ކިޑްނީއަކީ ހަށިގަނޑުގެ ގިނަ މުހިންމު މަސައްކަތްތަކެއް ކުރުމުގެ މަސްއޫލިއްޔަތު އުފުލާ ގުނަވަނެކެވެ. އޭގެތެރޭގައި ކުޑަކަމުދާ ނަޖިސް އުފައްދައިދިނުމުގެ އިތުރުން ހަށިގަނޑުގައި އުފެދޭ ބޭކާރު ވިހަ މާއްދާތަކާއި އިތުރުވެފައިވާ ފެން ހަށިގަނޑުން ބޭރުކުރުމުގައި ވެސް މުހިންމު ދައުރެއް ކިޑްނީ އަދާކުރެ އެވެ. އެއްވެސް ސަބަބަކާހުރެ މި ނިޒާމަށް ބުރޫއެއް އަރައިފި ނަމަ މިފަދަ ވިހަ މާއްދާތައް ކިޑްނީގައި ގިނަވެ، ހިލަ އުފެދުމަށް މެދުވެރި ވެދާނެ އެވެ.
ކިޑްނީގައި ހިލަ އުފެދުމުގެ އަލާމާތްތައް
ބައެއް ހާލަތްތަކުގައި ކިޑްނީގައި ހިލަ ހުރި ނަމަވެސް އެކަމުގެ އެއްވެސް އަލާމާތެއް ނުފެނިދާނެ އެވެ. ނަމަވެސް އަނެއްބައި ހާލަތްތަކުގައި ކިޑްނީގައި އުފެދޭ ހިލަތައް ޔުރެޓޭ (ކުޑަކަމުނަޖިސް ކިޑްނީން މަސާނައަށް ދާ ހޮޅި) ތެރެއިން ލާފައި މަސާނާއަށް ދަތުރު ކުރާ ހިނދު ހިލަ ތާށިވެ ކުޑަކަމުނަޖިސް ދައުރު ކުރުމަށް ހުރަސްއެޅި ތަދު އިހްސާސް ކުރުވެން އެކަށީގެން ވެއެވެ. ކިޑްނީ ހިލަ ހުންނަ މީހުންނަށް އާންމުކޮށް ކުރިމަތިވާ އަލާމާތްތަކެއް ހުރެ އެވެ.
- ތޫނު ތަދެއް އުނަގަނޑު ތިރީ ހިސާބަށް، އަރި މައްޗަށް އެރުން
- ކުއްލިޔަކަށް ވަރަށް ބޮޑަށް ކުޑަކަމުދާން ބޭނުންވާ ކަމުގެ އިހްސާސް ކުރެވުން
- އާންމުކޮށް ދެވޭ ވަރަށް ވުރެން ގިނައިން ކުޑަކަމުދެވުން އަދި
- ކުޑާކަމުދާއިރުގައި ދިލަ ނަގާހެން ހީވުން
- ކުޑަކަމު ނަޖިސްގައި ރަތްކުލަ / ލޭ ހުރުން
- ހޮޑުލެވުން
މިއީ އާންމުކޮށް ކިޑްނީގައި ހިލަ އުފެދުނު މީހުންގެ ފަރާތުން ފެނިފައިވާ އަލާމާތްތައް ނަމަވެސް ބައެއް ހާލަތްތަކުގައި މިއިން އެއްވެސް އުނދަގުލެއް ނުވެވެސް ހުރެދާނެ އެވެ.
ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރި ކުރުވާ ކަންތައްތައް
ހަގީގަތުގައި ކޮންމެ މީހެއްގެ ކިޑްނީގައި ވެސް ހިލަ އުފެދިދާނެ އެވެ. ނަމަވެސް ކިޑްނީގައި ހިލަ އުފެދުމުގެ ފުރުސަތުތައް ބޮޑު ބަޔަކު ވެއެވެ.
އާއިލާގައި ހިލަ ހުރި މީހެއް / ކުރިން ކިޑްނީގައި ހިލަ އުފެދިފައި ހުރުން
އާއިލާގައި ކިޑްނީ ހިލަ އުފެދިފައި ހުރި މީހަކު ހުރި ނަމަ އެއީ ތިމާއަށް އެކަން ދިމާވުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަމެކެވެ. އެއާއެކު، އެއް ފަހަރު ކިޑްނީ ހިލަ އުފެދިފައިވާ މީހުންނަށް ދެވަނަ ފަހަރަށް ވެސް ކިޑްނީ ހިލަ އުފެދުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ގަވައިދުން ޓެސްޓްތައް ހަދާ ޗެކްކުރުން ބުއްދިވެރިވާނެ އެވެ.
ކުޑަކަމު ނަޖިސް އުފައްދާ މިންވަރު ދަށްވުން
އާންމުގޮތެއްގައި މަދުން ކުޑަކަމުދެވޭ މީހުން ހިމެނެ އެވެ. މިހެން ދިމާވަނީ ގިނައިން ފެން އަދި ދިޔާތަކެތި ބޭނުން ނުކުރެވޭތީ އެވެ. ހާއްސަކޮށް ރާއްޖެ ފަދަ ހޫނުގަދަ ގައެމެއްގައި އެޅޭ އިރު، ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބޭނަމަ މި މައްސަލަ ދިމާވުމުގެ ފުރުސަތުތައް ބޮޑެވެ. ކުޑަކަމު ނަޖިސްގެ ކުލަ ގަދަވުން އެއީ ކުޑަކަމު ނަޖިސް އާންމުކޮށް ހުންނަންވާ ވަރަށް ވުރެން މަދު ކަން ހާމަކޮށްދޭ ކަމެކެވެ. ވީމާ ގިނައިން ފެން އަދި ދިޔާ ތަކެތި ބޭނުން ކުރުމަކީ ކިޑްނީގައި ހިލަ އުފެދުމުގެ ފުރުސަތުތައް ކުޑަކޮށް ދިނުމަށް އެހީތެރި ވެދޭނެ ކަމެކެވެ.
ކުޑަކަމު ނަޖިހުގައި ކެލްސިއަމް ގިނަވުން
ކެއުމުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ވެސް ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރިވެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރިކުރުވާ އެއް ސަބަބަކީ ކެލްސިއަމެވެ. މި މާއްދާ ކުޑަކަމު ނަޖިސްގައި ގިނަ އަދަދަކަށް ހުރުމެވެ. ނަމަވެސް މީގެ ހައްލަކީ ކެއުމުން ކެލްސިއަމް މަދު ކުރުމެއް ނޫނެވެ. ކެލްސިއަމްއަކީ ހަށިގަނޑު ފުރިހަމައަށް ހެދި ބޮޑުވުމަށް ކޮންމެހެން ވެސް ބޭނުންވާ މާއްދާއެކެވެ. ހާއްސަކޮށް ދުޅަހެޔޮ ކަށިތަކަށް ވަރަށް މުހިންމު ވާނެ އެވެ. ވީމާ ކުޑަކަމު ނަޖިސްގައި ކެލްސިއަމް މާ މަތި ކަމަށް ޑޮކްޓަރަށް ފާހަގަ ކުރެވިއްޖެ ނަމަ ކެލްސިއަމް ކެއުމުން މަދު ކުރުމަށް ބުނުމުގެ ބަދަލުގައި ލޮނު މަދު ކުރުމަށް އިލްތިމާސް ކޮށްފާނެ އެވެ. އެހެނީ ކުރިން ކިޑްނީގައި ކެލްސިއަމް ހިލަ އުފެދުމުގައި ލޮނުގެ ދައުރެއް ވެއެވެ. ކެއުމުގައި ލޮނު މަދުކުރުމުން ކެލްސިއަމް ކުޑަކަމު ނަޖިހުގައި އެކުލެވޭ މިންވަރު ދަށްވެފައި، ކެލްސިއަމް ހިލަ އުފެދުމުގެ ފުރުސަތުތައް ކުޑަކަން ދިރާސާތަކުން އެނގެ އެވެ.
ގޮހޮރުގެ ސިއްހީ މައްސަލަތައް
ކްރޯންސް ޑިސީސް އަދި އަލްސެރޭޓިވް ކޮލައިޓިސް ފަދަ ބޭރުން ހިންގުން މެދުވެރި ކުރުވާ ގޮހޮރުގެ ބަލިތަކުގެ ސަބަބުން ކެލްސިއަމް އޮކްސަލޭޓް ހިލަތައް އުފެދުމުގެ ފުރުސަތުތައް ބޮޑުވެއެވެ. ބޭރަށް ހިންގުމުގެ ސަބަބުން ގައިން ފެންމަދުވެ ކުޑަކަމު ނަޖިހުގެ މިންވަރު ދަށްވެ އެވެ. އެއާއެކު ގޮހޮރުގެ ބައެއް ބަލިތަކުގައި އޮކްސަލޭޓް ކިޔާ މާއްދާއެއް ގިނަ ވުމަށް ވެސް މެދުވެރިކުރުވަ އެވެ. މިހެން ކަމުން ކިޑްނީގައި ހިލަ އުފެދުމުގެ ފުރުސަތުތައް އިތުރުކޮށްދެ އެވެ.
ސިއްހަތަށް ނުރައްކާވާ ވަރަށް ފަލަވުން
ދިރާސާތައް ހާމަ ކުރާގޮތުގައި މާބޮޑަށް ފަލަވުމާއި ކިޑްނީގައި ހިލަ އުފެދުމާ ދެމެދު ގުޅުމެއްވެ އެވެ. ވީމާ އެދެވޭ މިނެއްގައި ބަރުދަން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރި ކުރުވަނީ ވަކި މިވެނި ސަބަބަކާ ހުރެއޭ ބުނަން ނޭނގުނު ނަަމަވެސް، ކިޑްނީގައި ހިލަ އުފެދުމުގެ ފުރުސަތުތައް އިތުރު ކުރުވައިފާނެ ކަންތައްތައް ވަރަށް ގިނައެވެ. ދެންނެވުނު އާންމު ސަބަބުތަކުގެ އިތުރުން އެހެނިހެން ސިއްހީ މައްސަލަތަށް ވެސް ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރި ކުރުވައިފާނެ އެވެ.
ކިޑްނީގައި ހިލަ ހުރިތޯ ދެނެގަންނާނީ ކިހިނެތް؟
ޑޮކްޓަރަށް ކިޑްނީގައި ހިލަ ހުރިކަމަށް ލަފާ ކުރެވިއްޖެ ނަމަ އެކަން ދެނެގަތުމަށް ޓެސްޓްތަކެއް ހަދާނެ އެވެ. އެގޮތުން ލޭގެ ޓެސްޓުން ކުޑަކަމު ނަޖިހުގައި ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރި ކުރުވަފާނެ ކެލްސިއަމް އަދި ޔުރިކް އެސިޑް ފަދަ މާއްދާތައް ހުރި މިންވަރު ދެނެގަނެވޭނެ އެވެ. ކުޑަކަމު ނަޖިސް ވެސް ޓެސްޓް ކުރެވޭނެ އެވެ. އަދި ކިޑްނީގައި ހިލަ ހުރިތޯ ބަނޑުގެ އެކްސް ރޭ އަދި އެހެނިހެން ޓެސްޓްތައް ބޭނުން ކޮށްގެން ޔަގީން ކުރާނެ އެވެ.
ފަރުވާ
ކިޑްނީ ހިލަ ނައްތާލަން ދެވޭ ފަރުވާ ބިނާވާނީ ހިލައިގެ ބޮޑު ކުޑަ މިނަށާއި ހިލައިގެ ވައްތަރުގެ މައްޗަށެވެ. އެގޮތުން ކުދި ހިލަތަކެއް ނަމަ ފުރަތަމަ ގިނަގިނައިން ފެން ބުއިމަށާއި ކިޑްނީއިން ހިލަތައް ކުޑަކަމު ދާއިރު ބޭރު ކުރަން އެހީވެދޭނެ ބޭހެއް ދޭނެ އެވެ. އަދި ހިލައިގެ ސަބަބުން ތަދުވާނަމަ ތަދު ކެނޑުވުމަށް ބޭހެއް ދިނުން ވެސް އެކަށީގެން ވެއެވެ.
މިފަދަ ފަރުވާއިން ހިލަ ނައްތާ ނުލެވިއްޖެ ނަމަ ނުވަތަ ޔުރީޓާ އިން ފައިބައިގެންދާ ވަރަށް ވުރެން ބޮޑޫ ހިލައެއް ނަމަ، ދެވޭ ފަރުވާ ތަފާތުވާނެ އެވެ. އެގޮތުން ޝޮކްވޭވް ބޭނުން ކޮށްގެން ހިލަތައް ނައްތާލުން، ޔުރީޓަރެސްކޯޕެއް ބޭނުން ކޮށްގެން ހިލަތަށް ނެގުން އަދި ބައެއް ހާލަތްތަކުގައި އޮޕަރޭޝަންކޮށްގެން ހިލަތައް ނަގަން ވެސް ޖެހިދާނެ އެވެ.
މީގެ އިތުރުން ހިލަ އެފެދެނީ އެހެނިހެން ސިއްހީ މައްސަލައަކާ ގުޅިގެން ނަމަ، އެ ކަމަކަށްވެސް ފަރުވާ ކުރުން މުހިންމު ވާނެ އެވެ. މިސާލަކަށް ޕެރަތައިރޮއިޑް ގްލޭންޑްގެ މާ ހަލުވި ކަމާއެކު މަސައްކަތް ކުރުމުގެ ސަބަބުން ކެލްސިއަމް ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށް ވުރެން ގިނަވެ ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރި ކުރުވައިފާނެ އެެވެ. މިފަދަ ހާލަތްތަކުގައި ޕެރަތައިރޮއިޑް ހޯމޯން ނެގުމަށް އޮޕަރޭޝަންއެއް ކުރަން ޖެހިދާނެ އެވެ.
ކިޑްނީގައި ހިލަ އުފެދުމުން ދުރުހެލި ވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމެވެ. އެެހެނީ ކުރިން ކިޑްނީގައި ހިލަ އުފެދިފައިވާ މީހުންނަށް ޑޮކްޓަރުން ލަފާދެނީ ދުވާލަކު 2.5 ލީޓަރުގެ ކުޑަކަމު ނަޖިސް ދާވަރަށް ފެން ބުއިމަށެވެ. އެހެނީ ކުޑަކަމު ނަޖިސް ވީހާވެސް ކުލަ މަޑު ވުމަކީ ގިނައިން ފެން ބޮވޭ ކަމުގެ އަލާމާާތެކެވެ.
ހަމަ އެއާއެކު ކެއުމުގައި ކެއުމުގައި ލޮނު ބޭނުން ކުރާ މިންވަރު މަދު ކުރުމަކީ ކިޑްނީގައި ހިލަ ހެދުމާއި އަދި އެހެނިހެން ގިނަ ސިއްހީ މައްސަލަތަކުން ވެސް ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ކެލްސިއަމް ހިލައަކީ އާންމުކޮށް ކިޑްނީގައި އުފެދޭ ހިލައިގެ ބާވަތެއް ނަމަވެސް ކެއުމުގައި ކެލްސިއަމް މަދު ކުރުމަކީ ޑޮކްޓަރުން ލަފާދޭ ކަމެއް ނޫނެވެ. އާންމު ގޮތެއްގައި ކެއުމުގައި ހިމެނޭ ކެލްސިއަމްގެ ސަބަބުން ހިލަ އުފެދުމަށް މެދުވެރިއެއް ނުކުރެ އެވެ. ނަމަވެސް ކެލްސިއަމް ސަޕްލިމެންޓްސް ނުވަތަ ގުޅައިގެ ގޮތުގައި ހުންނަ ކެލްސިއަމް އެކުލެވޭ އެކި ބޭސްފަދަ ތަކެތި ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރި ކުރުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެފަދަ ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ.