީ ޖިންޕިންގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ ހަންކޯޔޫ ޓައިވާންގެ އިދިކޮޅު ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމަށްފަހު ޓައިވާންގެ ބައެއް ސަރަހައްދުތަކަށް ޗައިނާގެ ބާރު ހިނގަން ޖެހޭނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ގާނޫނު ހިނގަން ޖެހޭ ގައުމެކެވެ. ނަމަވެސް ޓައިވާންގެ މިހާރުގެ ރައީސާ ސާއި އިންގްވެން ދަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ.

އަސްކަރީ ތަމްރީނުތައް ފެށުމާއެކު، ޔޫރަޕްގެ ބައެއް ގައުމުތަކުންނާއި އެމެރިކާއިން ބުނެފައި ވަނީ، ޗައިނާއިން ކުރިއަށް ގެންދާ ތަމްރިނުތަކަކީ ޓައިވާނުން ގަނެފައިވާ ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ފޯރުކޮށް ދިނުމަށް ހުރަސަ އަޅައި ބިރު ދައްކަން ވެގެން ކުރިއަށް ގެންދާ ހަރާކާތެއް ކަމަށެވެ.

ޓައިވާނަށް ހަތިޔާރު ވިއްކަން އެމެރިކާއިން އެއްބަސްވުމުން، ޗައިނާއިން އެކަމާއި ނުރުހުން ފާޅުކޮށް ބުނީ، އެ މުއާމަލާތުގެ ސަބަބުން ޗައިނާގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމަށެވެ. ޓައިވާނުން ގަނެފައިވާ ހަތިޔާރުތަކުގެ ތެރޭގައި އަބްރަމްސް ޓޭންކްސް އާއި ސްޓިންގާ މިސައިލް ހިމެނެ އެވެ.