ދެހާސް ސަތާރަ ވަނަ އަހަރުގެ ފުރަތަމަ 10 މަސް ދުވަހު ފުލުހުންގެ އެއްބާރުލުން ނުލިބި ދިޔަ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެންއައިސީގެ ނައިބް ރައީސް ހައްސާން ހަމީދު ވިދާޅުވީ، 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ފުލުހުންގެ ފަރާތުން ލިބިގެން ދިޔައީ ވަރަށް ސްޓޭންޑާޑް ޖަވާބުތަކެއް ކަމަށެވެ. ބޭނުންވާ ޖަވާބު ލިބިގެން ނުދިޔަ ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޓީތަކަށް ޖަވާބުދެވެން ނެތް ވާހަކަ ކޮންމެވެސް ސަބަބެއް ބަޔާންކޮށްފައި، އަޅުގަނޑުމެން އެކަންތައްތަކާއި ގުޅިގެން ޕޮލިހުންގެ އެންމެ އިސްކޮށްތިއްބެވި ބޭފުޅުންނާއި ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެންދިޔަ، އެގޮތުން ދެ ބައްދަލުވުމެއް ކުރިއަށް ގެންދިޔަ، ޔަގީންކަން ދެއްވި މައުލޫމާތުތައް ފޯރުކޮށްދޭން ތިއްބަވާ ބޭފުޅުން ބަަދަލު ކުރުމަށްފަހު ނަމަވެސް މައުލޫމާތު ދެއްވާނެ ކަމަށް، އެއީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވަނީ އެމައުލޫމާތު ތައް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ،" ހައްސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭގެ ފަހުން ވެސް ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު ސިޓީތަކަށް ފުލުހުންގެ ފަރާތުން އެދެވޭ ޖަވާބުތަކެއް ލިބިގެންދިޔައީ ނޮވެމްބަރު މަހު ކަމަށެވެ.
"ފުލުހުންގެ ޖަވާބު ނުލިބޭ މައްސަލަ، މައްސަލައެއްގެ ގޮތުގައިވެސް ބަލަން ކޮމިޝަންގެ ލެވެލްގައި މަޝްވަރާ ކުރެވުނު، ނަމަވެސް ފަހުން މައުލޫމާތުތައް ލިބެން ފަށައިފި، އެހެންވެ މައްސަލައެއްގެ ނުބަލަން ނިންމީ،" ހައްްސާން ވިދާޅުވި އެވެ.
މެންބަރުން ވަނީ ނުވަ މަސް ދުވަސް ވަންދެން މައްސަލަތައް ނުބެލި ހުއްޓިފައިވާތީވެ އެކަމާމެދު އެއްވެސް ފިޔަވަޅެއް ނޭޅި ސަބަބު ބަޔާންކޮށްދިނުމަށް އެދި ތަކުރާރުކޮށް ސުވާލު ކުރައްވާފަ އެވެ. އަދި މަޖިލީހަށް ވެސް އެކަން ހާމަ ކުރައްވާފައިވާނެތޯ ވެސް ސުވާލު ކުރެއްވި އެވެ.
ހައްސާން ވިދާޅުވީ، އެކަމާ ގުޅޭ އެއްވެސް މައްސަލައެއް މަޖިލީހަށް ހުށަނާޅާ ކަމަށާއި ބޮޑަށް ބެލީ މަޝްވަރާގެ ތެރެއިން އެކަން ހައްލު ކުރުމަށް ކަމަށެވެ.
"އެގޮތުން އެބޭފުޅުންގެ އެއްބާރުލުން ނުވަ ވަރަކަށް މަސް ދުވަސް ފަހުން ލިބިގެންދިޔައީ،" ހައްސާން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް ފަހުން އެއްބާރުލުން ދިނުމުން އެ މައްސަލަ ނުބަލަން ނިންމެވީ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގެ އެއްވެސް ނުފޫޒެއް މަސައްކަތް ކުރުމުގައި އައިސްފައިނުވާ ކަމަށާއި އެއްވެސް މެންބަރަކަށް ވެސް އެއްވެސް ނުފޫޒެއް އައިސްފައިނުވާ ކަމަށެވެ.