ވިޔަފާރި

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް 570 މިލިއަން ރުފިޔާ ޖަމާކޮށްފި

Jul 19, 2019
5

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިދިޔަ ހަފުތާއާ ހަަމައަށް 570 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭސުން ނެރުނު މިދިޔަ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 705.6 މިލިއަން ރުފިޔާ ޖަމާ ކުރަން ކަނޑައަޅާފައި ވާއިރު މިހާތަނަށް 570 މިލިއަން ރުފިޔާ ވަނީ ޖަމާ ކޮށްފަ އެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން ވަނީ މި ފަންޑަށް ގާނޫނެއް ހެދުމުގެ މަސައްކަތް ފަށައި ބިލެއް ޑްރާފްޓްކޮށް އެ އަށް ހިޔާލު ހޯދަން މަރުކަޒީ ބޭންކަށް ފޮނުވާފަ އެވެ.

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދީ 2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނެވެ. އެ ފަންޑަށް މި އަހަރު ޓްރާންސްފާކަން ބަޖެޓްކޮށް ކޮށްފައިވަނީ 705.6 މިލިޔަން ރުފިޔާ އެވެ. މި ފައިސާ ޖަމާކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.