ހަބަރު

ނުކުޅެދުންތެރިންގެ އިނާޔަތް ބޮޑުކުރާ ބިލު ބަލައިނުގަތް

Jul 17, 2019
10

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައި ނުގަނެ މިއަދު ބޭރު ކޮށްލައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އެ އިސްލާހު ގެންނަން ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހުށަހެޅުނު ބޭރުކޮށްލީ 57 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ އެއްކޮޅަށް 12 މެންބަރުން ވޯޓު ދެއްވި އިރު، ފަސް މެންބަރަކު އެއްވެސް ފަރާތަކަށް ވޯޓެއް ނުދެއްވަ އެވެ.

އެ ގާނޫނުގައި މިހާރު އޮންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރާތަކަށް ކޮންމެ މަހަކު މަދުވެގެން 2000 ރުފިޔާގެ ގެ އިނާޔަތެއް ދޭން ޖެހޭނެ ކަމަށެވެ.

ނާޒިމު ހުށަހެޅުއްވި ބިލުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލައި އެ މީހުން ގިންތި ކުރަން ވާނެ ކަމަށެވެ. އަދި ދަފުތަރުން އެ މީހަކު އުނިކުރާ ދުވަހާ ހަމައަށް އެއިން ކޮންމެ މީހަކަށް ކޮންމެ މަހަކު 5000 ރުފިޔާ އާއި 7000 ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.

އަދި ނުކުޅެދުންތެރި ކަމުގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ ފަރާތްތަކަށް މަދުވެގެން 9000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ނަމަވެސް، އެ ބިލާ ގުޅޭގޮތުން ކުރި ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެ ބިލުގެ ނިޔަތާމެދު ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ދައުލަތުގެ ބަޖެޓަށް ބުރަވާ ފަދަ ބިލުތައް ޖޭޕީން ހުށަހަޅަނީ ނުބައި ނިޔަތެއް އޮވެގެން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އަމާޒު ކުރެއްވި ފާޑުކިޔުންތަކަށް ނާޒިމް މިއަދު ވަނީ ދިފާއު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް މަޖިލިހަށް ސަރުކާރުގެ ފަރާތުން ބިލްތައް ހުށަހެޅީ ޖޭޕީއާ މަޝްވަރާ ނުކޮށް ކަމަށެވެ.

ދެ ޕާޓީން ވެސް އެ ގޮތަށް އަމަލު ކުރަމުން ދާއިރު، އޭގެ މާނައަކީ ޖޭޕީއާ ސަރުކާރާ ދެމެދު ގުޅުންނެތުން ނޫން ކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ވަރަށް އެކުވެރިކަމާ އެކުގައި. ކޯލިޝަން ފުރިހަމަ އަށް އެބަ އޮތް. އަޅުގަނޑުމެންގެ ތާއީދު އެބަ އޮތް. ސަރުކާރާ އެކީގައި އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.