ދުނިޔެ

ޖަޕާނުގެ ސްޓޫޑިއޯ އެއްގައި އަލިފާން ރޯވެ 12 މީހުން މަރުވެއްޖެ

ޖަޕާނުގެ ކިޔޯޓޯ ސިޓީގައި ހުންނަ އެނިމޭޓެޑް ކާޓޫންތަކާއި ސީރީސްތައް އުފައްދާ ތިން ބުރީގެ ސްޓޫޑިއޯ އެއްގައި އަލިފާން ރޯވެ 12 މީހުން މަރުވެ، 35 މީހުނަށް އަނިޔާވެފައިވާ ކަމަށް ޖަޕާނުގެ ފަޔާ ޑިޕާޓްމެންޓުން ބުނެފި އެވެ.

ފަޔާ ޑިޕާޓްމެންޓުގެ އޮފިޝަލެއް ކަމަށްވާ ސަޓޯޝީ ފުޖީވަރާ ވިދާޅުވީ، އަނިޔާވީ 35 މީހުންގެ ހާލުވެސް ސީރިއަސް ކަމަށާއި ރޯވެފައިވާ އިމާރާތުގެ އެންމެ މަތީގައި 18 މީހުން އަދިވެސް ބަންދުވެފައި އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ، ތާށިވެފައި ތިބި މީހުން ސަލާމަތް ކުރަން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް ހުއްޓާ ނުލައި އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން، 18 ވަރަކަށް މީހުން އެބަތިބި އެންމެ މަތީ ފަންގިފިލާގައި ތާށިވެފައި" ސަޓޯޝީ ފުޖީވަރާ ވިދާޅުވި އެވެ.

ސަޓޯޝީ ފުޖީވަރާ ވިދާޅުވީ، އަލިފާން ނިއްވުމުގެ މަސައްކަތުގައި 35 ފަޔާ ލޮރީ އާއި ގިނަ އަދަދެއްގެ ސިފައިން ހަރަކާތެރިވަމުންދާ ކަމަށެވެ.

ޖަޕާނުގެ ފުލުހުން މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާއިރު، ތަހުގީގީ މައުލޫމާތު އާންމު ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ފުލުހުން ބުނީ އަލިފާން ރޯ ކޮށްލާފައި ވަނީ ގަސްތުގައި ކަމަށް ބެލެވޭ ކަމަށެވެ. އަދި އަލިފާން ރޯ ވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ހުޅު ރޯވިތާ ވެސް ގިނައިރުތަކެއް ފަހުން ކަމަށެވެ.

ފުލުހުން ބުނީ، އަލިފާން ރޯވުމުގެ ކުރިން ބާރުގަދަ އަޑެއް އިވިގެން ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އަލިފާން ރޯކޮށްލި ޝައްކު ކުރެވޭ ބައެއް މީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.