ދުނިޔެ

ބޮލުން ގުޅިފައިވާ ސަފާ، މަރުވާ ވަކިކުރުމުގެ ދަތުރު!

ޕާކިސްތާނުގެ ދެބެން ކަމަށްވާ ސަފާ އާއި މަރުވާއަކީ ބޮލުން ގުޅިފައިވާ ދެ ބެންނެވެ. މި ދެބެންގެ އޮޕަރޭޝަނެއްކޮށް ދެބެން ވަކިކުރުމަށް އިނގިރޭސި ވިލާތުގެ ލަންޑަންގެ ޑޮކްޓަރުންގެ ޓީމަކުން ވަނީ 50 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކޮށްފަ އެވެ.

މި ދެ ކުދިންގެ މަންމަ ޒައިނަބް ބީބީ އަކީ ޕާކިސްތަނުގެ ޕިޝާވަރަށް އުފަން މީހެކެވެ. ޒައިނަބަށް ހަތް ކުދިން ލިބިފައި ވެއެވެ. އޭގެ ތެރެއިން ސަފާ އާއި މަރުވާއަށް ބަލިވެ އިންކަން އެނގުމުން ޒައިނަބު ގަސްދުކުރީ ގޭގައި އިނދެގެން ވިހެއުމަށެވެ. ސަބަބަކީ އޭނާގެ އެހެން ކުދިންވެސް ވިހާފައިވަނީ ގޭގައި އިނދެެގެން ކަމަށްވާތީ އެވެ. ނަމަވެސް މާބަނޑު ދުވަސްވަރު ހެދި އަލްޓްރާސައުންޑް ސްކޭން ޑޮކްޓަރަށް ދައްކަން ދިޔުމުން ލަފާ ދިނީ ވިހަން ހޮސްޕިޓަލަށް ދިޔުމަށެވެ. އަދި ބަނޑުގައި އޮތް ދެ ކުދިން ބޯ ގުޅިފައިވާ ކަމަށްވެސް ސްކޭން ބެއްލެވި ޑޮކްޓަރު ޒައިނަބް ކައިރީގައި ވިދާޅުވި އެވެ. ޑޮކްޓަރު ދެއްވި ހަބަރަށް ވުރެ ބޮޑަށް ޒައިނަބް އަށް އަސަރުކުރީ ވިހެއުމުގެ ދެ މަސް ކުރިން އެކުދިންގެ ބައްފަ އަދި އޭނާގެ ފިރިމީހާ މަރުވެފައި ވާތީ އެވެ.

ވިހާ ދުވަސް ކައިރުވުމުން ޒައިނަބު ބީބީ ޕިޝާވަރުގެ ހަޔާތުއާބާދުގެ ހޮސްޕިޓަލަށް ގޮސް އެޑުމިޓުވި އެވެ. ނަމަވެސް ހީކުރި ގޮތާއި ހިލާފަށް ދެކުދިން ނަގަން ޖެހުނީ ސިޒޭރިއަން ހަދައިގެންނެވެ. ސިޒޭރިއަން ހެދި ޑޮކްޓަރު ދެ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށް ޒައިނަބު ގާތުގައި ވިދާޅުވި އެވެ.

ފުރަތަމަ ދުވަހުން ފެށިގެން ކުދިން ދެކެން ޒައިނަބް ބޭނުންވި ނަމަވެސް އޭނާއަށް ކުދިން ފެންނަށް ވަރުވީ ހަފުތާއެއް ފަހުންނެވެ. ދެ ކުދިން ބޮލުން ގުޅިފައިވާ ތަން ފެނުމުން ސަފާ އާއި މަރުވާ ފަރުބަދާ އާއި ގުޅުވައި ދެ ކުދިންނަށް ނަން ދިނެވެ.

އެއް މަސް ދުވަސް ފަހުން ސަފާ އާއި މަރުވާ ހޮސްޕިޓަލުން ދޫކޮށްލި އެވެ. ދެބެން ދޫކޮށްލިތާނާހެން ޕާކިސްތާނުގެ އަސްކަރީ ހޮސްޕިޓަލަކުން ވަނީ އެ ދެ ކުދިން އޮޕަރޭޝަން ކޮށް ވަކިކޮށްދޭނެ ކަން ޒައިނަބަށް އަންގާފަ އެވެ. އެއީ އުފާވެރި ހަބަރެއް ނަމަވެސް ފަހުން ދިނީ ޒައިނަބަށް ކެތް ކުރަން ދަތި ހަބަރެކެވެ. އަސްކަރީ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވީ އެތަނުން ފުރާނަ ސަލާމަތް ކުރެވޭނީ ކޮންމެވެސް އެއް ކުއްޖެއްގެ ކަމަށެވެ. މިއީ ހީކުރި ވަރަށް ވުރެ އާދައިގެ ކަމެއް ނޫންކަން ޒައިނަބަށް ރޭކަލީ އެހާ ހިސާބުންނެވެ.

ކުދިންގެ ފުރާނަ ސަލާމަތް ކުރެވޭނެ އިތުރު ގޮތްތަށް ހޯދަން ތިން މަސް ދުވަސް ވަންދެން ކުރި މަސައްކަތުގެ އަޑު ފޯރީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުޑަ ކުދިންގެ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ލަންޑަނުގެ ގްރޭޓް އޯމަންޑް ސްޓްރީޑް ހޮސްޕިޓަލްގެ ޕިޑިއެޓްރިކް ނިއުރޯސާޖަން ޑރ. އޮވާސީ ޖަލާނީ އަށެވެ.

ސަފާ އާއި މަރުވާގެ ސްކޭންތައް ބެއްލެވުމަށް ފަހު ޑރ. ޖާލާނީ އެ ދެ ކުދިން ވަކި ކުރެވޭނެ ކަމުގެ ޔަގީންކަން ޒައިނަބަށް ފޯނުން ގުޅައިގެން ދެއްވި އެވެ. އަދި އެ ކުދިންނަށް އެއް އަހަރުވުމުގެ ކުރިން އޮޕަރޭޝަން ކުރުން މުހިންމު ކަމަށްވެސް ޖަލާނީ ވިދާޅުވި އެވެ. މިއާއެކު ކުދިން ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ޒައިނަބަށް ވެސް ބޮޑުވި އެވެ.

ނަމަވެސް ދުވަސްކޮޅަކަށެވެ؛ ދެ ކުދިންނާއި އާއިލާ އިނގިރޭސި ވިލާތަށް ދިއުމަށް އޮގަސްޓް 2018 ގައި ވިސާ ހަމަޖެހުނު ނަމަވެސް ހަރަދުތަކަށް ފައިސާއެއް ނުލިބުނެވެ. މާޔޫސްކަން އިތުރުވި އެވެ. ދެ ކުދިން ލޯމަތިން ގެއްލިދާނެ ކަމުގެ އިހްސާސް ޒައިނަބަށް ކުރެވެން ފެށި އެވެ. ހަފުތާއެއްހާ ދުވަސް ފަހުން ލަންޑަނުން ދެ ކުދިންނަށް ފަރުވާ ދޭނެ ކަމަށް ވިދާޅުވި ޖަލާނީގެ މަސައްކަތުން ޕާކިސްތާނުގެ މުއްސަދި ވިޔަފާރިވެރިއެއްގެ އެހީގައި ޒައިނަބު ކުދިން ގޮވައިގެން ލަންޑަނަށް ދަތުރުކުރީ އެވެ.

ލަންޑަނަށް ދެވުމުން ޒައިނަބް ދާން ޖެހުނީ ދެ ކުދިން ގޮވައިގެން ހޮސްޕިޓަލަށެވެ. ހަމަ އެދުވަހު ކުދިން އެޑްމިޓްކޮށް އޮޕަރޭޝަން ކުރުމުގެ ތައްޔާރީތައް ވާން ފެށި އެވެ. ދެ ކުދިން ވަކިކުރަން ޑޮކްޓަރުން ވަނީ ތިން އޮޕަރޭޝަނެއް ކޮށްފަ އެވެ. ފައިނަލް އޮޕަރޭޝަންގައި ދެ ކުދިން ކަށި ބޭނުން ކޮށްގެން ބޮލުގެ ނާށިގަނޑެއް ހަދައި ބޮލުގައި ހަރުކުރީ އެވެ. އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނުމުން، ޒައިނަބަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ސަފާ އާއި މަރުވާގެ އޮޕަރޭޝަންގައި 100 މީހުންގެ ޓީމެއް މަސައްކަތް ކުރި އެވެ. ފަހުން ހެދި ތަހުލީލުތަކުން މިއީ މަދުން ފެންނަ "ކްރެނޭޕިއަސް: ކިޔާ ބައްޔެއް ކަން ވެސް ދެނެގަނެވުނެވެ. މި ދެ ކުދިން ވަކިވި ނަމަވެސް އެއްކުއްޖަކު ބޮޑު ވާނީ ނުކުޅެދޭ ކުއްޖެއްގެ ގޮތުގަ އެވެ. ދެ ކުދިން ހޮސްޕިޓަލުން މިހާރު ދޫކޮށްލި ނަމަވެސް ކޮންމެ ދުވަހަކު ފިޒިއޮތެރެޕީ ހަދަން ދާން ޖެހެ އެވެ. މިހާރު ޒައިނަބް ތައްޔާތުވަމުން ދަނީ އޭނާގެ ސަފާ އާއި މަރުވާ ގޮވައިގެން އަޔަލޭންޑަށް ޗުއްޓީ ހޭދަކުރަން ދާށެވެ.