އަވީގައި ގިނަވަގުތު ހޭދަކުރުމުން މޫނުގެ ހަންގަނޑަށް އެޅޭ އިރުގެ ގާމާ ދޯދީގެ ސަބަބުން ގެެއްލުންތައް ވެއެވެ. ގިނަ ވަގުތު އަވީގައި އުޅޭނަމަ މޫނުމަތިން އަނދާ ކަޅުވެ ލަށްޖެހުމަށް މެދުވެރި އެވެ. އަދި މޫނުމަތީގައި ކުދި ރޫޖެހި މީހާ މޫނުމަތީގެ ހަނގަނޑު ދޫވެ މުސްކުޅި ފާޑުޖަހަން ފަށަ އެވެ. އިރުގެ ޔޫވީރޭސް ނުވަތަ ގާމާ ދޯދީގެ ސަބަބުން ކޮންމެ މީހެއްގެ މޫނަށްވެސް މި ގެއްލުންތައް ވާނެ އެވެ. އިރުގެ އަލިން ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ފޯރުކޮށްދޭ އިރު ގިނަ ވަގުތު އަވީގައި އުޅޭނަމަ މި ކަން ދިމާވެއެވެ.
އަވީގެ ސަބަބުން އިރުގެ ޔޫވީއޭ އަދި ޔޫބީއޭ ރޭޑިއޭޝަން ހަންގަނޑުގެ އެތެރެ ފަށަލަ އެޕިޑަމިސް (މަތީ ފަށަލަ) އަދި ޑާމިސް (އެތެރެ ފަށަލަ) އަށް ވަދެއެވެ. ހަންގަނޑުން މެލަނިން ކިޔާ ޕިގްމަންޓެއް އުފައްދާ ޔޫވީ ރޭޑިއޭޝަން އިން ހަންގަނޑު ސަލާމަތް ކުރަން ފަށައެވެ. އަވީގައި އުޅުމުން ރީތި ކުލައެއް ނުވަތަ ޓޭނެއް މީހާއަށް ލިބެނީ މެލެނިންގެ ސަބަބުންނެވެ.
ނަމަވެސް ގިނަ ވަގުތު އަވީގައި އުޅުމުން ޔޫބީއޭ ރޭޑިއޭޝަންއިން ހަންގަނޑު ދިފާއުކޮށްދޭ ނިޒާމަށްވުރެ އިތުރުވުމުން މީހާ އެއްކޮށް އަނދާގޮތް މެދުވެރި ވެއެވެ. ޔޫވީއޭ ރޭޑިއޭޝަން ހަނގަނޑުގެ އެތެރެފަށަލައަށް ކުރުމުން މޫނުގެ އިލާސްޓިސިޓީ ހިފަހައްޓާ ކޮލާޖަންއަށް އަސަރު ކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މޫނުގެ ހަނގަނޑު ދޫވެ ރޫޖެހި ހައިޕަ ޕިގްމެންޓޭޝަން ނުވަތަ މޫނުގައި ލަށްޖެހުމަށް މެދުވެރި ވެއެވެ. އަދި މީހާ އުމުރަށްވުރެ މުސްކުޅި ވައްތަރު ޖަހަ އެވެ.
މިއާއެކު ލައިފްސްޓައިލް ބަހައްޓާ ގޮތުން، އެއީ ދުންފަތުގެ އިސްތިއުމާލުކޮށް، ޑައެޓް ބަހައްޓާގޮތުން އަދި ސްޓްރެސްގެ ސަބަބުން ވެސް މީހާގެ މޫނުމައްޗަށް މިކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. ކުއްލިއަކަށް މި ކަންތައްތަކުގެ އަސަރު މޫނުމަތިން ނުފުނު ކަމުގައިވީ ނަމަވެސް މަޑުމަޑުން ދުންފަތާއި، ޑައެޓުގެ ސަބަބުން ހަންގަނޑަށް ގެއްލުންތައް ވެއެވެ.
މީހާގެ އުމުރުން ދުވަސްވާވަރަކަށް އިރުގެ އަލިން ލިބޭ މި ގެއްލުން އިތުރު ވެއެވެެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މީހާގެ އުމުރު 40 އަހަރަށް އަރާއިރު ބޭނުންވާ ޔޫވީ އެކްސްޕޯޝާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހުންނަނީ ލިބިފަ އެވެ.
އިރުން ލިބޭ މި ގެއްލުމުން މޫނުގެ ހަންގަނޑު ރައްކާތެރި ކުރުމަށް ކުރެވިދާނެ އެންމެ ރަނގަޅު އެއް ކަމަކީ ރަނގަޅު ސަންޕްރޮޓެކްޝަން ކްރީމެއްގެ ބޭނުން ހިފުމެވެ. މިގޮތުން އެސްޕީއެފް 15 އަށް ވުރެ މަތީގެ ކޮންމެވެސް ކަހަލަ ކްރީމެއް އަތްވަށް ނިކުތުމުގެ ކުރިން މޫނުގައި ހާކަން ޖެހެ އެވެ.
ދިރާސާތަކުން ދައްކާގޮތުގައި މޫނުގައި ސަންސްކްރީން ނަހަކާ މީހުނާ އަޅާ ކިޔާއިރު ކޮންމެ ދުވަހަކު މޫނުގައި އެސްޕީއެފް ކްރީމެއްް ހާކާ މީހުން މުސްކުޅި ކަމަށް ދައްކާވަރު 24 ޕަސެންޓް ދަށެވެ. މި ފަދަ ކްރީމް މޫނުގައި ހޭކުމަށް އެންމެ ރަނގަޅީ އަތްވަށް ނިކުތުމުގެ 20 މިނެޓު ކުރިންނެވެެ. މިގޮތަށް ކަންތައް ކުރުމުން ހަންގަނޑުގެ އެތެރެ ފަަށަލައަށް މި ކްރީމްތަށް ވަނުމުގެ ފުރުސަތު އެޮވެއެވެ.
ދުވާލުގެ އެންމެ އަވި ބާރުވާ ވަގުތު ބޭރަށް ނިކުންނަަ ނަމަ ކޮންމެހެންވެސް ކްރީމް ބޭނުންކުރަން ވެއެވެ. މީގެ އިތުރުން ފުޅާ ތޮއްޕަކާއި އަވި އައިނެއް އަދި ކުޑައެއް ވެސް ހިޔާވުމަށް ބޭނުން ކުރެވިދާނެ އެވެ.
ގިނަ މީހުންގެ ނަޒަރުގައި ސަންޕްރޮޓެކްޝަން އަކީ ހަމުގެ ކުލަ އަލި ނަމަ ބޭނުން ކުރަންވާ އެއްޗެއްކެވެ. ހަންގަނޑު އެދުމާއި އިރުގެ އަވިން ހަންގަނޑު ރައްކާތެރިވާން އެންމެން ވެސް ޖެހެއެވެ. ކޮންމެ ކުލައެއްގެ މީހެއް ނަމަވެސް އިރުން ރައްކާތެރިވުމަށް ޖެހެއެވެ. ގައިގަ ކުލަ އަލި ނަމަ އިރުގެ އަވީގެ ސަބަބުން ކުދިރޫތަށް މޫނުގައި ފެންނަލެއް އަވަަހެވެ. އަދި ހަމުގެ ކުލަ ކަޅު ނަމަ ހަމުގައި ކުލަ އެކި ވަރުވަރަށް ހުންނަތަން ފެންނަނީ އިރުގެ އަލިން ކުރާ ނޭދެވޭ އަސަރުގެ ސަބަބުންނެވެ.
ސަންސްކްރީން ގެ އިތުރުން މޫނު ރަނގަޅަށް އެކްސްފޯލިއޭޓް ކުރުމަކީ އިތުރަށް ހަންގަނޑު ހަލާކުވިޔަ ނުދިނުމަށް ކުރެވިދާނެ ކަމެކެވެ. އެކްސްފޯލިއޭޓް ކުރާނަމަ ފުރުޓް އެންޒައިމް ހުންނަ ފޭޝަލް ސްކްރަބެއް ބޭނުންކުރެވިދާނެއެވެ. އަދި މާގަދަޔަށް ސްކްރަބް ކޮށް ހަނގަނޑުގެ ރައްކާތެރިކުރުމުގެ ނިޒާމް ހަލާކުވިޔަ ނުދީ އެކްސްފޯލިއޭޓް ކުރަންވެސް ވަނި ހަފްތާއަކު ގިނަވެގެން 3 ފަހަރަަށެވެ.
ހަންގަނޑަށް ބޭނުންވާ އެންޓިއެކްސިޑެންޓް ހޯދުމަށް ގިނައިން މޭވާ ކަންވީއެވެ. އެންޓިއޮކްސިޑަންޓްސް އަކީ އިރުގެ އަވިން ހަންގަނޑު ރައްކާތެރިކޮށްދޭނެ ސުޕަރ ހީރޯއެކެވެ. އެއީ އެންޓިއޮކްސިޑެންޓްސް ކޮލާޖަން އާއި އިލާސްޓިސިޓީ އަށް ގެއްލުން ކުރާ މާއްދާތަށް ނައްތާލުމަށް އެހީތެރިވާނެތީއެވެ. ޑައެޓްގެ އިތުރުން ވިޓަމިން ސީ ހިމެނޭ މޮއިސްޓަރައިޒަރ އެއް ބޭނުންކުރުމުން ހަންގަނޑު ރައްކާތެރިކޮށްދޭނެއެވެ.
އަވީގައި އުޅޭއިރު މޫނުގެ މޮއިސްޓަރވެސް ގެއްލެއެވެ. އަދި މިކަމުގެ ސަބަބުން ރޫތަށް ބޮޑަށް ފާޅުވާނެއެވެ. އެހެންކަމުން ވީހާވެސް ގިނައިން ފެންބުއިމަށް އާދަކުރަންވެއެވެ. އަދި ހަންގަނޑުގައި ވަރުގަދަ މޮއިސްޓަރައިޒަރ އެއް ބޭނުންކުރުމަށް އާދަކުރަންވެއެވެ. މޮއިސްޓަރައިޒަރ ހޯދުމުގައި ވިޓަމިން އީ އަދި ސީ ހިމެނޭ އެއްޗެއް ހޯދާށެވެ. އެރރުން ކޮލާޖަން އުފެއްދުން އިތުރުކޮށް މޫނު ހައިޑްރޭޓްކޮށް އެއްކަލަ ރޫތަށް ފާޅުވުން މަދުކޮށްދޭނެއެވެ.