ދުނިޔެ

ގުލްބުޝާން ކޮންސިއުލާ އޮފީހަށް ވަނުމުގެ ފުރުސަތުދީފި

ޕާކިސްތާނު ހައްޔަރު ކޮށްފައިވާ އިންޑިއާގެ ޖަސޫސެއް ކަމަށްވާ ގުލްބުޝާން ޖާދަވް އަށް ޕާކިސްތާނުގައި ހުންނަ އިންޑިއާގެ ކޮންސިއުލާ އޮފީހަށް ވަމުނުގެ ފުރުސަތު ޕާކިސްތާނުން ދީފި އެވެ.

ޖާދަވް އަށް ކޮންސިއުލާ އޮފީހަށް ވަނުމުގެ ފުރުސަތު ދިނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އެގޮތަށް ޕާކިސްތާނުގެ މައްޗަށް ހުކުމް ކުރުމުންނެވެ.

އައިސީޖޭއިން ޕާކިސްތާނުގެ މައްޗަށް ކުރި ހުކުމުގައި ބުނެފައި ވަނީ، ޕާކިސްތާނުން ޖާދަވް ހައްޔަރުކުރީ ގަވާއިދާ ހިލާފަށްތޯ ބެލުމަށް ވަގުތު ބޭނުން ވާތީ ޖާދަވް މައްޗަށް ކުރި މަރުގެ ހުކުމް ބާތިލްކޮށް، އޭނާ ޕާކިސްތާނުގައި ހުންނަ އިންޑިއާގެ ކޮންސިއުލާ އޮފީހާއި ހަވާލު ކުރުމަށް ޕާކިސްތާނުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

މި ހުކުމަކީ އިންޑިއާ ކޮޅަށް ބުރަވެ ކޮށްފައިވާ ހުކުމެއް ކަމަށްވުމުން ހުކުމާ އެއްގޮތަށް އަމަލު ނުކުރާނެ ޕާކިސްތާނުން ވަނީ މީގެ ކުރިން ބުނެފަ އެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި ޕާކިސްތާނުން ބުނީ ގުލްބުޝާން ޖާދަވް އަށް ކޮންސިއުލާ އޮފީހަށް ވަނުމުގެ ފުރުސަތު ގާނޫނާއި ގަވާއިދުގެ ދަށުން ދޭނެ ކަމަށެވެ.

ޕާކިސްތާނުން ޖާދަވް ހައްޔަރުކުރީ 2016 ވަނަ އަހަރު ވަގު ޕާސްޕޯޓެއް ބޭނުން ކޮށްގެން އެ ގައުމުގައި ދިރި އުޅެނިކޮށެވެ. އޭގެ ފަހުން ޕާކިސްތާނުން ވަނީ ޖާދަވްގެ މައްޗަށް ޖާސޫސް ކުރި ކަމުގެ ދައުވާ އުފުލާފަ އެވެ.

ޖަދާވްއަކީ މީގެ މީގެ ކުރިން އިންޑިއާގެ ނޭވީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި ސިފައިންގެ މީހެކެވެ. ޕާކިސްތާނުން ވަނީ ޖާދަވް ޖާސޫސް ކުރި ކަމަށް އިއްތިރާފުވާ ވީޑިއޯއެއް ވެސް އާންމު ކޮށްފަ އެވެ. އެއަށްފަހު ޕާކިސްތާނުގެ ކޯޓަކުން ވަނީ ޖާދަވްގެ މައްޗަށް މަރުގެ ހުކުމް އިއްވާފަ އެވެ.

ނަމަވެސް އިންޑިއާއިން ވަނީ ޕާކިސްތާނުގެ ތުހުމަތުތައް ދޮގު ކޮށް ޖަދާވް ލައްވާ ކުށަށް އިއުތިރާފު ކުރުވީ ބިރު ދައްކައިގެން ކަމަށް ބުނެފަ އެވެ. ޕާކިސްތާނުން އޭނާ ހައްޔަރު ކުރީ އީރާނުގައި ހުއްޓާ ކަމަށް ވެސް ބުނާއިރު ޖާދަވް އަކީ ޖާސޫސެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

ބައިނަލް އަގްވާމީ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ޕާކިސްތާނުން އަމަލު ކޮށްފައިވާ ކަމަށް ބުނެ އިންޑިއާއިން ވަނީ މި މައްސަލަ އައިސީޖޭއަށް މިދިޔަ އަހަރު ހުށަހަޅާފަ އެވެ. އަދި ޖާދަވް މަރަން ކުރި ހުކުމް ބާތިލް ކޮށް ދިނުމަށް ވެސް އިންޑިއާއިން ވަނީ އައިސީޖޭގައި އެދިފަ އެވެ.