ވުޒާރާތަކާއި މުއައްސަސާތަކުން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެވަޑައިގަންނަވާ ބޭފުޅުން ދޮގު މައުލޫމާތު ދެއްވާ ނަމަ އެކަން ތަހުގީގުކޮށް އެފަދަ ފަރާތްތަކަށް ދައުވާ ކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޒާރު ކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުން އަންގައިގެން ވަޑައިގަންނަވާ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ސާފު ބަހުން ވާހަކަ ނުދައްކަވާ ބައެއް ބޭފުޅުން އިތުރުފުޅު ހައްދަވާ ކަމަށް ޝައްކު ކުރެވޭ ކަމުގެ ޝަކުވާތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގައި ދޮގު ހެދުމަކީ ޖިނާއީ ކުށެއް ކަމަށާއި މީގެ ފަހުން އެފަދަ ކަމެއް ކުރައްވާކަން ޝައްކު ކުރެވިއްޖެ ނަމަ އެކަން ތަހުގީގުކޮށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ދައުލަތުގެ އެންމެހާ ބޭފުޅުންނަށާއި ސަރުކާރުގެ އެންމެހާ ބޭފުޅުންނަށާއި މުއައްސަސާތަކުގެ އެންމެހާ ބޭފުޅުން އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވެސް، މި މަޖިލީހަށް ވަޑައިގެން އިތުރު ހެއްދެވުމަކީ ޖިނާއީ ކުށެއް. މި މަޖިލީހަށް ދެން ބޭފުޅަކު އެ ބާވަތުގެ ކަމެއް ކުރައްވާކަން ފާހަގަ ކުރެވިއްޖެ ނަމަ ތަހުގީގު ކުރެވޭނެ އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އަރިހުގައި ދެންނެވޭނެ," ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަވާރަވަނަ މަޖިލީހުގައި ގާތްގަނޑަކަށް ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ކޮމިޓީތަކަށް ވުޒާރާތަކާއި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް ސުވާލު ކުރުން ކުރިޔަށް ދެ އެވެ. މިފަހުން އެމްއެމްޕީއާރްސީގެ ހިޔާނާތާއި ބައެއް މަރުތަކާ ގުޅޭ ބޮޑެތި މައްސަލަތަކުގައި އެކި މުއައްސަސާތައް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހަށް ބޭފުޅުން ހާޒިރު ކުރާއިރު އެއް މައްސަލައެއްގައި އެއް ބަޔަކު އެކި ކޮމިޓީތަކަށް ހާޒިރު ކުރާނަމަ އެ ފަރާތްތަކަށް އުނދަގޫވެދާނެ ކަމަށެވެ. އެހެންކަމުން ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރާއިރު ދެ ކޮމިޓީ ނުވަތަ ތިން ކޮމިޓީ ވެސް ގުޅިގެން ބައްދަލުވުންތައް ބާއްވާ ރަނގަޅަށް މައްސަލަތަކުގައި އެ ބޭފުޅުންނާ ސުވާލު ކުރުން ކުރިޔަށް ގެންދެވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.