ހަބަރު

ޕީއެސްއެމްގެ ގެއްލުން ބޮޑުވެ މުވައްޒަފުން މަދު ކުރަން ލަަފާދީފި

ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ ގެއްލުން ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ގޯސްވަމުން ދާތީ އެ ކުންފުނީގެ މުވައްޒަފުން މަދުކޮށް ހަރަދުތައް ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ލަފާދީފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އަންގާރަ ދުވަހު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ މާލީ ރިޕޯޓު އާއްމުކޮށްފަ އެވެ. ޕީސީބީން ނެރުނު ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 11.9 މިލިއަން ރުފިޔާގައި ހުރި ޕީއެސްއެމްގެ އާމްދަނީ ވަނީ 6.17 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެެވެ. އެއީ 5.74 މިލިއަން ރުފިޔާގެ ދަށް ވުމެކެވެ. އަދި ކުންފުނީގެ ހިދުމަތްތައް ދިނުމުގައި ކުރި ހަރަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ 18.26 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.

އަދި އެކަމުގެ ސަބަބުން ކުންފުނީގެ ގެއްލުން ވަނީ ދެ ގުނަ އިތުރުވެފަ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުރި 21.85 މިލިއަން ރުފިޔާ އިން 45.84 މިލިއަން ރުފިޔާ އަށެވެ.

ރިޕޯޓުގައި އިތުރަށް ހާމަކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު ޕީއެސްއެމްގެ އިދާރީ ހަރަދުތަކާއި ހިންގުމުގެ އިތުރު ހަރަދުތައް ވަނީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުޑަކޮށްފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި 11.5 މިލިއަން ރުފިޔާގައި ހުރި އިދާރީ ހަރަދުތައް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 6.56 މިލިއަން ރުފިޔާ އަށް ވަނީ ތިރި ކޮށްފަ އެވެ. އަދި، ހިންގުމުގެ ހަރަދުތައް ވަނީ 15.3 މިލިއަން ރުފިޔާ އިން 6.75 މިލިއަން ރުފިޔާ އަށް ދަށް ކޮށްފަ އެވެ.

އެހެންނަމަވެސް، އިދާރީ ހަރަދުތަކާއި ހިންގުމުގެ އިތުރު ހަރަދުތައް ކުޑަ ކުރި ކަމުގައި ވިޔަސް ޕީއެސްއެމް ހިންގުމުގެ ހަރަދުތައް ކުޑަ ނުވެ ކުންފުންޏަށް ވަނީ ގެއްލުން ވެފަ އެވެ.

މީގެ އިތުރުން، ޕީއެސްއެމްގެ ދަރަނީގެ ގޮތުގައި 89 މިލިއަން ރުފިޔާގައި ހުރިއިރު، އެ ދަރަނި އަދާކުރުމަށް އުނދަގޫވާ ކަމަށްވެސް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. އަދި ކުންފުނީގެ ހިއްސާދާރުންގެ އެހީ އާ ނުލާ އެ ކުންފުނީގެ ދުވަހުން ދުވަހަށް ހިންގުމަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ރިޕޯޓުގައި ވެ އެވެ.

މި ކަންތައްތަކާއެކު ޕީސީބީއިން ވަނީ ހަތަރު ކަމަކަށް ލަފާ ދީފަ އެެވެ. އެއީ، ޕީިއެސްއެމްއަށް ލިބެންޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ހޯދުމާއި ސަޕްލަޔަރުންގެ ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް ދަރަނީގެ މުއްދަތު އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ޕީސީބީން ބުންޏެވެ. އަދި، ވިޔަފާރީގެ މޮޑެލް ހަރުދަނާކޮށް، ދެކޮޅު ޖެހޭ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ލަފާދީފައިވެ އެވެ.

މީގެ އިތުރުން، ކުންފުނީގެ ދަރަނި އަދާ ކުރަން އުނދަގޫ ހާލަތެއްގައި ތިބުމުން ގިނަ މުވައްޒަފުންނާއެކު އެ ދަރަނި އަނބުރާ ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ ވީ އެންމެ އަވަހަކަށް ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރަން ވަނީ ލަފާ ދީފަ އެވެ.

ޕީއެސްއެމްގައި ކޮންޓްރެކްޓު އުސޫލުން ވައްދާފައި ތިބި މުވައްޒަފުން މަދުކޮށް އެ ކުންފުނި އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މި އަހަރު މޭ މަހު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވަނީ ވިދާޅުވެފަ އެވެ. ޕީއެސްއެމް އަށް ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް އެކަނި ވެސް މަހަކު ހަތް މިލިއަން ރުފިޔާ ހަރަދުވެ އެވެ.