އެމްއެެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ބޭންކް އޮފް މޯލްޑިވްސް އިން ކުރި ތުހުމަތުތައް ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ދޮގު ކުރައްވައިފި އެވެ.
ނީޒާ މިހާރު ހުންނެވީ މި ސަރުކާރުގެ އިކްނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.
ކޮމެޓީގައި ބީއެމްލް އިން ބުނީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާވަމުން ދިޔައިރު އެ މުއާމަލާތް ނުހިފެހެއްޓުނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިން ދެއްވި ލަފާގެ މަތިން ކަމަށެވެ.
ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވައި ނީޒާ ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ދޮގެއް ކަމަށެވެ.
ނީޒާގެ ފާރާތުން ނެރުނު ކުރުކުރު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަމަކާ ގުޅިގެން ވަކި ކަމެއް ކުރަން އޭނާގެ ފަރާތްޕުޅުން އެ ބޭންކަށް އެއްވެސް ލަފައެއް ދެއްވާފައި ނުވާނެ ކަށާއި އެމްއެމްޕީއާރްސީ އަދި އެސްއޯއެފާ ގުޅޭ ގޮތުން އޭސީސީން ކުރިޔަށް ގެންދިޔަ ތަހުގީގަށް ވެސް މައުލޫމާތު ދެއްވާފައިވާނެ ކަމަށެވެ.
އަދި އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި މުއައްސަސާތަކަށް މައުލޫމާތު ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
މިއަދު ބީއެމްއެލްގެ ފަރާތުން ކޮމެޓީއަށް ވަޑައިގެންނެވި ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެންޓި މަނީ ލޯންޑަރިންގް ގާނޫނަށް ގަވާއިދުތައް ވުޖޫދަށް އައި ފަހުން އެސްއޯއެފް އިން އާދަޔާ ހިލާފު ބޮޑެތި އަދަދުތަކުން ކުރަމުންދިޔަ މުއާމަލާތްތައް ފާހަގަ ކުރެވިގެން، ނޮވެމްބަރު 2014 ގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް (އެފްއައިޔޫ) އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓެއް (އެސްޓީއާރް) ފޮނުވާފައިވާނެ ކަމަށެވެ.
އެސްއޯއެފް އިން ހިންގަނީ މަނީ ލޯންޑަރިންގްއަށް ޝައްކު ކުރެވޭ މުއާމަލާތްތަކެއް ކަމުން، އެފްއައިޔޫއަށް ރިޕޯޓް ފޮނުވުމުގެ އިތުރުން، އެ ކުންފުނީގެ އެކައުންޓުތައް ވެސް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށެވެ. ނަމަވެސް، އެފްއައިޔޫ އާއެކު ފޯނުން މެދުވެރިކޮށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ކުރި މުއާމަލާތްތަކުގައި، އެއްވެސް އެކައުންޓެއް ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެން ނުވާކަމަށް އެންގި ކަމަށެވެ.
ބޭންްކުން އެގޮތަށް ބުނުމުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ވަނީ އެފްއައިޔޫގެ ފަރާތުން ބޭންކަށް އެގޮތަށް އެންގެވި ބޭފުޅުންގެ ނަން ހާމަ ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓް ވަގުތީ ގޮތުން ހިފަހައްޓައި، އެފްއައިޔޫއަށް ނޮވެމްބަރު 2014 ގައި ރިޕޯޓް ކުރި ކަމަށެވެ. އެ އެކައުންޓް ހިފެހެއްޓީ މަނީލޯންޑްރިންއަށް ޝައްކުވާ މުއާމަލާތެއް އޭގެ ދެ ދުވަސް ކުރިން ހިންގާފައިވާކަން ބޭންކުގެ ކަމާބެހޭ ޑިޕާޓްމަންޓަށް ފާހަގަ ވެގެން ކަމަށެވެ.
ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ލަފާ ދެއްވީ އެސްއޯއެފްގެ އެކައުންޓްތައް ބޭންކަށް ނުހިފެހެއްޓޭނެ ކަމަށާއި، މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ ވެރިޔާ، އާތިފް ޝަކުރޫ ވެސް ޗުއްޓީއިން އެނބުރިވަޑައިގެން ހަމަ އެގޮތަށް ވިދާޅުވި ކަމަށް އޭނާ ހާމަކުރެއްވި އެވެ.
"މުއާމަލާތް ކުރިއަށް ގެންދެވިދާނެ ކަމާއި [އެސްއޯއެފް] އެކައުންޓް ހޯލްޑްއެއް ނުކުރެވޭނެ ކަމަށް، އިތުރު މުއާމަލާތްތަކަށް އެކައުންޓް އިންއެކްޓިވޭޓްކޮށްފައި ނުބެހެއްޓޭނެ ކަމަށާއި އެކައުންޓް އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް ނީޒާ އިމާދުގެ ފަރާތުން ވެސް އަދި އާތިފް ޝަކޫރުގެ ފަރާތުން ވެސް އިންސްޓްރަކްޝަން އައީ،" ޔާމީން ވިދާޅުވި އެވެ.
އެފަދަ އެންގުމެއް އެންގިކަން ބީއެމްއެލްއަށް ސާބިތު ކޮށްދެވޭނެތޯ މެންބަރަކު ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި އެފްއައިޔޫއާއެކު މުއާމަލާތް ކުރީ ފޯނުގެ އިތުރުން ބޭއްވި ދެ ބައްދަލުވުމެއްގައި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ހުންނާނެ ކަމަށެވެ.
އޭރު ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިސްތިއުފާ ދެއްވާފައި ވަނީ ގަވަރުނަރަކަށް ހަމަޖެއްސުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވުމަށްފަހު އަނބުރާ ނަން ގެންދިއުމާ ގުޅިގެންނެވެ. ނީޒާ މިހާރު ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެމްއެމްޕީއާރްސީގެ މައްސަލާގައި އާތިފުގެ އިހުމާލުވާ ކަމަށް އޭސީސީން ކުރި ތަހުގީގުގައި ވެސް ވަނީ ބުނެފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، އެސްއޯއެފްގެ އެކައުންޓުތަކުން ކުރަމުންދިޔަ މުއާމަލާތްތައް އޭގެ ފަހުން ވެސް އެފްއައިޔޫއަށް ރިޕޯޓު ކުރަމުންދިޔަ ކަމަށާއި، ނަމަވެސް، އިތުރު ފިޔަވަޅެއް އަޅަން އެ ޔުނިޓުން އަންގާފައިވާ ނުވާ ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފައިލްކުރި އެސްޓީއާރާ މެދު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އެކަށީގެންވާ ފިޔަވަޅު އެޅި ނަމަ އެސްއޯއެފް އެކައުންޓް މެދުވެރިކޮށް ހިންގަމުންދިޔަ މުއާމަލާތްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެކަމަށް ގަބޫލުކުރަން،" ޝަރީފް ވިދާޅުވި އެވެ.