ދުނިޔެ

އިރާންއިން ތެޔެ ޓޭންކަރެއް ހިފެހެއްޓިކަމަށް އެއްބަސްވެއްޖެ

އިރާނުން މިމަހުގެ 14 ވަނަ ދުވަހު ބޭރު ގައުމެއްގެ ތެޔޮ ޓޭންކަރެއް ހިފެހެއްޓި ކަމަށް އެއްބަސްވެއްޖެ އެވެ.

އިރާންގެ އަސްކަރިއްޔާއި ހަވާލާދީ އެގައުގެ ގައުމީ ޓީވީން ބުނީ، އަސްކަރިއްޔާއިން ޓޭންކަރު ހިފަހައްޓާފައިވަނީ އެއް މިލިއަން ލީޓަރުގެ ތެޔޮ ވަގަށް ހިފައިގެން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އިރާނުން ޓޭންކަރެއް ހިފަހައްޓާފައިވާކަން އާންމު މިކުރީ ޔޫއޭއީގެ ޓޭންކަރެއް އިރާންގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ވީނުވީ ނޭގި ގެއްލިފައި ވަނިކޮށެވެ.

ވަގަށް ތެޔޮ ގެންދިޔަ ޓޭންކަރު އިރާނުން ހިފަހައްޓާފައި ވަނީވެސް ޔޫއޭއީގެ ޓޭންކަރު ގެއްލުނު ކަމަށް ބެލެވޭ ހޯމޯޒް ކަނޑުގެ މަގުންނެވެ. އިރާންގެ އަސްކަރިއްޔާއިން ބުނީ ޓޭންކަރު ހިފެހެއްޓި ވަގުތު އޭގައި 12 މީހުން ތިބި ކަމަށެވެ. އިތުރު މައުލޫމާތެއް ދީފައެއް ނުވެ އެވެ. ހިފެހެއްޓީ ކޮން ގައުމެއްގެ ޓޭންކަރެއް ކަމެއްވެސް ނުބުނެ އެވެ.

ޔޫއޭއީގެ ޓޭންކަރު ގެއްލިފައިވަނީ އިރާންގެ ކަނޑުގެ ސަރަހައްދުން ކަމަށް އެމެރިކާއިންވެސް ވަނީ ބުނެފަ އެވެ. އިރާންގެ ކަނޑުގެ ސަރަހައްދަށް ޓޭންކަރު ވަން ކަމަށް ރާޑަރުތަކުވެސް ދައްކަ އެވެ. ނަމަވެސް އިރާނަށް އެކަމުގެ ތުހުމަތު ކުރުމުން އިރާނުން ބުނީ ހޯމޯޒް މަގުން ދަތުރު ކުރަމުންދިޔަ ޓޭންކަރަކަށް އެހީވެދީފައިވާ ކަމަށެވެ.

ޓޭންކަރު ގެއްލުވާލި ކަމަށް ޔޫއޭއީ އަދި އެމެރިކާއިން، އިރާނަށް ތުހުމަތު ކުރަނީ ޓޭންކަރު ރާޑަރުތަކަށް ގެއްލިފައިވަނީ އިރާންގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުންގޮސް ހޯމޯޒް އަށް އަރާއި ހަމަވިތަނުން ރާޑަރުތަކަށް ގެއްލުމުންނެވެ. އޭރު ޓޭންކަރަށް މައްސަލައެއް ޖެހިފައިވާ ކަމުގެ ރިޕޯޓެއް ޔޫއޭއީއަށް ލިބިފައެއް ނުވެ އެވެ.