ގައުމީ ފުޓްބޯޅް ޓީމް

ރާއްޖެއަށް ވަރުގަދަ ގުރޫޕަކާ ޖެހުމުގެ ފުރުސަތު ބޮޑު

ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ، ވޯލްޑް ކަޕު ކޮލިފައިންގައި ވަރުގަދަ ގުރޫޕެއްގައި ރާއްޖެ ހިމެނުމުގެ ފުރުސަތު ބޮޑެވެ. ކޮލިފައިންނަށް، ޕޮޓްތައް އަތުރާލިއިރު، ރާއްޖެ ހިމެނެނީ ޕޮޓް ހަތަރެއްގަ އެވެ.

މިިދޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑްކަޕުގައި އޭޝިއާން ވާދަ ކުރި ފަސް ގައުމު، އިރާން، އޮސްޓްރޭލިއާ، ޖަޕާން، ދެކުނު ކޮރެއާ އަދި ސައުދީ އަރަބިއްޔާ އާއެކު ޕޮޓް އެކެއްގައި ދެން ހިމެނޭނީ، އޭޝިއާގެ އެންމެ ފަހުގެ ޗެމްޕިއަން ގަތަރާއި 2023 ގެ އޭޝިއަން ކަޕް ހޯސްޓް ކުރާ ޗައިނާ އެވެ.

އެންމެ ފަހުގެ ކޮލިފިކޭޝަންގައިވެސް، ރާއްޖެ ހިމެނުނީ ގަތަރާއި ޗައިނާ އާ އެކު އެއް ގުރޫޕްގަ އެވެ. މާލޭގައި ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި، ގަތަރުން ރާއްޖެ ކޮޅަށް ލަނޑު ޖެހީ މެޗުގެ 90 މިނެޓް ހަމަވެ، އިތުރަށް ދެއްކި ވަގުތުވެސް ނިމުނު ފަހުންނެވެ. ވަގުތު ހަމަވިނަމަވެސް ޖަޕާންގެ ރެފްރީ ކުޅުން ކުރިއަށް ގެންދިޔަ އެވެ.

މިފަހަރުވެސް، ރާއްޖެއަށް ގަތަރާ އެއް ގުރޫޕެއްގައި ހިމެނިދާނެ ކަމަށް ބެލެވެ އެވެ. ހަތަރު އަހަރު ކުރިއާ އަޅާ ބަލާއިރު ގަތަރު ވަނީ ބޮޑުތަކުން ކުރި ހޯދާފަ އެވެ. އެ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތަކަށް ދަނޑުގައި އެލީ ހަރު މެޓްގެ ސަބަބުން ވިނަ ގަނޑު އެއްކޮށް މަރުވުމުން، ޗައިނާ އާ ދެކޮޅަށް ރާއްޖޭގެ ހޯމް މެޗުވެސް ކުޅުނީ ޗައިނާ އެވެ.

ޕޮޓް ދޭއްގައި، އޮތީވެސް ވަރުގަދަ ގައުމުތަކެކެވެ. އިރާގް، ސީރިއާ، އުޒްބެކިސްތާން އަދި ކިރިގިސްތާންގެ އިތުރުން އުރުދުން އަދި އެންމެ ފަހުގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖޭއާ ވާދަކުރި އޮމާންވެސް ހިމެނެ އެވެ. އެ ޕޮޓުން ކޮންމެ ޓީމަކާ ޖެހުނަސް އެ މެޗު ވާނީ ރާއްޖެއަށް އުނދަގޫ މެޗަކަށެވެ.

ޕޮޓް ތިނެއްގައި، އެންމެ ފަހުގެ އޭޝިއަން ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ރާއްޖެއާ ދެކޮޅަށް ނިކުތް ފަލަސްތީން އަދި އުތުރު ކޮރެއާ އާއި ބްހަރެއިން އާއި ތަޖަކިސްތާންވެސް ހިމެނެ އެވެ. ސަރަހައްދުގެ ގަދަ ބާރު އިންޑިއާވެސް އޮތީ އެ ޕޮޓްގަ އެވެ. އެ ގުރޫޕުން ވެސް ކޮންމެ ޓީމަކާ ޖެހުނަސް، ރާއްޖެއަށް ވަރުގަދަ މެޗަކަށް ވާނެ އެވެ.

ޕޮޓް ފަހަގައި އޮތީ ރާއްޖެއަށް ވާދަ ކުރެވިދާނެ ޓީމުތަކެވެ. އެހެންނަމަވެސް އިންޑޮނޭޝިއާ އާއި ސިންގަޕޫރު ނުވަތަ ގުއާމް އާ ވާދަ ކުރަން ޖެހިއްޖެނަމަ، ކޮލިފައިންގެ މުޅި ގުރޫޕް ސްޓޭޖު ރާއްޖެއަށް އުނދަގޫ ވާނެ އެވެ.

ކޮލިފިކޭޝަންގެ ޕޮޓްތައް ބެހިފައިވާ ގަޮތް

ޕޮޓް 1: އިރާން، ޖަޕާން، ދެކުނު ކޮރެއާ، އޮސްޓްރޭލިއާ، ގަތަރު، އަރަބި އެމިރޭޓްސް، ސައުދީ އަރަބިއާ، ޗައިނާ.

ޕޮޓް 2: އިރާގް، އުޒްބެކިސްތާން، ސީރިއާ، އޮމާން، ލުބުނާން، ކިރިގިސްތާން، ވިއެޓްނާމް، އުރުދުން.

ޕޮޓް 3: ފަލަސްތީން، އިންޑިއާ، ބަހްރެއިން، ތައިލެންޑް، ތަޖަކިސްތާން، އުތުރު ކޮރެއާ، ޗައިނީޒް ޓައިޕޭ، ފިލިޕީންސް.

ޕޮޓް 4: ތުރުކްމެނިސްތާން، މިޔަންމާ، ހޮންކޮންގް، ޔަމަން، އަފްގާނިސްތާން، ދިވެހިރާއްޖެ، ކުވައިތު، މެލޭޝިއާ

ޕޮޓް 5: އިންޑޮނޭޝިއާ، ސިންގަޕޫރު، ނޭޕާލް، ކެމްބޯޑިއާ، މޮންގޯލިއާ، ގުއާމް، ޝްރީލަންކާ

ވޯލްޑްކަޕްގެ ކޮލިފިކޭޝަން ބުރުން، މޮންގޯލިއާ ޖާގަ ހޯދީ މުޅިން އަލަށެވެ. ކޮލިފައިންގެ ގުރު ނެގުން އޮންނާނީ މިއަދު މެލޭޝިއާގެ ވެރިރަށް ކްއާލަލަމްޕޫރުގަ އެވެ.