ދުނިޔެ

އިނގިރޭސި ތެޔޮ ބޯޓު ހިފަހައްޓާ ވީޑިއޯ އިރާނުން އާންމުކޮށްފި

ހޮރްމޫޒް ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރު ހިފަހައްޓާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އިރާނުން އާންމު ކޮށްފި އެވެ.

އިރާންގެ ގައުމީ ޓީވީން އާންމުކުރި އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޓޭންކަރު ދަތުރު ކުރަމުން ދަނިކޮށް އިރާނުގެ ސިފައިން ވަނީ ހެލިކެޕްޓަރެއްގައި ވަލެއް އެއްސުމަށްފަހު ޓޭންކަރަށް ފައިބާފަ އެވެ. އޭރު އަސްކަރިއްޔާގެ ކުދި އުޅަނދުތައް ޓޭންކަރު ވަށައިގެން ދިޔައީ ދަތުރު ކުރަމުންނެވެ. ވީޑިއޯއިން ފެންނަ ހުރިހާ ސިފައިން ވެސް ތިބީ ކަޅު ކުލައިގެ މާސްކެއް އަޅައި މޫނު ނިވާ ކޮށްގެންނެވެ.

މި ވީޑިއޯ އަކީ ހެލިކެޕްޓަރުންނާއި ޓޭންކަރު ހިފަހައްޓަން ދިޔަ ކަނޑު އުޅަނދުތަކުން ކޮށްފައިވާ ވީޑިއޯ އެއްކަމަށް ވެސް އަސްކަރިއްޔާ އާއި ހަވަލާދީ ގައުމީ ޓީވީން ބުންޏެވެ.

ވީޑިއޯ އާންމު ކުރުމާއެކު އިނގިރޭސިވިލާތާއި ޔޫރަޕްގެ އެހެން ގައުމުތަކުން ވަނީ ކަންބޮނޑުވުން ފާޅުކޮށްފަ އެވެ. އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ޖާމީ ހަންޓް ވަނީ ވަގުތުން ވަގުތަށް ޓޭންކަރު ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި ޓޭންކަރުގައި ތިބި 23 ފަޅުވެރިންގެ ސިއްހީ ހަލަތާމެދު ކަންބޮނޑުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހަންޓް ވިދާޅުވީ، އިރާންގެ ސަބަބުން މިހާރު ހޮރުމުޒް ކަނޑު އޮޅިން ދަތުރުކުރާ އުޅަނދުތަކަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ހަންޓް އިތުރަށް ވިދާޅުވީ، ފޯނުން ގުޅުއްވައިގެން އިރާނާއި މަޝްވަރާ ކުރެއްވި ނަމަވެސް އެދެވޭ ނަތީޖާއެއް ހާސިލްވެފައި ނުވާ ކަމަށެވެ.

ސްޓެނާ އިމްޕީރޯ ކިޔާ އިނގިރޭސިވިލާތުގެ އެ ޓޭންކަރު ހިފެހެއްޓީ ބައިނަލްއަގްވާމީ ކަނޑުދަތުރުތަކާބެހޭ ގާނޫނާއި ހިލާފުވުމުން ކަމަށް އިރާނުން ވަނީ ބުނެފަ އެވެ. އިނގިރޭސިވިލާތުން ވެސް ވަނީ އިރާންގެ ޓޭންކަރެއް ސީރިއާއަށް ތެޔޮ ގެންދަން އުޅޭ ކަމަށް ބުނެ ހިފަހައްޓާފަ އެވެ. އެ ޓޭންކަރު އަދިވެސް އޮތީ އިނގިރޭސީންގެ ބެލުމުގެ ދަށުގަ އެވެ.