ގައުމީ ފުޓްބޯޅް ޓީމް

ކޮމޮރޯސް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

ގުރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ކޮމޮރޯސް އަތުން 3-0 ން ބަލިވެ ރާއްޖެ މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެމެޗުން މިހާތަނަށް ވަނީ ރާއްޖެ ކޮޅަށް ހަތް ލަނޑު ވަދެފައެވެ. ރާއްޖެއަށް އެންމެ ލަނޑެއްވެސް ޖެހޭ ގޮތެއް ނުވި އެވެ. މިއަދުގެ މެޗުގައި ކޮމޮރޯސްގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ޔޫސުފް އެވެ. އެ ޓީމުގެ ޗަދުލީ މަރަޑަބީ ތަނަވަސް ކޮށްދިން ބޯޅަ ފޮނުވާލިއިރު އިބްރާހިމް ޔޫސުފް ހުރީ ހުސްކޮށެވެ. އެ ލަނޑު އޭނާ ފޮނުވާލީ ރާއްޖޭގެ ގޯލްގެ މެދަށެވެ.

އެ ޓީމުގެ ދެ ވަނަ ލަނޑު 37 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޓީމުގެ ކެޕްޓަން އިއްސަ ނަޒަރަލީ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކާމިޔާބު ކުރީ، ސުލައިމާނާ މަލާގާ އެވެ.

ގައުމީ ޖޯޒީގައި ހަތަރު ކުޅުންތެރިޔަކު ވަނީ ފުރަތަމަ ފަހަރަށް ކުޅެފަ އެވެ. ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް، މުހައްމަދު ޖައިލަމް (އޮގީ) މުހައްމަދު ނާއިމް، އިބްރާހިމް އައިޝަމް ވަނީ ފުރަތަމަ ފަހަރަށް ގައުމީ ޖޯޒީގައި ކުޅެން ނިކުމެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޮގީ އަށް ވަނީ ރަނގަޅު ފުރުސަތެއްވެސް ލިބިގެން ގޮސްފަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕް) ތަނަވަސްކޮށްދިން ބޯޅަ އޮގީއަށް ރަނގަޅަށް ފޮނުވާ ނުލެވުމުން އެ ބޯޅަ ދިޔައީ ބޭރަށެވެ.

ދެ ވަނަ ހާފުގައި، އަލީ ފާސިރު (ސެންޓޭ)، އިބްރާހިމް ވަހީދު ހަސަން ހަސަން (އިއްބެ) އަދި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ކުޅެން ނުކުމެ ރާއްޖޭގެ ކުޅުން ރަނގަޅު ކުރި އެވެ. ގޯލް ޖެހުމަށްޓަކައި ރަނގަޅު ފުރުސަތެއްވެސް ލިބިގެން ދިޔަ އެވެ. އެހެންނަމަވެސް ގޯލްގެ އެތެރެއަށް ބޯޅައެއް ވައްދާ ލެވޭ ގޮތެއް ނުވި އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ވާދަ ކުރާނީ، އަންނަ ހޯމަ ދުވަހު މަޔޯޓޭއާ ދެކޮޅަށެވެ.