ދުނިޔެ

ޕާކިސްތާނުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި

ޓެރަރިސްޓް ޖަމާއަތަކުން ދިން ހަމަލާއެއްގައި އިންޑިއާގެ ސިފައިންތަކެއް މަރުވި ހާދިސާއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އިންޑިއާއިން ޕާކިސްތާނުގެ ބޯޑަރު ސަރަހައްދަށް ދިން ހަމާލާ އާއި ގުޅިގެން ޕާކިސްތާނުން ބަންދުކުރި ވައިގެ ސަރަހައްދު ފަސް މަސް ފަހުން އަލުން ހުޅުވާލައިފި އެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު ކުރީ މިދިޔަ ފެބުރުއަރީ މަހު 26 ވަނަ ދުވަހު އެވެ.

މިއާއެކު އިންޑިއާގެ އެއާލައިންތަކައް ވަނީ ބޮޑެތި މާލީ ގެއްލުންތައްވެ ފައިދާ ދަށްވެފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާ އަށެވެ.

ވައިގެ ސަރަހައްދު ބަންދު ކުރުމުން އިންޑިއާގެ އިތުރު އެއާލައިންތަކެއް ކަމަށްވާ ސްޕައިސް ޖެޓް، އިންޑިގޯ އަދި ގޯއެއާ އަށް 80 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފަ އެވެ.

މިދޔަ ފެބްރުއަރީގައި ދިން ހަމާލާގައި ވަނީ އެ ގައުމުގެ 42 ސިފައިން މަރުވެފަ އެވެ. އެ ހަމަލާތަކުގެ ފަހަތުގައި ވަނީ ޕާކިސްތާނު ސަރުކާރުން ވާގިވެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިންޑިއާއިން ވަނީ ބުނެފަ އެވެ. އެއާ ގުޅިގެން އަދި ޕާކިސްތާނު ދުނިޔެއިން އެކަހެރި ކޮށްލާނެ ކަމަށް ވެސް އޭރު ބުންޏެވެ، ނަމަވެސް ޕާކިސްތާނުން ވަނީ އެހުރިހާ ތުހުމަތުތަކެއް ދޮގު ކޮށްފަ އެވެ. އަދި އެ މައްސަލާގައި ބޮޑު ވަޒީރު އިމްރާން ހާން އަމަލު ކުރެއްވި ގޮތުން ދުނިޔޭގެ ރުހުން ލިބުނެވެ.