ހަބަރު

ފެހެންދޫ ދަރިވަރުން ސްކޫލަށް ގެންދާނެ އުޅަނދެއް ބަންނަނީ

ބ. ފެހެންދޫ ދަރިވަރުން ގޮއިދޫ ސުކޫލަށް ކިޔަވަން ގެންދަން ބޭނުން ކުރާނެ އުޅަނދެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އެޑިއުކޭޝަނުން އިއުލާންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހުގެ 22 އަށް އެބައޮތް ކަމަށެވެ.

މަސައްކަތާ ބެހޭގޮތުން ބާއްވާ މައަލޫމާތު ދިނުމުގެ ފަހި ބައްދަލުބވުން އޮންނާނީ 23 ޖުލައިގަ އެވެ.

ފެހެންދޫ ގައި 26 ކުދިން ކިޔަވަ އެވެ. އެ ކުދިން ކިޔަވަން ދާން ޖެހެނީ އެ ރަށާ އެއް ފަޅުގައި އޮންނަ ގޮއިދޫ އަށެވެ. ރަށުގައި އާބާދީ ކުޑަވުމުގެ ސަބަބުން ފެހެންދޫ ސްކޫލުގައި ކިޔަވައެއް ނުދެވެ އެވެ.

ކުދީން ބާ ޑިންގީ އެއްގައި ގޮއިދޫއަށް ދަތުރު ކުރަން ޖެހޭތީ މި އަހަރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުދިން ދަތުރު ކުރުމަށް 20 ފޫޓު ޑިންގީއެއް ހަމަޖައްސައިދީފަ އެވެ. ނަމަވެސް، އެ ޑިންގީގެ ސަތަރިގަނޑު ހަލާކުވެ ދަތުރު ކުރުމުގައި ދަތިތަަކެއް ކުރިމަތިވި އިރު ބމޫސުން ގޯސް ދުވަސްވަރު ދަރިވަރުންނާއި ބެލެނިވެރިންނަށް ކަނޑު ދަތުރު ކުރުމުގައި ދިމާވާ އުނދަގޫތައް ހައްލުކޮށްދިނުމަށް އެދި ފެހެންދޫ ކަައުންސިލުން ވަނީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ފެހެންދޫ ސްކޫލް ކުދިން ޑިންގީގައި ދަތުރު ކުރަން ޖެހޭތީ، އެ މައްސަލަ ހައްލު ކުރަން މި އަހަރު ކުރީ ކޮޅު ސަރުކާރުން ވަނީ އިންޑިއާގެ އެހީގައި ފެރީ އެއް ހޯދަން ނިންމާފަ އެވެ.