ދުބާއީގެ މަޝްހޫރު ފާސްޓްފުޑް ފްރަންޗައިޒް "ޗިކިންގް" ރެސްޓޯރެންޓް މާލޭގައި އަލުން ހުޅުވައިފި އެވެ.
"ޗިކިންގް" ރެސްޓޯރެންޓް މީގެ ކުރިން ހުޅުވީ ރަސްފަންނުގެ ޕެވީލިއަންގެ ބައެއްގަ އެވެ. އާ މެނޭޖްމެންޓަކާއެކު މިފަހަރު "ޗިކިންގް" ރެސްޓޯރެންޓް ހުޅުވީ މާލޭގެ އަމީރު އަހުމަދު މަގު ވެލާނާގެ ކުރިމަތީގައި ހުންނަ ހ. ސުއެޒްގަ އެވެ. އެ ރެސްޓޯރެންޓް އިއްޔެ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.
ޗިކިންގް އައުޓްލެޓް ރާއްޖޭގައި ހިންގާ ބްރޫވް އެންޑް ފީސްޓް ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކާއެކު ތަފާތު ރަހަތަކެއް "ޗިކިންގް" އިން ލިބިގެންދާނެ ކަމަށެވެ.
ކުކުޅު ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ތަފާތު ރަހަތައް ހިމެނޭ "ޗިކިންގް" ގެ ބާނީއަކީ އިންޑިޔާއަށް އުފަން އޭކޭ މަންސޫރެވެ. ދުނިޔޭގެ 17 އަށް ވުރެ ގިނަ ގައުމުގައި "ޗިކިންގް" ގެ 150 އަށް ވުރެ ގިނަ އައުޓްލެޓް ހުރެއެވެ.
މި ރެސްޓޯރެންޓް ހުޅުވާފަ ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 12:00 އަށެވެ. ހުކުރު ދުވަހު ހުޅުވާނީ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށެވެ.