ދުނިޔެ

އިރާނުން އިނގިރޭސި ތެޔޮ ބޯޓެއް ހިފަހައްޓައިފި

ހޮރްމޫޒް ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ތެޔޮ ބޯޓެއް އިރާނުގެ އަސްކަރިއްޔާއިން ހިފަހައްޓައިފި އެވެ.

އިރާނުގެ އަސްކަރިއްޔާއިން ބުނީ، "ސްޓެނާ އިމްޕީރޯ" ކިޔާ އިނގިރޭސިވިލާތުގެ ޓޭންކަރު ހިފެހެއްޓީ ބައިނަލްއަގްވާމީ ކަނޑުދަތުރުތަކާބެހޭ ގާނޫނާއި ހިލާފުވުމުން ކަމަށެވެ. އިނގިރޭސިވިލާތުގެ ޓޭންކަރުގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް އަސްކަރިޔާއިން ވަނީ ބުނެފަ އެވެ.

"ޓޭންކަރު ހިފެއްޓީ ބައިނަލް އަގްވާމީ ކަނޑުދަތުރުކުރުމުގެ ގަވާއިދާ ހިލާފަށް ދަތުރު ކުރަމުން ދަނިކޮށް، މިހާރު ޓޭންކަރުގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން،" އިރާންގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ހިފެހެއްޓި ޓޭންކަރުގެ ވެރިޔާ ސްޓެނާ ބަލްކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިރާނުން ޓޭންކަރު ހިފެހެއްޓީ ހެލިކޮޕްޓަރާއި ސާޗް އެންޑް ރެސްކިޔު އުޅަނދެއް ބޭނުން ކޮށްގެން ކަމަށެވެ. ހިފެހެއްޓި ޓޭންކަރުގައި 23 ފަޅުވެރިން ތިބި ކަމަށްވެސް ސްޓެނާ ބަލްކް ވިދާޅުވި އެވެ.

މިމައްސަލައިގައި އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ، އިރާނުން އެ ގައުމުގެ ދެ ޓޭންކަރެއް އިއްޔެ ހިފަހައްޓާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ޓޭންކަރު ދޫކޮށްލުމަށްފަހު މިހާރު އިރާންގެ ބެލުމުގެ ދަށުގައި އޮތީ ސްޓެނާ އިމްޕީރޯ ކަމަށެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޖާމީ ހަންޓް ވިދާޅުވީ، ސަލާމަތީ ކައުންސިލާއި ބައްދަލުކޮށް ޓޭންކަރު ސަލާމަތް ކުރާނެ ގޮތާއި މެދު މަޝްވަރާ ކުރާނެ ކަމަށެވެ.

އިގިރޭސިވިލާތުގެ ޓޭންކަރެއް އިރާނުން ހިފަހައްޓާފައި މިވަނީ، އިރާންގެ ޓޭންކަރެއް ވެސް އިނގިރޭސިވިލާތުން ހިފަހައްޓާފައި ވަނިކޮށެވެ. މި މައްސަލައިގައި ދެ ގައުމުން ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އިރާންގެ ޓޭންކަރު އަދިވެސް އޮތީ އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގަ އެވެ.

މައްސަލަ ވާހަކަ ދައްކައިގެން ހައްލު ނުކޮށް އަދިވެސް ގެންދަނީ ޓޭންކަރު ހިފެހެއްޓި މައްސަލައިގެ އެއް ގައުމުން އަނެއް ގައުމަށް ދޫނުދޭނެ ފަދައަކުން ބަހުގެ ހަމަލާތަށް ބަދަލު ކުރަމުންނެވެ.