ހަބަރު

ބޭރު ބޯޓުތަކުން މަސްވެރިކަންކުރުން ހުއްޓުވުމުގެ ގަރާރު ބަލައިގެންފި

Jul 17, 2019
1

ރާއްޖޭގެ ކަނޑުތައް ހަމައެކަނި ދިވެހި މަސްވެރިންނަށް ހާއްސަކޮށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި ބޭރުގެ ބޯޓުތަކަށް މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލު ކުރަން ގޮވާލި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ގަރާރު ބަލައިގަންނަން 73 މެންބަރުން ވޯޓު ދެއްވި އިރު، އެ ގަރާރާ ދެކޮޅަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.

ގަރާރު މަޖިލީހަށް ބަލައިގެންފައިވާތީ، އިތުރަށް ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ދިވެހި މަސްވެރިން އަހުލުވެރިކޮށް، އެފަދަ ބާވަތްތަކުގެ މަސް ބޭނުމަށް ބޭނުންވާ އާލާތްތައް ދިވެހި މަސް ބޯޓުތަކުގައި ގާއިމުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރަށް ހުށަހެޅުމަށެވެ. އޭގެ އިތުރުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަން ކަނޑައެޅުމަށްވެސް އެ ގަރާރުގައި ވަނީ ހުށަހަޅައިފަ އެވެ.

ބޭރުގެ ބޯޓުތަކަށް މަސްވެރިކަން ކުރުން މަނާކުރުމާއެކު ރާއްޖޭގެ މަސްވެރިކަމާބެހޭ ގޮތުން ސަރުކާރުގެ ވައުދުތައް ފުއްދުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ އިތުރު ތިން ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

އެގޮތުން، ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމެއް ގާއިމު ކުރުމުގެ ގަރާރަކާއި ރަށު ކައުންސިލާއި އަމިއްލަ ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ އެޅޭ ގަރާރެއްގެ އިތުރުން އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާ ކުރުމާ ބެހޭ ގަރާރެއް ހިމެނެ އެވެ.