ޗެލްސީ

އާ ކުޅުންތެރިން ނުގެނެވުނަސް ކާމިޔާބު ހޯދޭނެ

އާ ކުޅުންތެރިން ޓީމަށް ނުގެނެވުނަސް ޗެލްސީގައި ކާމިޔާބު މަސައްކަތެއް ކުރެވިދާނެ ކަމަށް، އެ ޓީމުގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

އުމުން 18 އަހަރުން ދަށުގެ ކުޅުންތެރިން ޓީމަށް ގެނައުމުގައި، ފީފާގެ ގަވާއިދުތަކާ ހިލާފު ވުމުން، ފީފާއިން ވަނީ، އިތުރު ކުޅުންތެރިން ޗެލްސީއަށް ނުގެނެވޭނެ ގޮތަށް އެއް އަހަރު ވަންދެން އެ ޓީމާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. ޗެލްސީއަށް އާ ކުޅުންތެރިން ގެނެވޭނީ 2020 ވަނަ އަހަރު އޯގަސްޓްގައި ފެށޭ ސީޒަންގަ އެވެ.

ޖާޕާންގައި، ކުރިއަށްގެންދާ ޕްރީ ސީޒަން މެޗުތަކުގައި ބައިވެރި ވަމުން އަންނަ ޗެލްސީގެ ކޯޗް ބުނީ، ޗެލްސީގެ ސްކޮޑުގައި ރަނގަޅު ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އިތުރު ކުޅުންތެރިޔަކު ނުގެނެވުނަސް ކާމިޔާބު ހޯދި ދާނެ ކަމަށެވެ.

"ކުޅުންތެރިންގެ ހުރި ހަކަތަ އާއި ހަލުވި ސްޕީޑަށް ބަލާއިރު އަހަންނަށް ހީވަނީ ޗެލްސީގައި އެބަތިބިހެން ވަރަށް ރަނގަޅު ކުޅުންތެރިން،" ލަމްޕާޑް ބުންޏެވެ. "އަހަރެމެންނަށް މި ސީޒަންގައި އިތުރު ކުޅުންތެރިޔަކު ގެނެވޭކަށް ނެތް، އަދި އަހަރެން ވެސް މި އަހަރު ބޭނުމެއް ނުވޭ އާ ކުޅުންތެރިޔެއް، މި އޮތް ސްކޮޑު މަސައްކަތް ކުރާ ގޮތުން އަހަންނަށް ވަރަށް އުންމީދު ކުރެވޭ، އަހަރެމެންނަށް ކާމިޔާބު މަސައްކަތެއް ކުރެވިދާނެ ކަމަށް،

އޭނާ ބުނީ ޗެލްސީގެ ބީ ޓީމުގައި ވެސް، ސީނިއާ ޓީމަށް ވާދަ ކުރެވޭނެ ކުޅުންތެރިން އެބަތިބި ކަމަށެވެ. ޒުވާން ކުޅުންތެރިންނަށް ސީނިއާ ޓީމު ސްކޮޑުން ފުރުސަތު ދިނުމަކީ އޭނާ ވަރަށް ޝައުގުވެރިވާ ކެމެއް ކަމަށް ލަމްޕާޑް ބުންޏެވެ.

"އެކެޑެމީގައި ތިބި ކުޅުންތެރިން މިހާރު އެ ކުޅުންތެރިންގެ ހުރި ތަފާތު ދައްކަންވީ،" ލަމްޕާޑް ފާހަގަ ކުރި އެވެ. "ސީނިއާ ޓީމުން ޖާގަ ހޯދަން މިހާރު އިތުރަށް މަސައްކަތް ކުރަންވީ ބަޔަކީ އެ ކުޅުންތެރިން."