އިރާންގެ އިގްތިސޯދީ ސަރަހައްދުގައި ހިމެނޭ ހަރްމޯޒް ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ މަނަވަރަކަށް ޑްރޯން ބޭނުން ކޮށްގެން އިރާނުން ހަމަލާދޭން މަސައްކަތް ކުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕު ވިދާޅުވީ، މަނަވަރާ 1000 މީޓަރު ދުރުން ޑްރޯންތައް އަންނަ މަންޒަރު ފެނުމުން، ހަމަލާ ނުދިނުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ. ނަމަވެސް ޑްރޯންތައް އަނބުރާ ގެންދަން އިރާނުން އެއްބަސް ނުވުމުން. މަނަވަރުން ހަމަލާދީ ޑްރޯންތައް ހަލާކު ކޮށްފައިވާ ކަމަށެވެ.
"އިރާނުން މިހާރު އުޅެނީ އެމެރިކާ ރުޅި އެރުވުމުގެ މަސައްކަތް ކުރަން، ހަމަލާދޭން މަސައްކަތް ކުރި ހިސާބުން އެމެރިކާއަށް އެ ލިބުނީ، މުދަލާއި އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރުމުގެ ބައިނަލްއަގްވާމީ ހުއްދަ" ޓްރަމްޕު ވިދާޅުވި އެވެ.
އެމެރިކާގެ ތުހުމަތުތަށް އިރާނުން ވަނީ ދޮގުކޮށްފަ އެވެ. އިރާންގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އައްބާސް އާޗިގަރީ ވިދާޅުވީ، އެ ސަރަހައްދަށް އިރާންގެ އަސްކަރިއްޔާއިން ޑްރޯންތަކެއް ފޮނުވާފައި ނުވާ ކަމަށެވެ. އައްބާސް ވިދާޅުވީ، އެމެރިކާގެ މަނަވަރުން ވައްޓާލީ އެމީހުންގެ އަމިއްލަ ޑްރޯނެއް ކަމަށެވެ.
"އެ ސަރަހައްދުން އިރާންގެ ޑްރޯން އެެއް ގެއްލިފައެއް ނުވޭ، އަޅުގަނޑު ކަންބޮނޑުވޭ އެމެރިކާއިން އެމީހުންގެ އަމިއްލަ ޑްރޯން އެއް ހަލާކުކޮށްލައިގެނެއް" އައްބާސް ވިދާޅުވި އެވެ.
އދ. ގެ ބައްދަލުވުމަކަށް މިވަގުތު ނިއުޔޯކުގައި ހުންނެވި އިރާން ފޮރިން މިނިސްޓަރު ޖަވާދް ޒާރިފް ވެސް ވަނީ އެމެރިކާގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
ހޯމޯޒް ކަނޑުގެ މަގަށް އެމެރިކާގެ މަނަވަރެއް ވަދެފައި މިވަނީ އިރާނުން ޔޫއޭއީގެ ތެޔޮ ޓޭންކަރެއް ހިފަހެއްޓި ކަމަށް އެއްބަސްވެފައި ވަނިކޮށެވެ.