ރިޕޯޓް

އަނިޔާވެރިކަމުގެ ސަގާފަަތް ހުއްޓުވޭނެތަ؟

އަނިޔާވެރިކަމޭ ބުނީމާ މިހާރު ވާގޮތެއް އޮވެއެވެ. ފުރަތަމަވެސް ސިކުނޑިއަށް އަންނާނީ ފުލުހުންގެ މުއައްސަސާ އާއި ކަރެކްޝަނަލް ސާވިސްގެ ނަމާއި ޖަލެވެ. އަނިޔާގެ ލޭބަލް އެޅިގެން ގޮސް އެންމެ ބޮޑަށް ނަން ކިލަނބު ވެފައިވާ ދެ މުއައްސަސާއަކީ ވެސް އެއީ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ނުހައްގުން އަނިޔާ ކުރުމާއި ގާނޫނީ އިމުގެ ބޭރުން އަމަލު ކުރި ކަމުގެ އެންމެ ބޮޑު ތުހުމަތުވެސް އޮތީ އެ ދެ މުއައްސަސާއަށެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަމުގެ ފަހު އަހަރަށް ބަލާލައިފިނަމަ އެންމެ ބޮޑަށް ފެންނާން އޮތް އޮތީ ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރަމުންދިޔަ މަންޒަރެވެ.

ވަރަށް ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި މިދިޔަ އަހަރަކީ އަނިޔާވެރިކަން ހައްދުން ހައްދުފަހަނަޅައި ދިޔަ އަހަރެކެވެ. އެކަން އިހުސާސް ނުކުރާ އާންމު ރައްޔިތަކު މަދުވާނެ އެވެ. އެކަން ތަހަންމަލް ނުކުރާ ނޫސްވެރިއަކު ވެސް މަދުވާނެ އެވެ.

"ވޭތުވެދިޔަ ފަސް އަހަރަކީ އެންމެ އަނިޔާވެރި ފަސް އަހަރު ހާއްސަކޮށް ފުލުހުންގެ އަނިޔާވެރިކަން ހައްދުން ނައްޓައިގެން ދިޔައީ، އެމީހުންނަކީ ގާނޫނު އަރާ ހަމަކުރާނެ ބައެއް ކަމަށް ގަބޫލުނުކޮށް ރައްޔިތުންނަށް ހިތުހުރި ގޮތެއް ހެދީ، ޖަލުތަކުގައި އެތައް އަނިޔާއެއްކޮށް އިހުމާލުވީ، ޒިންމާ ނަގާނެ މީހެއްނެތް،" އެމްޑީޕީގެ އާންމު މެންބަރަކު އޭނާ ދެކޭ ގޮތް ބުންޏެވެ.

އޭރު ފެނިގެން ދިޔައީ ފުލުހުންނާއި ކަރެކްޝަންސްގެ މައްސަލަތައް ބަލަން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ވެސް މައްސަލަތައް ބަލަން ނުކުޅެދިފައި އޮތްތަނެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާގައި ފުލުހަކާއި ދިމާލަށް ކޯކް ފުޅިއެއް އެއްލި އަންހެނަކަށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފަސް އަހަރު ދުވަހަކަށް ޖަލަށްލާން ހުކުމްކުރި އެވެ. ނަމަވެސް އެދުވަހު ފުލުހުން ބާރުގެ ބޭނުން ކުރަމުން ދިޔައީ ހައްދުން ނެއްޓިފައިވާ މިންވަރަކަށެވެ. އެކަމަކު އެކަން ބެލިކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. އަމިއްލަ އަށް އިސްނަގައިގެން ވެސް ބެލި މުއައްސަސާއެއް ވެސް ނެތެވެ.

"އެ ދެ މުއައްސަސާއިން ދެކެނީ އަބަދުވެސް އެއީ ވަކި ބާރެއް ލިބިގެންވާ ބައެއް ކަމަށް، އެމީހުން ކޮންމެ ގޮތަކަށް އަމަލު ކުރިއަސް ގާނޫނު އަރާ ހަމައެއް ނުކުރެވޭނެކަން، އެއީ އެމީހުންނަށް ލިބިގެންވާ ފްރީ ޕާސްއެއް ގޮތުގައި ދެކެނީ، އެސަގާފަތް ބަދަލު ކުރަންޖެހޭ،" އާންމު ރައްޔިތަކު ބުންޏެވެ.

ކުރީގައި އޮތް އަނިޔާގެ ވާހަކައަކީ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ އަދި ކޯލިޝަނުން އެންމެ ބޮޑަށް ދައްކަމުން ގެންދިޔަ ވާހަކަ އެވެ. އަނިޔާވެރި ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށްބުނެ އެންމެ ބޮޑަށް ރައްޔިތުންނަށް ވިއްކި ވާހަކައަކީ ވެސް އެއީ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެންމެ ގިނައިން ދެއްކި ވާހަކައަކީ ފުލުހުންނާއި ޖަލުތަކުގެ އަނިޔާ ހުއްޓުވާާނެ ކަމުގެ ވާހަކަ އެވެ. އިންސާފު ހޯދައިދޭނެ ކަމުގެ ވާހަކަ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އަދި އަހަރެއް ނުވާއިރު ޖަލުތަކުގައި އަނިޔާވެރިކަން މިހާރު ވެސް ފެނިގެން ގޮސްފި އެވެ. އެންމެ ބޮޑުވެގެންދިޔަ އެއް މައްސަލައަކީ ޖަލު އޮފިސަރުންނާއި ގައިދީންގެ ކުރިމަތިލުމުގައި ޖަލުގެ އޮފިސަރުން ބޭނުން ކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުން ކުރި ކުރުމެވެ. ގައިދީނަށް އަނިޔާކޮށް ބޯތުނިކޮށް ކޮށައި ޕޭޕާ ސްޕްރޭ ބޭނުން ކުރުމެވެ.

އެކަމާ ގުޅިގެން ވަގުތުން މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓަރު ޖަލަށް ވަޑައިގެންނެވި އެވެ. އަދި ވަގުތުން ޖަލުގެ އީއެސްޖީ ކޮމާންޑަރު ސަސްޕެންޑްވެސް ކުރި އެވެ. ނަމަވެސް އެހާ ހިސާބަކުން ނުނިމެ އެވެ.

މިއަދާ ހަމައަށްވެސް ގައިދީންނަށް އަނިޔާކުރި އޮފިސަރުން ހޯދިފައެއްނުވެ އެވެ. އެއީ މީގެ ކުރިންވެސް ވާގޮތެވެ. މިއަދުވެސް ފެނިގެންދިޔައީ އެމަންޒަރެވެ. އެމީހުން ސަލާމަތްވަނީ އެވެ. "ލޫޕް ހޯލެ" އްގެ ތެރެއިން އެ މީހުން ގެއްލެނީ އެވެ. އަނިޔާ ކުރާ ސަގާފަތް ނުފިލައި އޮންނަނީ އެވެ.

މި ސަރުކާރުން އަނިޔާވެރިކަމަށް ޖާގަ ނުދޭނެ ކަމަށް ވާހަކަ ދައްކަމުންދިޔަ ނަމަވެސް ހާލަތު އެއްވެސް ވަރަކަށް ބަދަލެއް ނުވެ އެވެ.

ފުލުހުންގެ މުއައްސަސާއަށް ބަލައިލަމާ ހިނގާށެވެ. އެ މުއައްސަސާގެ ހަރުކަށި ގޮތްތައް އަދިވެސް ދިވެހި ރައްޔިތުން ތަހަންމަލް ކުރަންޖެހެ އެވެ. އެކަން ބަދަލުވެގެންދިޔަ މަންޒަރެއް އެއްވެސް ދިމާއަކުން ނުފެނެ އެވެ.

ވޭތުވެދިޔަ ހަފުތާގައި ހިނގައިދިޔަ ހާދިސާއަކަށް ބަލައިލާއިރު، ފުލުހުންތަކެއް މާފަންނު ގެއެއްގެ ތެރެއަށްވަދެ ބިދޭސީއަކަށް ވަރަށް އިހާނެތިކޮށް ތަޅައި ވަރަށް އަނިޔާކުރި އެވެ. އެ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވުމުން އެ އޮފިސަރުން ސަސްޕެންޑް ކުރި އެވެ. އަދި ޖިނާއީ ތަހުގީގެއް ވެސް ވަނީ ފަށާފަ އެވެ.

މި ސަރުކާރުން އަވަހަށް ފިޔަވަޅުއަޅައި ހައްލު ކުރަން މަސައްކަތް ކުރެ އެވެ. ނަމަވެސް ސަސްޕެންޑްކުރި އޮފިސަރުންނާއި އެއްކޮޅަށް ފޭސްބުކް ޕްރޮފައިލް ކަޅު ކޮށް ފުލުހުންތަކެއް ތާއީދު ކުރަން ފެށި އެވެ. އެއިން ސިފަވެގެން ދިޔައީ ބޮޑުންގެ އަމުރަށް ވެސް ކިޔަމަން ނުވާން ފުލުހުންގެ ތެރެއިން ނިންމި ކަމެވެ. ބައެއް ފަރާތްތަކުން އެކަން "ބަޣާވާތެއް" ގޮތުގައި ވެސް ސިފަކުރި އެވެ.

"އަނިޔާކުރި މައްސަލާގައި ޑިސިޕްލިނަރީ ފިޔަވަޅެއް ހަތް ފުލުހުންނާ ދެކޮޅަށް އެޅީމާ، ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕްރޮފައިލް ކަޅު ކުރި ފުލުހުންގެ ނިޔަތުގައި އޮތީ ކޮން ކަޅު ކަމެއްތޯ ސުވާލު އުފެދޭ، ޕްރޮފައިލް ކަޅު ކުރި ފުލުހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭ، ކަމެއް ވާއިރަށް ޕްރޮފައިލް ކަޅު ނުކޮށް، ތެދުވެރިކަމާ އެކުގައި ހިދުމަތް ކުރާނެ ނޫކަށި ފުރައިގެ ޒުވާނުން ރާއްޖޭގައި އެބަތިބި. މި ގައުމު ބޭނުން ވަނީ ސާފު ހުދު، ޕްރޮފައިލާ އެކު މަސައްކަތްކުރާ މީހުން،" ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ސިޔާސަތަކީ އެކަންކަން ހައްލު ކުރުމެވެ. އެ ދެ މުއައްސަސާ ހަމަ މަގަށް އެޅުވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ގެ އިތުރުން ސީޕީ މުހައްމަދު ހަމީދު ވެސް ވިދާޅުވަމުންގެންދެ އެވެ. އަދި އެ މުއައްސަސާތަކަކީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާ މުއައްސަސާތަކަކަށް ހަދައި ރައްޔިތުންގެ އިތުބާރު އަލުން ހޯދާދޭނެ ކަމުގެ ޔަގީންކަން ދެ އެވެ.

"މިސަރުކާރުން ކުރަންޖެހިފައިވާ އެންމެ ބޮޑު ކަމަކީ އެ ދެމުއައްސަސާ ގާނޫނީ އިމުގެ ތެރެއަށް ވެއްދުން، އެއީ ވަަރަށް ޗެލެންޖިން ކަމެއް، ގާނޫނަށްވުރެ މަތީގައި އުޅޭ ބައެއް ކަމަށް ދެކިގެން އެ ދެމުއައްސަސާގެ ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަނީ، އެ ސަގާފަތް ބަދަލު ކުރަން ދުވަސް ނަގާނެ، އެކަން ބަދަލު ކުރަންޖެހޭނެ،" ޒުވާނަކު ބުންޏެވެ.

އަނިޔާވެރިކަމުގެ ސަގާފަތް ނިމުމަކަށް ގެނެވޭނެ ހެއްޔެވެ؟ ފުލުހުންނާއި ކަރެކްޝަނަކީ އިތުބާރު ހިފޭ ދެ މުއައްސަސާއަށް ހެދޭނެ ހެއްޔެވެ؟ ގާނޫނީ އިމުގެ ތެރެއިން ދެމުއައްސަސާގެ އަމަލުތައް އިއާދަކުރެވޭނެ ހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. އަދިވެސް ޖަވާބު ލިބިފައެއް ނެތެވެ.