ހަބަރު

މާރުކޭޓުގައި ގަވައިދާ ހިލާފުވި 30 ގޮޅިއެއް ބަންދުކުރި: ކައުންސިލް

މާލޭގެ ލޯކަލް މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރި 30 ގޮޅިއެއް ބަންދު ކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފަޒީން މިއަދު ވިދާޅުވީ މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން އައި 30 ގޮޅިއެއް ބަންދު ކުރި ކަމަށާއި އެ ގޮޅިތައް ބަންދުކުރީ އެ ތަންތާނގައި ގަވާއިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރާތީ އާއި ގޮޅިތަކުން މީރާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމާއި ސިޓީ ކައުންސިލަށް ވިޔަފާރީގެ އެގްރިމެންޓް ނުލިބި ހުރި ގޮޅިތަކެވެ.

ބަންދުކުރި 30 ގޮޅީގެ ތެރެއިން ތިން ގޮޅިއަކުން މީރާއަށް ފައިސާ ދެއްކި ކަމުގެ ލިޔުމާއި އެގްރިމެންޓް ކައުންސިލަށް ހުށެހެޅުމުން ހުއްދަ ދީފައިވާނެ ކަމަށް ވެސް ފަޒީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި އެކި މައްސަލަތަކާއި ހެދި މާރުކޭޓުގެ 60 ގޮޅިއެއް ބަންދު ކުރަން ޖެހިދާނެ އެވެ. ލޯކަލް މާރުކޭޓުގައި ޖުމްލަ 135 ގޮޅިއެއް ހުރެ އެވެ.