ހަބަރު

އެބޯލާއާ ފެތުރޭތީ އަޅަންޖެހޭ ފިޔަވަޅު އަޅައިފިން: އެޗްޕީއޭ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ ނުރައްކާތެރި އެބޯލާގެ ކަންކަން ގާތުން ބަލަމުންދާ ކަމަށާއި އެކަމަށްޓަކައި އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އިއްޔެ ވަނީ ކޮންގޯގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީވެ އިންޓަނޭޝަނަލް ޕަކްލިކް ހެލްތް އެމަޖެންސީ އިއުލާންކޮށްފަ އެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައިވަނީ ކޮންގޯގައި ފެތުރެމުންދާ އެބޯލާ ވައިރަސް ބަލީގެ މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯއިން އިންޓަނޭޝަނަލް ޕަކްލިކް ހެލްތް އެމަޖެންސީ އިއުލާންކޮށްފައިވާތީވެ އެކަމަށް ރެސްޕޯންސް ކުރަން އެކުލަވާލާފައިވާ ޕްލޭނަށް އަމަލު ކުރަން ފަށާފައވާ ކަަމަށެވެ.

"އެބޯލާ ބަލިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާކަން ކަށަވަރުކޮށްދެން،" އެޗްޕީއޭގެ ޓްވީޓްގައިވެ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މި ބަލި ފެތުރެން ފަށާފައި މިހާތަނަށް ކޮންގޯގައޮ 2500 އަށްވުރެ ގިނަ މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. އަދި 1670 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ހާމަކުރާ ގޮތުގައި ހުޅަނގު އެފްރިކާގައި 2014 ވަނަ އަހަރު މި ބަލި ފެތުރި 11000 މީހުން މަރުވުމަށް ފަހު މި ބަލި މިވަރަށް ފެތުރެމުން ދާ މިއީ ދެވަނަ ފަހަރެވެ.