ހަބަރު

ޖަމީލު ހާމަކުރެއްވީ އަމިއްލަ ވިސްނުން، ޖޭޕީ އޮތީ ކޯލިޝަނުގައި: ޖޭޕީ

ޖުމްހޫރީޕާޓީގައި އޮތީ އެ ޕާޓީގެ އަސާސީ ގަވައިދު ބުނާ ފިކުރު ކަމަށާއި، ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަފުޅަކީ އެމަނިކުފާނުގެ އަމިއްލަފުޅު ހިޔާލު ކަމަށް ޖުމްހޫރީޕާޓީން ބުނެފި އެވެ.

ޖުމްހޫރިޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގާސިމްގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ޖަމީލް ރޭ ވިދާޅުވީ، ޖުމްހޫރީޕާޓީގައި އޮތީ އެމްޑީޕީގެ ފިކުރެއް ނޫން ކަމަށާއި، އެ ޕާޓީގައި އޮތީ ޕީޕީއެމް ފިކުރު ކަމަށެވެ.

"އަޅުގަނޑަކީ އެއްގޮތަކަށް ވެސް އެމްޑީޕީ ފިކުރުގެ މީހެއް ނޫން. އެ ބޭފުޅުންނަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން އިސްލާހީ މަސައްކަތް މި ކުރަނީ. އެކަން ކުރަން ޖެހިއްޖެއްޔާ އެކަން ކުރާނަން. ނަމަވެސް އަޅުގަނޑު ނިސްބަތްވަނީ ޕީޕީއެމް ފިކުރަށް. އެ ފިކުރުގެ ތެރޭގައި ޖޭޕީ ވެސް ހިމެނެނީ" ޖަމީލް ވިދާޅުވި އެވެ.

ޖަމީލު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހަރުދަނާ އޮޕޮޒިޝަނެއް އޮންނަންޖެހޭ ކަމަށާއި، އެ ދައުރު މިހާރު އޮތީ ޕީޕީއެމަށް ކަމަށެވެ. އެހެން ކަމުން އެ ދައުރު އަދާ ކުރުމުގައި އެހީތެރިވެވެން އޮތް ގޮތަކަށް އެހީތެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ޖަމީލްގެ އެ ވާހަކަތަކަށް ރައްދު ދެމުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު މިއަދު ވިދާޅުވީ، ޖަމީލް ހާމަ ކުރެއްވީ ޕާޓީގެ ވިސްނުން ނޫން ކަމަށެވެ. އެއީ އެމަނިކުފާނުގެ އަމިއްލަ ވިސްނުމެއް ކަަމަށެވެ. އަދި ޖޭޕީގެ ފިކުރު އެ ޕާޓީގެ އަސާސީ ގަވައިދުގައި ލިޔެފައިވާ ކަމަށާއި އެ ގަވައިދުގައިވާ ގޮތުގެ މަތިން ޖޭޕީ މިހާރު އޮތީ ސަރުކާރާއެކު ކޯލިޝަނެއްގައި ކަމަށެވެ. އަދި ސަރުކާރު ދެމެހެއްޓުމަށްޓަކައި އެޕާޓީއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން މަސައްކަތް ކުރަނީ އިސްލާހީ ފިކުރަށް ކަމަށާއި، އެ ފިކުރުގައި އެ ޕާޓީން ރައީސް ޔާމީނާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާާޅުވެފަ އެވެ. އަދި ޖޭޕީގެ ކައުންސިލްގެ ވެސް އެއްބާރުލުމެއް ޕީޕީއެމްއާއި ގުޅެން ނުލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.