ދުނިޔެ

އީޔޫ ކޮމިޝަންގެ ރައީސަކަށް އަންހެން ބޭފުޅެއް

ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިހާބުވެއްޖެ އެވެ.

އެ މަގާމަށް އިންތިހާބުވީ ޖަރުމަންވިލާތުގެ ކުރީގެ ޑިފެން މިނިސްޓަރު އުރުސުލާ ވޮންޑާލޭން އެވެ. އެކަމަނާ އިންތިހާބު ކާމިޔާބުކުރެއްވީ ކްލައުޑެ ޖަންކާ އާއި ވާދަކޮށް ނުވަ ވޯޓުގެ ތަފާތަކުންނެވެ. އިންތިހާބުގައި ވޮންޑާލޭން ލިބިވަޑައިގަތީ 383 ވޯޓެވެ.

ޖަރުމަންވިލާތުގެ ބޭފުޅަކު އީޔޫ ކޮމިޝަންގެ ރައީސްގެ މަގާމަށް އެންމެ ފަހުން އިންތިހާބުވެފައިވަނީ މީގެ 50 އަހަރު ކުރިންނެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ވޮންޑާލޭން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީޔޫގެ މެމްބަރުން އޭނާއަށް ކުރެއްވި އިތުބާރު ބަލައިގަންނާނެ ކަމަށެވެ. މިއީ ބޮޑު ޒިންމާއަކަށްވުމުން ވީހާވެސް އަވަހަކަށް މަސައްކަތަށް ނުކުންނަވަން ބޭނުންފުޅުވާ ކަމަށެވެ.

ވޮންޑާލޭން އިތުރަށް ވިދާޅުވީ، ރަސްމީ ގޮތުން، މަސައްކަތަށް ނުކުންނަވާ ދުވަހުން ފެށިގެން 100 ދުވަހުގެ ތެރޭގައި 2050 ވަނަަ އަހަރަށް ޓާގެޓް ކޮށްފައިވާ މޫސުމީ ބަދަލުގެ ބިލް އީޔޫގެ ތަޅުމަށް ހުށަހަޅާނެ ކަމަށެވެ. ރަސްމީ ގޮތުން ވޮންޑާލޭން މަސައްކަތަށް ނުކުންނަވަން ޖެހިވަޑައިގަންނަވަނީ އަންނަ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ނޮވެމްބަރުން މަހު މަސައްކަތާއި ހަވާލުވެ ވަޑައިގަންނަވާއިރު ކުރައްވަން ޖެހި ވަޑައިގަންނަވާނެ އެންމެ ބުރަ މަސައްކަތަކީ އިނގިރޭސިވިލާތް އީޔޫން ވަކިވުމަށް އެދި ހުށަހަޅާފައިވާ ބިލްގެ ކަންތަށް ކުރިއަށް ގެންދިޔުމުވެ.